ލޯނު ސްކީމާއި ސްކޮލަޝިޕް އަދި ހިލޭ ކިޔެވުމަށް 551 މިލިއަން ރުފިޔާ ކަނޑައަޅައިފި

މަތީ ތައުލީމާ ގުޅޭ ފުރުސަތުތަކާ ބެހޭ މައުލޫމާތި ދިނުމަށް ގްލޯނެޓުން ބޭއްވި ފެއާއެއްގެ ތެރެއިން--

މަތީ ތައުލީމުގެ އެކި ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުން ލޯން ސްކީމާއި ސްކޮލަޝިޕް އަދި ހިލޭ ކިޔެވުމަށް 551 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ބަޔާން މަޖިލީހުގައި ހުށަހަޅަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރު ތައުލީމުގެ އެކި ކަންކަމަށް ހަތަރު ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ.

މިއީ އިގްތިސާދީ ހަރަކާތްތައް ފުޅާވެ، އަލުން ތަރުތީބުވެ، އާރާސްތުކުރަމުންދާ ދަނޑިވަޅެއްގައި ބޭނުންވާ ވޯކްފޯސް ބިނާކުރުމަށާއި، ތައުލީމަށްޓަކައި ހިޖުރަކުރަން ޖެހޭ މިންވަރު ކުޑަކުރުމަށް އިސްކަންދީގެން ކަނޑައެޅިފައިވާ ބަޖެޓެއްކަން އަމީރު ފާހަގަކުރެއްވި އެވެ.

"ތައުލީމީ ދާއިރާއަކީ އެއްދާއިރާއަކުން އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ރޭވިފައިވާ އެއް ދާއިރާ. މިގޮތުން 105 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ރޭވިފައިވޭ. މީގެ ތެރޭގައި ސްކޫލު ތަކާއި، ކްލާސްރޫމްތަކާއި، ތައުލީމީ ވަސީލަތްތައް ބިނާ ކުރުމަށް ހަރަދު ކުރެވޭނެ. އަދި ތައުލީމީ ދާއިރާއަށް ކުރެވޭ ހޭދައިން ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަކީ މިސަރުކާރުގެ އަމާޒެއް." އަމީރު ވިދާޅުވި އެވެ.

އަމީރު އިތުރަށް ވިދާޅުވީ ސަރަހައްދީ ތަރައްގީގެ ތަސައްވަރުގެ ދަށުން ހާއްސަ އިސްކަމެއްދީގެން ވަށާ ޖެހޭ ތައުލީމީ ނިޒާމެއް ގާއިމްކުރަން ބޭނުންވާ ވަސީލަތްތައް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ގާއިމްކުރަން ބަޖެޓުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އިގްތިސާދެއް ބިނާކުރުމުގައި ޒުވާނުންގެ ދައުރު ފުޅާކުރަން ޖެހޭކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ ޒުވާނުންގެ ގާބިލިއްޔަތު އިތުރުކޮށް، ޒުވާނުންގެ ހުނަރާއި ގާބިލިއްޔަތު އުފެއްދުންތެރި ދާއިރާތަކަށް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

"ޒުވާނުންގެ ހުނަރު ތަރައްގީކުރުމަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، 2021 ވަނަ އަހަރުގެ ބަޖެޓުގައި ވާނީ ގިނަ މަޝްރޫއުތަކަކާއި ޕްރޮގްރާމް ތަކެއް ރޭވިފައި. މިގޮތުން ލ. އަތޮޅުގައި ޓުއަރިޒަމް ޓްރެއިނިންގ ފެސިލިޓީއެއް ގާއިމުކުރުމަށް ވާނީ ބަޖެޓުކުރެވިފައި. ހުޅުމާލެ، ކުޅުދުއްފުށި، ފުވައްމުލައް އަދި ރ. އަލިފުށީގައި އެންމެ ޒާމާނީ ޓިވެޓް އިންސްޓިޓިއުޓުތައް ގާއިމުކުރުމަށް ވެސް ބަޖެޓުގައި ވާނީ ހިމެނިފައި." އަމީރު ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ޖޫނިއާ ކޮލެޖު ގާއިމުކޮށް ގައުމީ ޔުނިވަރސިޓީގެ ވަސީލަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ކުރުމަށް ވެސް ބަޖެޓުގައި ވަނީ ހުށަހަޅައިފަ އެވެ.

ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭން ފެށީ މިދިޔަ އަހަރު އެވެ. އޭގެ ދަށުން މިހާތަނަށް 7800 އަށް ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ މަގުފަހިކޮށްދީފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

"އަންނަ އަހަރު މަތީ ތައުލީމު ހާސިލް ކުރުމަށް ދަރިވަރުންނަށް ދެމުންގެންދާ ހަޔާ އެޑިއުކޭޝަން ލޯން ސްކީމަށާއި، ހިލޭ ފަސްޓް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި ސްކޮލަޝިޕްތަކަށް 551 މިލިއަން ރުފިޔާ ހަރަދުކުރުމަށް ބަޖެޓުކުރެވިފައިވޭ. މީގެ އިތުރުން ވަޒީފާ ހޯދާ ފަރާތްތަކަށް ހާއްސަކޮށްގެން ރީ-ސްކިލް ކުރުމުގެ ޕްރޮގްރާމެއް އަންނަ އަހަރުގެ ބަޖެޓުން ފެށޭނެ." އަމީރު ވިދާޅުވި އެވެ.

މިދިޔަ އޮގަސްޓު މަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާ ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން މިހާތަނަށް 763 ސްޓޫޑަންޓް ލޯނު ދޫކޮށް މަތީ ތައުލީމުގެ އެކި ފުރުސަތުތައް ހޯދައިދިނުމަށް 341 މިލިއަން ހަރަދުކޮށްފައިވާ ކަމަށެވެ.

ވަޒީފާ ހޯދާ ފަރާތްތަކަށް ހާއްސަކޮށްގެން ރީ-ސްކިލް ކުރުމުގެ ޕްރޮގްރާމެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައިވާކަމަށް އަމީރު ވިދާޅުވި އެވެ. އަދި ރިޒޯޓުތަކުގެ ސީނިއަރ މެނޭޖްމަންޓް މަގާމުތަކުގައި ދިވެހިން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ބަޖެޓުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް