10 އަހަރުގެ ލޫތު ޑޫޑުލުން ޖާދޫ ދައްކަނީ

ލޫތު ބިން މުބީން ، ޕްރޮކިއޯ ޕްލަސްގެ ފާރުގައި ޑޫޑޫލް ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ފަޔާޒް މޫސާ

ލޫތު ބިން މުބީން (ލޫތު) ގެ ކިބައިގައި ކުރެހުމަށް ހުރި ޝައުގުވެރިކަން އެންމެ ދެ އަހަރުގައިވެސް ފާހަގަވާން ފެށި އެވެ. އުމުރުން 10 އަހަރުގައި، އޭނާ މިވަނީ ދުނިޔޭގެ ކޮލިޓީ އާޓް ސަޕްލައިސް މާލޭގައި ވިއްކާ ފިހާރައެއް ކަމުގައިވާ ޕްރޮކިއޯ ޕްލަސްގެ ފާރެއްގައި އޭނާގެ ޑޫޑްލިން ހުނަރު ދައްކާލަ ދީފަ އެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ހަތަރެއްގައި މިވަގުތު ކިޔަވަމުން އަންނަ ލޫތު ބުނާގޮތުން އާޓްއަކީ އޭނާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަމެކެވެ. އެންމެ ކުޑައިރުއްސުރެވެސް ކުދި ކުދި ކާޑްތައް ހަދާ ކުރަހައި އަދި ކްލޭ އިން ސްކަލްޕްޗާސް ހަދަމުން އައިއިރު، މިކަމަށް އޭނާގެ ލޯ ހުޅުވާލަދީ ޝައުގުވެރިކޮށްދިނީ މަޝްހޫރު ކުރެހުންތެރިއާ އަދި އިލަސްޓްރޭޓާ އެއްކަމުގައިވާ ވިންސް އޮކާމަން ނުވަތަ ކުރެހުމުގެ ދުނިިޔޭގެ ނަމުންނަމަ ގޯކްސް އެވެ.

ލޫތު ޕްރޮކިއޯ ޕްލަސްގެ ފާރުގައި ޑޫޑޫލް ކުރަނީ -- ސަން ފޮޓޯ/ފަޔާޒް މޫސާ

އިންސްޓަގްރާމުންނާއި ޔޫޓިއުބުން ގޯކްސްގެ ކުރެހުންތަކާއި ޑޫޑްލިން ފެނި މިކަމަށް ޖެހުނު ލޯތްބާއެކު ލޫތު ޑޫޑުލް ކުރަހަން ފެށިތާ މިވީ އެންމެ ދެ އަހަރެވެ. އެހެން ނަމަވެސް ޑޫޑުލްކުރުމުގައި ލޫތުގެ ހުނަރުވެރިކަން ވަކި ކުޑަ އެއް ނޫނެވެ.

ކުރެހުމަށް ލޫތު ކުރާ މަސައްކަތްފެނި އޭނާގެ ނަމުގައި އަމިއްލަ އިންސްޓަގްރާމް އެކައުންޓެއް ހުޅުވާފައިވާއިރު، މި އެކައުންޓުން ލޫތުގެ ގިނަ ކުރެހުންތަކެއް ފެނެ އެވެ. އެންމެ ކުޑައިރު ކްލޭއިން ހެދި ސްކަލްޕްޗާސް ތަކާއި، ކުރެހުންތަކާާއި، ޑޫޑުލްތައް އެ އެކައުންޓުން ފެންނަން އެބަހުއްޓެވެ.

ލޫތު ބުނާގޮތުން އޭނާ އެންމެ ކުރަހާ ހިތްވަނީ ވަރަށް ތަފާތު އެއްޗިއްސެވެ. އަދި މިހާތަނަށް އެންމެ އުފާވީ އޭނާގެ ކުރެހުމަކަށް "ގޯކްސް" ގެ ފަރާތުން ވަރަށް ރަނގަޅު ކޮމެންޓެއް ލިބުމުންނެވެ.

ސްކޫލްގައި ބާއްވާ ތަފާތު އެކިއެކި ހަރަކާތްތަކުގެ ތެރެއިންވެސް ލޫތު އެންމެ ޝައުގުވެރިވަނީ ކުރެހުމާ ގުޅޭ ކަންކަމަށެވެ. ލޫތު މަންމަ ބުނާގޮތުން އޭނާ ކިޔަވަން އިންނާނީވެސް ކަރުދާސްކޮޅަކާއި ކުރަހަން ގެންގުޅޭ ދެތިން ސާމާނެއް ހިފައިގެނެވެ. އަދި ޓީޗަރު ބުނެދެއްވާ ފިލާވަޅަށް ސަމާލުކަން ދެނީވެސް ކުރަހަމުންނެވެ.

ޑޫޑުލް ކުރެވެން ފެށުމާއެކު ލޫތުގެ އައިޕެޑާއި، ފައިވާނާއި މަންމަގެ ފޯނު ކަވަރާއި އަދި ހެލްމެޓްތަކުގައިވެސް ލޫތުވަނީ އޭނާގެ ޑޫޑުލިންގެ ހުނަރު ދައްކާލާފަ އެވެ.

ލޫތު ބުނާގޮތުން އޭނާގެ ކުރެހުންތައް ސްކޫލްގެ ރަހުމަތްރިންނަށާއި އެެހެން މީހުންނަށް ދައްކާލެވި، އެހެން މީހުންގެ ހިޔާލާއި ކޮމެންޓް ހޯދުމަކީ އޭނާ ވަރަށް ބޭނުންވާ ކަމެކެވެ. ނަމަވެސް މިވަގުތު ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްދާތީ ކުރިން ރަހުމަތްތެރިންނަށް ކުރެހުންތައް ދައްކަމުން އައިހެން މިހާރު ނުދެއްކޭތީ އެކަމާ ދެރަވާކަމަށްވެސް އޭނާ ބުންޏެވެ.

ޕްރޮކިއޯ ޕްލަސްއިން ވިއްކާ ސަކޫރާ ބްރޭންޑްގެ ޕެއިންޓް މާކަރުތަކެއް ބޭނުންކޮށްގެން ލޫތު އެ ފިހާރައިގެ ފާރުގައި ކުރެހި ޑޫޑުލްއަކީ މިފަދަ ގޮތަކަށް މިހާތަނަށް އޭނާ ކުރެހި އެންމެ ބޮޑު ކުރެހުމެވެ. އަމިއްލަ ހިޔާލީ ދުނިޔެއެއްގައި ހުރެ، ލޫތު ޑޫޑުލްކުރަމުން ދިޔައީ ވަރަށް ފަސޭހަކަމާއި އެކު އެވެ. ދެ ދުވަހަކަށް ބަހާލައިގެން އޭނާ މިކަން ކުރިއިރު، އެ މަސައްކަތް ބަލާލުމުގެ ފުރުސަތު ސަންގެ ޓީމަށްވެސް ލިބުނެވެ.

ލޫތު ޕްރޮކިއޯ ޕްލަސްގެ ފާރުގައި ޑޫޑޫލް ކުރަނީ -- ސަން ފޮޓޯ/ފަޔާޒް މޫސާ

އެކަނިހުރެ، އޭނާ ކުރަހަމުން ދިޔައީ ހީވެސް ނުކުރާހާ ފަސޭހައިން އަދި އަވަހަށެވެ. ޑޫޑުލްކުރަމުންދިޔައިރު، އެކި ދިމާތަކަށް ތަފާތު އެކި ޖަނަވާރާއި އެކި ކެރެކްޓާސް ސިފަވާގޮތަށް ކާޓޫނިޝް ގޮތަކަށް ގެންނަމުންދިޔައީ ހަމަ އެއްވެސް އެހެން ކުރެހުމަކަށް ފޮޓޯއަކަށް ބެލުމެއް ނެތި އެވެ. ލޫތު ބުނާގޮތުން މިއީ ހުސްވެސް އޭނާގެ ސިކުނޑީގެ ތެރޭގައި ސިފަވާ އެއްޗިއްސެވެ.

ލޫތުގެ މި ޑޫޑުލްއާ އެކު ޕްރޮކިއޯ ޕްލަސްގެ ހަތަރުފާރުގެ ތެރެއަށް އިތުރު މުއްސަނދިކަމެއް ގެނެސްފި އެވެ. ލޫތުގެ މި ޑޫޑްލިން އަކީ އެ ފިހާރައިން އެތެރެކުރާ ސަކޫރާ، ޔޮސޯގާ އަދި މުންޖޯ ބްރޭންޑްގެ އާޓް ސަޕްލައިސް ލޯންޗްކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ބައެކެވެ.

ޕްރޮކިއޯ ޕްލަސްގެ ފާރުގައި ލޫތުގެ ޑޫޑުލް ފުރިހަމަ ކޮށްފައި -- ސަން ފޮޓޯ/ފަޔާޒް މޫސާ

މިފަދަ ފުރުސަތަކުން ކުރެހުންތެރިއަކަށްވުމުގެ އުންމީދުގައި ހުރި ކުޑަ ލޫތުއަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދީފި އެވެ. ލޫތު މި ދާއިރާއިން އިތުރަށް ކިޔަވަން ގަސްތުކުރާއިރު، އޭނާ އެންމެ ދެކެން ބޭނުންވަނީ އަމިއްލަ ޔޫޓިއުބް އެކައުންޓެއް ހުޅުވާ އާޓްގެ މަސައްކަތްތައް ވީހާވެސް ގިނަ ބައަކަށް ދެއްކޭނެ ދުވަހެކެވެ.

comment ކޮމެންޓް