އަންނަ އަހަރުވެސް 20،000 ބިދޭސީން ފޮނުވާލުމުގެ އަމާޒު

ޖުލައި 19، 2020: ބިދޭސީން އަނބުރާ ގައުމަށް ފުރުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އުޅޭ ބިދޭސިންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ 20،000 ބިދޭސީން ފޮނުވާލުމަކީ އަމާޒު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ބިދޭސީންގެ މައްސަލަ ހައްލުވަންދެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިއަހަރުވެސް 20،000 ބިދޭސިން ފޮނުވާލުމަށް އަމާޒު ކުރި ނަމަވެސް އެ އަމާޒު ހާސިލް ނުވި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މި އަަހަރުގެ މިހާތަނަށް ގަވައިދާ ހިލާފަށް އުޅޭ 7،000 އެއްހައި ބިދޭސީން ފޮނުވާލެވިފައިވާ ކަމަށާއި އަހަރު ނިމޭއިރު 10،000 ބިދޭސީން ފޮނުވާލެވޭނެެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ކަން މިކުރަނީ ބަންގްލަދޭޝް ސަރުކާރުގެ ހުއްދަތައް ހޯދައިގެން. މިހާރު މި އޮންނަނީ ހަފްތާއަކު އެއް [ރެޕަޓްރިއޭޝަން ] ފްލައިޓަށް ހުއްދަ،" މިނިސްޓަރު ވިދާޅުވިއެވެ.

މި ދަތުރުތައް އިތުރުކުރަން ބަންގްލަދޭޝް ހައިކޮމިޝަނާއެކު މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސައްހަ ލިޔެކިޔުންނެތި ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު އެނބުރި ގައުމަށްދާން އެދޭކަމަށައި ނަމަވެސް މީހުން ފޮނުވާލެވެނީ ޕާސްޕޯޓު ހެދޭ މިންވަރަކުން ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބަންގްލަދޭޝްގެ 150،000 އަށްވުރެ ގިނަ މީހުން އުޅެމުން ދަނިކޮށް އެ ގައުމުން އަން ސްކިލްޑް ލޭބަރުން ގެނައުން 2019 ވަނަ އަހަރު މެދުކަނޑާލި ކަމަށެވެ. އޭގެ ތެރެއިން 60،000 އާއި 80،000 އާއި ދެމެދުގެ މީހުންނަކީ ސައްހަ ލިޔެކިޔުން ނެތް މީހުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު މިހާތަނަށް ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް 7000 އަށްވުރެ ގިނަ މީހުންނާއި ސައްހަ ލިޔެކިޔުން އޮތް މީހުންގެ ތެރެއިންވެސް 8000 މީހުން އެނބުރި ގައުމަށް ގޮސްފައިވާކަމަށެވެ.

ޖުމްލަ 13،000 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން ގައުމަށް ދިޔައިރު އަލަށް ރާއްޖެ އައީ ބަންގްލަދޭޝްގެ 2،000 މީހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީން އަނބުރާ ފޮނުވާލުމަށް ކުރެވުނު މަސައްކަތާމެެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކުންވެސް އެކަން ބަލައިގެންފައިވާ ކަމަށެވެ.

comment ކޮމެންޓް