އޭއެފްސީ ބްރެކެޓް ޗެލެންޖް: ގަދަ 16 ގައި އަޝްފާގާއި ބަންގްލަދޭޝްގެ ސޮހެލް ރަނާގެ ކުރިމަތިލުމެއް

އަލީ އަޝްފާގު (ކ) ސޮހެލް ރަނާ (ވ) ---

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ގަދަ 16 ގައި ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ޖަހާފައިވާ ގޯލާއި ބަންގްލަދޭޝްގެ ސޮހެލް ރަނާ ޖަހާފައިވާ ގޯލު ގަދަ ހިފުމަކަށް ގޮސްފި އެވެ.

އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ފަހަކަށް އައިސް އަންނަނީ އެ އިދާރާގެ ދެވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ކަޕްގައި ޖަހާފައިވާ މޮޅެތި ގޯލްތައް ކެޓަގަރީކޮށް ތަފާތު ގޮތްގޮތަށް ޖަހާފައިވާ ގޯލުތައް ސަޕޯޓަރުންގެ ވޯޓާ އެކު ގިންތި ކުރަމުންނެވެ.

އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

އެގޮތުން މި ޗެލެންޖުގެ ފުރަތަމަ ބުރުގައި އަޝްފާގާއި ވާދަކުރީ އޭއެފްސީ ކަޕް ތިން ފަހަރަށް ކާމިޔާބު ކުރި ކުވައިތު އެފްސީއަށް ރޮޖެރީނިއޯ ޖަހައިދިން ގޯލެވެ. ޗެލެންޖުގެ ފުރަތަމަ ރައުންޑުން އަޝްފާގު ކުރި ހޯދާފައިވަނީ ވޯޓުލީ މީހުންގެ 97 އިންސައްތަ ވޯޓާއެކުގައެވެ.

މި ގޯލަކީ ނިއުރޭޑިއަންޓާއި އިންޑޮނޭޝިއާގެ ޕާސިބޯ ބައްދަލު ކުރި މެޗުގައި އަޝްފާގު ޖެހި ހިތްގައިމު ގޯލެކެވެ. މުހައްމަދު އުމޭރު ދިން ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި އިދިކޮޅު ޓީމުގެ އޭރިއާ ތެރެއަށް ވަންނަން ދިޔައިރު ފަހަތުން ޕާސިބޯގެ ތިން ޑިފެންޑަރަކާއި ޕާސިބޯގެ ގޯލްކީޕަރު ކައިރިން ބޭނުން އެއްޗެއް ހަދާފައި ދަގަނޑޭ އެ ބޯޅަ ގޯލަށް ވައްދާލީ "ޗިޕަކުން" ނެވެ. މީގެކުރިން އެ އިދާރާގެ ޕޭޖުން ހިންގާ އެންމެ ރީތި ސޯލޯ ގޯލް ޗެލެންޖުގެ އެއްވަނަ، ވޯޓުލީ މީހުންގެ ބޮޑު ތާއީދަކާ އެކު އަޝްފާގުގެ މިގޯލު ވަނީ ހޯދާފައެވެ.

ބޮޑު ކާމިޔާބީއަކާ އެކު މި ޗެލެންޖުގެ ގަދަ ސޯޅައިގެ ކުރިމަތިލުމަށް އަޝްފާގު ދިޔައިރު، އޭނާއާ ވާދަކުރަން ޖެހެނީ ބަންގްލަދޭޝްގެ އަބަހާނީއަށް 2019 ވަނަ އަހަރު ސޮހެލް ރަނާ ޖަހައިދިން ގޯލެވެ. ޑީޕީއާރު ކޮރެއާ 4.25 ކޮޅަށް އޭނާ އެ ގޯލު ޖަހަނީ 25 ޔާޑު ދުރުންނެވެ. ބާރު ސްޕީޑުގައި ޖެހި އެ ބޯޅަ ކަނަށް އަމާޒުކޮށްލައިގެން ސޮހެލް ޖެހި އެ ގޯލާ އެކު އޭނާ ގަދަ 16 އަށް އައީ ފޔރަތަމަ ބުރުގައި ހޯމް ޔުނައިޓެޑްގެ ޚައިރުން ނިޒާމް ބަލިކުރުމަށްފަހު އެވެ.

ނޮވެމްބަރު އަށެއްގެ 06:00 ޖެހުމާއި ހަމައަށް މި ގޯލުތަކަށް ވޯޓުދޭން އޭއެފްސީން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

comment ކޮމެންޓް