ޑާކްރެއިންގެ "ރޫމީ އާ ޖަންނަތު" ތަފާތު ދައްކާނެ

ރޫމީ އާ ޖަންނަތު ގެ ތަރިން---

ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓުން އާ ވެބް ސީރީޒެއް އިއުލާންކޮށްފި އެވެ.

ވަރުގަދަ ބިޔަ ބޮޑު ކާސްޓަކާއެކު ވެބް ސީރީޒްގެ ތަރިން ވެސް މިހާރު ހާމަކޮށްފައިވާއިރު މި ސީރީޒްގެ ނަމަކީ "ރޫމީ އާ ޖަންނަތު" އެވެ. ނަމުން ވެސް މި ސީރީޒްގެ ތަފާތުކަން ހާމަވެ އެވެ.

ސީރީޒްގެ ޝޫޓިން ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާއިރު "ރޫމީ އާ ޖަންނަތު" އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ދެމުން މުހައްމަދު އަލީ (މޮގާ) ބުނީ މި ސީރީޒްއަކީ ސިޓްކޮމެއް ކަމަށާއި މީގެ ސްކްރީންޕްލޭ ތައްޔާރުކުރީ އައިޝަތު ފުއާދު ތައުފީގު އާއި އަހުމަދު ތަލާލް ކަމަށެވެ. އަދި މިއީ އަލީ ޝިފާއު (ޗިއްޕެ) އާއި މުހައްމަދު ފައިސަލް ޑައިރެކްޓްކޮށް ގެނެސްދޭ ސީރީޒްއެކެވެ.

މި ސީރީޒްގައި މަޖޫ ފެނިގެންދާނީ އެމްއެންޑީއޭފްގެ ޔުނިފޯމްގަ އެވެ. މޮގާ ބުނީ ސީރީޒްގެ މަސައްކަތްތަކުގައި އެމްއެންޑީއެފްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ. ސީރީޒްގައި މަޖޫ އަކީ ފަޔާފައިޓަރެކެވެ.

މީޑިއާނެޓްގެ "މައިޓީވީ" އިން ދެއްކުމަށް ހަމަޖެހިފައިވާ ސީރީޒް އަދި ދައްކާނެ ދުވަހެއް ހާމަކޮށްފައެއް ނުވެ އެވެ. ކޮމެޑީ ސްޓައިލަކަށް ގެނެސްދޭ "ރޫމީ އާ ޖަންނަތު" ގައި އާ ކުދިން ވެސް ފެނިގެންދާނެ ކަމަށް މޮގާ ވަނީ ބުނެފަ އެވެ.

"ފުރަތަމަ ސީޒަން މިހާރު މި ޝޫޓްކުރަނީ. އެއަށްފަހު ދެވަނަ ސީޒަންގެ މަސައްކަތް ފަށާނީ. އާންމުންގެ ތަރުހީބު ލިބޭ ވަރަކުން ކުރިއަށް ގެންދަން ގަސްތުކޮށްގެން މިތިބީ. ސީޒަނެއްގައި 15 އެޕިސޯޑު ހިމެނޭނީ،" މޮގާ ބުންޏެވެ.

ރޫމީ އާ ޖަންނަތުގެ ތަރިންނަކީ އަބްދުﷲ ޝާފިއު (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބް، ރޯނު ހަސަން މަނިކު، މުހައްމަަދު ފައިސަލް، އަހުމަދު ސައީދުގެ އިތުރުން އާދަމް ރިޒްވީ (ރެކްސް) ގެ އިތުރުން ތެރީސާ މޭ ވެސް މި ވެބްސީރީޒުން ފެނިގެންދާނެ އެވެ.

comment ކޮމެންޓް