އޮކްސްފޯޑް ވެކްސިންގެ 22 މިލިއަން ޑޯޒް ހޯދަން އާޖެންޓީނާއިން އެއްބަސްވުމެއް ހަދައިފި

ކޮވިޑް ވެކްސިން ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ވެކްސިނަކީ އޮކްސްފޯޑާއި އަސްޓްރާޒެނެކާގެ ވެކްސިން -- ފޮޓޯ: ރޮއިޓާސް

ބުއެނޮސް އައިރިސް (ނޮވެމްބަރު 9): އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އަސްޓްރާޒެނެކާ ކުންފުނިން އުފައްދާ ކޮވިޑް ވެކްސިންގެ 22 މިލިއަން ޑޯޒް ހޯދަން އާޖެންޓީނާއިން އެ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދައިފި އެވެ.

އަސްޓްރާޒެނެކާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އާޖެންޓީނާއާ އެކު އެ އެއްބަސްވުން ހަދާފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު ވެކްސިންގެ ޑޯޒްތައް ޑެލިވާ ކުރަން ފެއްޓުމުގެ އުއްމީދުގަ އެވެ. ނަމަވެސް ވެކްސިން ފޯރުކޮށް ދެވެން ފަށާނީ މިހާރު ކުރިއަށްގެންދާ ޓެސްޓުތައް ކާމިޔާބު ވުމުންނާއި ވެކްސިން ބޭނުން ކުރަން ހުއްދަތައް ލިބުމުންނެވެ.

އާޖެންޓީނާއިން ދަނީ އަސްޓްރާޒެނެކާގެ ވެކްސިން ލެޓިން އެމެރިކާއަށް ފޯރުކޮށްދިނުމަށްޓަކައި އެ ވެކްސިން އުފެއްދުމުގައި އެހީތެރިވަމުންނެވެ. އަދި އެގައުމުން ދަނީ ރަޝިއާގެ ކޮވިޑް ވެކްސިންގެ 10 މިލިއަން ޑޯޒާއި އެމެރިކާގެ ފައިޒާ ކުންފުނީގެ ވެކްސިންވެސް ހޯދަން މަސައްކަތް ކުރަމުންނެވެ.

އާޖެންޓީނާއިން ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން މިދިޔަ މާޗް މަހު ފުރަބަންދުކޮށް، އެއްވެ އުޅުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅި ނަމަވެސް އެގައުމުގައި ވައިރަސް ވަރަށް ބޮޑަށް ފެތުރިފައިވެ އެވެ. އެގައުމުގައި މިހާތަނަށް 1.23 މިލިއަން މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 33،136 މީހަކު ވަނީ މަރުވެފަ އެވެ.

އާޖެންޓީނާއިން ބުނާ ގޮތުގައި އެގައުމުގައި އަލަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ދަނީ މަދުވަމުންނެވެ.

comment ކޮމެންޓް