ޖޯ ބައިޑަންގެ ހަޔާތްޕުޅަށް އަވަސް ކަޅިއެއް

އެމެރިކާގެ ރައީސުލް މުންތަޚަބު ޖޯސެފް ރޮބިނޭޓް ބައިޑަން (77 އަހަރު)

އެމެރިކާގެ 46 ވަނަ ރައީސްކަމަށް އިންތިހާބުވެފައިވާ ޖޯ ބައިޑަން (ޖޯސެފް ރޮބިނޭޓް ބައިޑަން) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 1942 ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ޕެންސިލްވީނިއާ ސްޓޭޓްގެ ސްކްރަންޓޮން ސަރަހައްދުގަ އެވެ. އެއީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރެވެ.

ތުއްޕުޅު ދުވަސްވަރު

ތުއްޕުޅު ދުވަސްވަރު ޕެންސިލްވީނިއާގައި ތައުލީމު ހާސިލް ކުރެއްވިއިރު އުޅުއްވަންޖެހިވަޑައިގަތީ ވަރަށް ފަގީރު ހާލަތެއްގަ އެވެ. ބައްޕާފުޅު، ޖޯ ބައިޑަން ސީނިއާ އަކީ ހީޓަރާއި، ބޮއިލަރާއި ދުންހޮޅި ފަދަ ތަކެތި ސާފު ކުރުމާއި، ބައު ކާރު ގަތުމަށް ފަހު މަރާމާތުކޮށްގެން އެތަކެތި ވިއްކުމުގެ މަސައްކަތުގައި އުޅުއްވި ފަގީރު ބޭފުޅެކެވެ. މަންމާފުޅަކީ ހައުސް ވައިފް އެކެވެ.

ބައިޑަން ތުއްޕުޅު ދުވަސްވަރުގައިސްކޫލް ދުވަސްވަރު ސްކޫލުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ކުޑައިރުގައާއި ޒުވާން ދުވަސްވަރު ޖޯ ބައިޑަން އެކިބާވަތުގެ މަސައްކަތްތަށް ކުރެއްވިއެވެ. މީގެތެރޭގައި އިމާރާތްތަކުގައި ކުލައާއި ދަވާލުލުމާއި ފޮޅައި ސާފުކުރުމާއި ކުޑަދޮރުތައް ދޮވުމާއި ބަގީޗާތައް ބެލެހެއްޓުމާއި އެތަންތަނުގެ ވިނަ ނޮޅައިދިނުން ފަދަކަންކަން ހިމެނެއެވެ.

މަތީ ތައުލީމުގެ ދުވަސްވަރު

މަތީ ތައުލީމު ޙާސިލް ކުރެއްވީ ޑެލެވާ ޔުނިވާސިޓީންނާއި އާޗްމެއާ އެކަޑަމީންނެވެ. ތާރީހާއި ޕޮލިޓިކަލް ސައެންސްގެ ރޮނގުން ފަސްޓް ޑިގްރީ ހާސިލް ކުރައްވައިގެން ގްރޭޖްއޭޓްވެ ވަޑައިގެންނެވީ 1965 ގައެވެ. އެއަށް ފަހު މާސްޓާސް ހެއްދެވީ ގާނޫނީ ދާއިރާއިން ސައިރެކްރުޒް ޔުނިވާސިޓީގެ ކޮލެޖް އޮފް ލޯ އިން 1968 ވަނައަރުއެވެ. މަތީ ތައުލީމު ހާސިލް ކުރައްވައިގެން ފުރަތަމަ މަސައްކަތް ކުރެއްވީ ގާނޫނީ ވަކީލެއްގެ ގޮތުގައެވެ.

ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުން

ބައިޑަން ސިޔާސީ ދާއިރާއަށް ވަދެވަޑައިގެންނެވީ 1969 ވަނައަހަރު އެވެ. އެއީ ޑިމޮކްރަޓިކް ޕާޓީއަށް ވަދެވަޑައިގެން އެޕާޓީގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެއްޓެވުމުންނެވެ. ނަވާރަސަތޭކަ ހަތްދިހަ ވަނަ އަހަރު، ނިއުކާސަލް ކައުންޓީ ކައުންސިލްގެ މެންބަރުކަން ހޯއްދެވި އެވެ. އަދި 1971 ވަނައަހަރު އަމިއްލަ ލޯފާމް އެއް އުފައްދަވައިގެން އާމްދަނީ ހޯދުމަށް ޓަކައި އިތުރު މަސައްކަތެއް ފެއްޓެވި އެވެ. އޭގެކުރިން ވެސް ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

އެކްސިޑެންޓެއްގައި އަނބިކަނބަލުންނާއި ދަރިކަނބަލުން އަވަހާރަވުން

ބައިޑަންގެ ފުރަތަމަ އަނބިކަނބަލުންނަކީ 1966 ވަނައަހަރު ކައިވެނި ބައްލަވައިގެންނެވި ނެއިލިއާ ހަންޓާއެވެ. ނަވާރަސަތޭކަ ހަތްދިހަ ދެ ވަނަ އަހަރު ޖޯ ބައިޑަން ވަރަށް ހިތާމަވެރި ހާދިސާއަކީ ކުރިމަތިލަން ޖެހިވަޑައިގެންނެވި އެވެ. އެއީ 1972 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅެ ހިނގި މަގުމަތީގެ އެކްސިޑެންޓެއްގައި އަނބިކަނބަލުން ނެއިލިއާ އާއި ތިން ދަރިން ދަތުރު ކުރައްވަމުން ގެންދެވި ކާރު އެކްސިޑެންޓްވެ އަނބިކަނބަލުންނާއި އަންހެން ދަރިފުޅު އަވަހާރަވި ހާދިސާ އެވެ. ފިރިހެން ދެ ދަރިކަލުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. ނަމަވެސް ހޮސްޕިޓަލުގައި އެނދުމަތިކޮށް ގިނަ ދުވަހު ދިން ފަރުވާއާ އެކު އެދެބޭފުޅުންގެ ފުރާނަ ސަލާމަތްވި އެވެ.

ބައިޑަން ޖިލް އާ ކައިވެނި ކުރެއްވި އަހަރު

އެދުވަސްވަރު ބައިޑަން ސިޔާސީ ހަޔާތާ ދުރުވާންވެސް މަސައްކަތް ކުރެއްވި ކަމަށްވެ އެވެ. ނަމަވެސް އާއިލާގެ ބާކީ ތިއްބެވި ދެ ބޭފުޅުންނާ އަދި ތިމާގެމީހުންގެ އެހީއާއި އެއްބާރުލުމާއެކު ޑެލަވެއާގެ ސެނެޓް މެންބަރެއްގެ ގޮތުގައި ސިޔާސީ ހަޔާތާ ދުރަށް ނުގޮސް ސެނެޓްގައި ދެމިހުންނެވި އެވެ. އެދުވަސްވަރު ބޭއްވި ސެނެޓްގެ މެމްބަރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވެސް ދެ ދަރިކަލުން ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި އޮތުމުންނާއި އަނބިކަނބަލުން އަވަހާރަވެފައި ވުމުން ބައިޑަން އަށް ބައިވެރިވެ ވަޑައިނުގެންނެވުނެވެ. ފަހުން ހުވާކުރެއްވީ ހޮސްޕިޓަލުގައި ދެ ފިރިހެން ދަރިކަލުން އޮންނެވި ކޮޓަރީގަ އެވެ.

ބައިޑަންއަށް ނަފްސާނީ ގޮތުން ބޮޑެތި މައްސަލަތަކެއް

އަނބިކަނބަލުންނާއި ދަރިކަނބަލުން މަރުވި ހާދިސާގެ ސަބަބުން ބައިޑަންއަށް ނަފްސާނީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވި އެވެ. ހިތްދަތި އަނދިރި ދުވަސްތަކެއް ގިނަކަންޏާ ތަހައްމަލް ކުރަން ޖެހިވަޑައިގެންނެވި އެވެ. އެއަށް ފަހު 1977 ވަނައަހަރު އެހެން އަންހެން ބޭފުޅެއްކަމަށްވާ ޖިލް ޖާކޮބްސް އާ ކައިވެނި ބައްލަވައިގެންނެވި އެވެ. މިއާއެކު ހިތާމަތަކުން ދުރުވުމަށް މަގުފަހިވި އެވެ. ޖިލްގެ ފަރާތުން ވެސް ބައިޑަން އަށް ދަރިން ލިބިވަޑައިގެންނެވި އެވެ.

ބައިޑަން އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ޖިމީ ކާޓަރާއެކު (ކާޓަރުގެ ވެރިކަމުގައި)

އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ސެނެޓްގައި

ބައިޑަން ސިޔާސީ ގޮތުން އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ސެނެޓްގައި ޑެލަވެއާ ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައެވެ. ބައިޑަންއަކީ އެމެރިކާގެ ތާރީހުގައި ވެސް އެންމެ ހަގު އުމުރުގައި ސެނެޓުގެ މެންބަރުކަން ކަށަވަރު ކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ނަވާރަސަތޭކަ ހަތް ދިހަ ތިން ވަނަ އަހަރު ސެނެޓްގައި ޑެލަވެއާ ތަމްސީލްކުރާ ސެނެޓްގެ މެންބަރަކަށް ފުރަތަމަ ބައިޑަން އިންތިޚބުވިއިރު އޭނާގެ އުމުރަކީ އެންމެ 29 އަހަރެވެ.

ނަވާރަސަތޭކަ ހަތްދިހަ ތިނަކުން 2009 ވަނައަހަރާ ހަމައަށް 36 އަހަރު ސެނެޓަރެއްގެ ގޮތުގައި ހިދުމަތް ކުރެއްވިއިރު ސިޔާސީ ވަރަށްގިނަ ތަޖްރިބާތަކެއް ހާސިލް ކުރެއްވި އެވެ. ޚާއްސަކޮށް އެމެރިކާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން ގެންދިޔަ ހަނގުރާމަތަކާއި ހިންގަމުން ގެންދިޔަ ތަޅާފޮޅުމުގެ ހަރުކަށި އަމަލުތަކާ ދެކޮޅަށް ސެނެޓްގައި ބައިޑަން އަބަދުވެސް އަޑުއުފުއްލެވި އެވެ. ސެނެޓްގައި ހޭދަ ކުރެއްވި ދިގު މުއްދަތުގައި ސެނެޓްގެ ބައްދަލުވުންތަކަށް ބައިޑަން ވަޑައިގެންފައިވަނީ ރޭލުގަ އެވެ. ރޭލުގައި 7000 އަށް ވުރެ ގިނަ ދަތުރު އޭނާ ކުރެއްވި ކަމަށްވެ އެވެ.

އޮބާމާއެކު ވައިޓް ހައުސްގައި (އޮބާމާގެ ވެރިކަމުގައި)

2008 ވަނައަހަރު އެމެރިކާގެ ނައިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި

ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބަރަކްގެ އޮބާމާގެ ރަނިންމޭޓެއްގެ ގޮތުގައި އެމެރިކާގެ ނައިބު ރައީސްކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގަތުމާ ހަމައަށް ބައިޑަން ހުންނެވީ ސެނެޓްގެ މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް އެމެރިކާގެ ސިޔާސީ މަސްރަހުގައި ބައިޑަންގެ ނަން ވިދަންފެށީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޮބާމާގެ ރަނިންމޭޓަކަށް ވެވަޑައިގަތުމުންނެވެ. އޮބާމާ ޖެހިޖެހިގެން ދެ ދައުރު ކާމިޔާބު ކުރެއްވިއިރު އެ ދެދައުރުގައި ވެސް ނައިބު ރައީސަކީ ބައިޑަންއެވެ. އެއީ އެމެރިކާގެ 47 ވަނަ ނައިބު ރައީސްގެ ގޮތުގަ އެވެ.

ވާދަވެރި އިންތިޚާބެއްގައި ޓްރަމްޕް ބަލިކޮށް އެމެރިކާގެ ރިޔާސަތު ކަށަވަރު ކުރެއްވުން

ދެހާސް ސޯޅަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަން އުޅުއްވި ނަމަވެސް ފަހުން އެކަން ދޫކޮށްލެއްވި އެވެ. އެއީ އޭނާގެ ދަރިކަލުން ހަންޓާ ބައިޑަން ކެންސަރުގެ އާލާސްކަންފުޅެއްގައި އަވަހާރަވުމާ ގުޅިގެން ލިބިވަޑައިގެންނެވި ހިތާމައިގެ ސަބަބުންނެވެ. އެއަށް ފަހު ހިމޭންކޮށް ހުންނެވުމަށް ފަހު މިއަހަރުގެ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ބައިވެރިވެ ވަޑައިގެން ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕާ ކުރިމަތިލައްވައި ބޮޑު ތަފާތަކުން ޓްރަމްޕް ބަލިކުރައްވައި ބައިޑެން މިވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. (އެމެރިކާގެ މީޑިއާ)

ގުޅޭ ޓެގު
comment ކޮމެންޓް