ޖަވީދު ކިޔައިދެނީ ކާމިޔާބު ވިޔަފާރިއެއްގެ ވާހަކަ

މުހައްމަދު ޖަވީދު، ގއ.ގެމަނަފުށި

ވިޔަފާރަވެރިއަކަށްވުމުގެ އުންމީދުގައި ހުރި މުހައްމަދު ޖަވީދު، (ޖޭންޑީ) އޭނާގެ ފުރަތަމަ އަމިއްލަ ވިޔަފާރި ފެށީ އުމުރުން އެންމެ 19 އަހަރެވެ. އޭރުގެ އިސްލާމިއްޔާ ނުވަތަ މިހާރުގެ އައްޑޫ ހައި ސްކޫލުން ސާނަވީ ތައުލީމު ފުރިހަމަ ކުރުމަށްފަހު ރަންކުލަތަކާއި އެކު، އޭނާ ދިޔައީ ބައްޕައާއި އެކު މަހަށެވެ. ނަސީބު އައިސް އަތުގައި ހިފާ އެދުވަހު ލިބުނު ލާރިކޮޅުން އޭނާ ފެށީ "ހައްޕުންޑާ" ގާޑިޔާ އެވެ. އެ ބިންގަލުގެ މަތީ ހުރެ އޭނާ މިއަދުވެސް ކިޔާދެމުންދަނީ އަމިއްލަ ހުވަފެންތަކުގައި ކުލަޖެއްސުމުގެ ފޮނި އުންމީދުގެ ވާހަަކަ އެވެ.

އިސްލާމިއްޔާ ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާއެއްގައި ޖަވީދު ----- ފޮޓޯ ޖަވީދު

ތައުލީމީ ހަޔާތް ކުލަގަދަ

ޖަވީދު އަކީ ގއ.ގެމަނަފުއްޓަށް އުފަން އުމުރުން 30 އަހަރުގެ ޒުވާނެކެވެ. ކުދި އަދި މެދުފަންތީގެ ކާމިޔާބު ވިޔަފާރިވެރި އެކެވެ. ގެމަނަފުށީ ސްކޫލުން ދިވެހި މީޑިއަމް އަށް ކިޔެވުމަށްފަހު، އިތުރަން ކިޔެވުން ފުރިހަމަ ހަމަކުރުމަށް ހިތަދޫ އޭއީސީ (މިހާރުގެ ޝަރަފުއްދީން ސްކޫލް) އަށް ދިޔައިރު އެނގޭ ހަމަ އެކައްޗެއްވެސް ނެތްކަމަށް ޖަވީދު ބުންޏެވެ،

" ގެމަނަފުށީގައި ކިޔެވީ ދިވެހި މީޑިއަމްއަށް. ސައިންސާއި ސޯޝަލް ސްޓަޑީސް ފަދަ މާޢްދާތައްވެސް ކިޔެވީ ދިވެހިން. ދެން އައްޑޫ ހިތަދޫ ސްކޫލަށް ސްކޫލަށް ދިޔައީ އިނގިރޭސި މީޑިއަމް އަށް ކިޔަވަން. ހަމަ އެނގޭ އެކައްޗެއްވެސް ނެތް. އެކަަމަކު، މަޑުމަޑުން ދަސްވެ އޯލެވެލް ނިންމާލީ އިސްލާމިއްޔާގައި ކެޕްޓަންކަންވެސް ކޮށްފައި" ޖަވީދު ބުންޏެވެ.

ބީރަށްޓެހި ރަށެއްގައި، އެއްވެސް އެއްޗެއް ނޭނގިހުރެ ތައުލީމު ހާސިލްކުރުމަށް ޖަވީދު ކުރި ހިތްވަރުގެ ނަތީޖާ ކިތަންމެހާވެސް ފޮންޏެވެ. އިސްލާމިއްޔާ ސްކޫލްގެ އެންމެ އިސް ދަރިވަރުގެ މަގާމާއި ހިސާބަށް އޭނާ ކުރި ދަތުރަކީ، ގަދަ ކަނޑެއްގައި ނިކަން ސާބިތު ކަމާއި ހިތްވަރާއި އެކު ކުރި ދަތުރެކެވެ. އޭރުވެސް ފެނިގެންދިޔައީ ޖަވީދުގެ ހުނަރުވެރިކަމާއި، ވިސްނުންތޫނުކަމާއި، ކެރުމާއި އިސްނެގުމުގެ ނަމޫނާއެވެ.

"ހައްޕުންޑާ" ގާޑިޔާ، ޖަވީދުގެ ފުރަތަމަ ވިޔަފާރި

އޯލެވެލް ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށްއައިސް ޖަވީދު ދިޔައީ އެނާގެ ބައްޕައާއިއެކު މަހަށެވެ. އޭރުވެސް ގެމަނަފުއްޓަކީ މަސްވެރިކަން ތިޔާގި ރަށެކެވެ. މުޅި ދޯންނަށް ގާތްގަނޑަކަށް 32 ޓަނުގެ މަސް ބޭނުނު އިރު، އެ ދަތުރުން ޖަވީދުއަށް 4000 ރުފިޔާ ލިބުނެވެ. އެ ލާރިކޮޅު ހިފައިގެން މާލެ ގޮސް އޭނާ އެއްކުރީ ގާޑިޔާ ވިޔަފާރިއެއް ފެށުމުގެ ސާމާނެވެ. އައްޑޫއާއި ތިނަދޫގައި އޭރުވެސް އާންމު މި ވިޔަފާރިއަކީ ގެމަނަފުށީގައި މާ ބޮޑަށް އޭރު ކުރި މަސައްކަތެއް ނޫނެވެ. އެހެންކަމުން ރައްޔިތުން ފެނުނީ އާ މަންޒަރެކެވެ. މީހުންގެ މަލާމާތާއި އިހާނެތި ބަަސްވެސް އެދުވަހު އޭނާ އަށް ލިބުނެވެ. އެކަމަކަު އެ އަޒުމަކަށް ބަދަލެއް ނާދެ އެވެ.

"އައްޑޫ ތިނަދޫ ހިސާބުން އޭރުވެސް ހެދިބިލަތް ގަނޑު ވިއްކާ ގާޑިޔާތައް ފެނިފައި ހުރީ. ދެން ވިޔަފާރި ކުރާ ހިތްވާތީ އެ މަސައްކަތް ފެށީ. 'ހައްޕުންޑާ' އަކީ އަސްލު ރަނގަޅަށް ދުފާލައިގެން މީހުން އުކާލާ އެތިކޮޅަށް ރަށުބަހުން ކިޔާ ނަން. ވަރަށް ކާމިޔާބު ވިޔަފާރިއަކަށް އެކަންވީ. އެކަމަކު އެ މަސައްކަތް ހުއްޓާލަންޖެހުނީ ގދ ތިނަދޫ އޭއީސީއިން އޭލެވެލް ހެދުމުގެ ފުރުސަތު ލިބުނީމަ" ޖަވީދު ބުންޏެވެ.

އޭލެވެލް ހެދިއިރުވެސް ޖަވީދުގެ ބޮލުގައި އެނބުރެމުން އައީ ވިޔަފާރީގެ ޚިޔާލުތަކެވެ. ސްކޫލްގެ 'ނޭޗަރ ކްލަބް'ގައި ގަސް އިންދައި ހައްދައި ވިއްކައިގެން ސްކޫލަށް ވިޔަފާރިއެއްވެސް އޭނާގެ އިސްނެގުމުގެ މަތިން އޭރު ކުރެވުނެވެ. އެއާއިއެކު، އެ ސްކޫލްގައިވެސް މީހުންގެ ލޯތްބާއި މަގުބޫލްކަން އޭނާއަށް ލިބުނެވެ. އަދި ކިޔެވުމަށް ބެހެއްޓި ފަރުވާތެރިކަމާއި އެކު ރަނގަޅު ނަތީޖާ ކިޔެވުމުގައިވެސް ހާސިލްކުރިއެވެ.

މައިންބަފައިންގެ އެދުމުގެ މަތީން އެމްއެންޑީއެފްއަށް

އޭލެވެލް ނިންމާލުމަށްފަހު ދެން ޖަވީދުގެ ހަޔާތުގައި ހުޅުވުނީ މުޅިން ތަފާތު ސޮފްހާތަކެކެވެ. މައިންބަފައިންގެ އެދުމުގެ މަތިން އޭނާ ވަނީ ސިފައިންގެ އަށެވެ. ޓްރެއިނިން ނިންމާ އެއް އަހަރު މަސައްކަތްކުރިއިރު ލިބޭ އާމްދަނީ ކުޑަވެފައި މާލޭގައި ދިރިއުޅުމުގެ ހަރަދުތައް ބޮޑެވެ. އަނެއްކޮޅުން ވިޔަފާރިއެއް ފެށުމުގެ އުންމީދުގައި ހުރި ޖަވީދުއަށް އެކަމަކީ ކުރަން އެހާ ގަޔާވިކަމެއްވެސް ނޫނެވެ.

އެހެންކަމުން އޭނާ އަނެއްކާވެސް އެނބުރި ގެމަނަފުއްޓަށް ބަދަލުވިއެވެ. ތައުލީމީގޮތުން ލިބިފައި ހުރި ނަތީޖާތައް ރަނގަޅުވުމުން ވަޒީފާއެއް ހޯދުމަކީ އޭނާއަށް މާ އުނދަގޫކަމަކަށްވެސް ނުވެއެވެ. ރަށުގެ ފެނަކަ އޮފީހުގައާއި، ކައުންސިލް އިދާރާގެ އިތުރުން ހެލްތު ސެންޓަރުގައިވެސް އޭނާ ދެއަހަރެއްހާ ދުވަހު މަސައްކަތްކުރި އެވެ.

ޖަވީދު ގެމަނަފުށީގައި ހުޅުވި އޭނާގެ ހާޑްވެއާ ފިހާރަ--- ފޮޓޯ ޖަވީދު

ޖޭ އެންޑް ޑީ އިންވެސްޓްމަންޓް، ހުވަފެންތަކުގެ ފެށުން

ރަށުގެ އެކި މުވައްސަސާތަކުގައި މަސައްކަތްކުރިއިރުވެސް ޖަވީދު ދިޔައީ އޭނާގެ އަމިއްލަ ހުވަފެން ކަމުގައިވާ އަމިއްލަ ވިޔަފާރިއަށް ފައިސާ ރައްކާކުރަމުންނެވެ. އަދި އާއިލާގެ މެންބަރުންގެ އެހީޢާއިއެކު ޖޭ އެންޑީ އިންވެސްޓްމަންޓް ގެ ނަމުގައި އަމިއްލަ ކޮންސްޓްރަކްޝަން ވިޔަފާރިއެއް އޭނާ ރަޖިސްޓްރީ ކުރި އެވެ. ގެމަނަފުއްޓާއި އަދި ކައިރި އެހެން ރަށްތަކުގެވެސް އެކި ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކުގެ މަސައްކަތް އޭނާ ކުރީ ބޭރުން ބިދޭސީން ގެނެސް އަމިއްލައަށް ތަމްރީނު ކޮށްގެނެވެ.

"ވަޒީފާއަށް ގޮސް އެއްކުރެވުނު ލާރިކޮޅަކުން ފެށީ. ދެން އާއިލާ މެންބަރުން ވަރަށް އެހީވޭ. އެއްވެސް ލޯނެއް ނުނަގަން. ދެން އެމްއެންޑީއެފް ގައި އުޅުނުއިރުވެސް މި މަސައްކަތްކޮށް ވަރަށް ކަންކަން ދަސްވެފައި ހުރީ. ދެން ގެންނަ ބިދޭސީންނަށްވެސް އެންމެ ރަނގަޅަކަށް ނޭގޭ މަސައްކަތްކުރަން. އެހެންވެ އެމީހުނަށްވެސް ދަސްކޮށްދެނީ ފުރަތަމަ. އެކަމަކު މިިހާރު އަޅުގަނޑަށް މި އޮންނަނީ ބޮޑަށް ސުޕަވައިޒްކުރުމުގެ މަސައްކަތް،" ތޭރަ ބިދޭސީން ގެ ޒިންމާ ކޮނޑުއަޅައިގެން ހުރި ޖަވީދު ބުންޏެވެ.

މިގޮތުން ސަރުކާރު އެކި އޮފީސްތަކުގެ އިމާރާތްތަކުގެ ވަށާފާރު ރޭނުމާއި، ކޮނޑޭގެ ފެނަކަ ބްރާންޗްގެ އާ އޮފީސް ބްލޮކާއި، ނިލަންދޫ އޭޓީއެމް އާއި، ގެމަނަފުށީ އައިސް ޕްލާންޓާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރާއި އެކި ރަށްރަށުގެ ސްކޫލްތަކަށް މޭޒު ޖަހައިދިނުމާއި، ރަށަށް ހިލަވެލި، ސިމެންތި އަދި ދަގަނޑުފަދަ ބާވަތްތައް ހެޔޮ އަގުގައި ސަޕްލައިކުރުމުގެ މަސައްކަތްވެސް އޭނާކުރެ އެވެ. އަދި މިވަގުުތުވެސް ދެ ފަންގިފިލާގެ ގެސްޓްހައުސްއެއް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި މިހާރުވެސް އަތޮޅުގައި ލޯންޗް ހިދުމަތްވެސް ދެއެވެ.

ޖަވީދު ހުޅުވި ސެލޫން އެއް --ފޮޓޯ ޖަވީދު

އެއަށްފަހު ޖަވީދު ދެން މަސައްކަތްކުރީ އަމިއްލަ ފިހާރައެއް ހުޅުވުމަށެވެ. އެންމެ ފުރަތަމަ ބެންކޮކުން ގާމެންޓް ގެނެސް ވިއްކަން ފެށިއެވެ. ނަމަވެސް އެއަށްވުރެ ފައިދާ ބޮޑުވާނެ ކަމަށް ބަލާ ދުވަސްކޮޅަކުން ހާޑްވެއާ ފިހާރައެއްގެ ވެސް އަޖުމަ ބަލައިފިއެވެ. އެހެންނަމަވެސް މީހެއްގެ ބިމުގައި އެފަދަ މަސައްކަތެއް ކުރުމުގެ ދަތިތަކެއް ހުރުމާއި އެކު އެ ފިހާރަތައް ހުއްޓާލި އެވެ.

އެއަށްފަހު ކައުންސިލުން ކުލީބިމެއް ހަމަޖެހުމާއި އެކު މިހާރު އޭނާ މަސައްކަތްކުރަނީ ހުރިހާ ވައްތަރެއްގެ ސާމާނެއްވެސް އެއްތަނަކުން ލިބޭވަރުގެ ބޮޑު މޯލްއެއް ހުޅުވުމަށެވެ. މި ތަނުގެ މަސައްކަތުގެ ބޮޑުބައި މިހާރުވެސް ނިމިފައިވާއިރު އުންމީދުކުރަނީ ޖެނުއަރީގައި މޯލް ހުޅުވި މީހުންނަށް ޚިދުމަތްދެވޭ ވަރު ވާނެ ކަމަށެވެ.

ޖަވީދު އޭނާގެ އާއިލާއާއި އެކީގައި --ފޮޓޯ ޖަވީދު

ހުރިހާ ކާމިޔާބީއަކާއި އެކުވެސް އެންމެ މުހިންމީ އާއިލާ

ކޮންސްޓްރަކްޝަން ކުންފުނީގެ މަސައްކަތާއި، މޯލްގެ މަސައްކަތުގައި ކިތަންމެ އަވަދިނެތި އުޅުނު ނަމަވެސް ޖަވީދު ބުނާގޮތުގައި އޭނާގެ ދިރިއުޅުމުގައި އެންމެ މުހިންމީ އާއިލާއެވެ. ބުރަކޮށް މަސައްކަތްކޮށް ކާމިޔާބީ ހޯދުމުގެ ފަހަތުގައި ހުރީ ލޯބިވާ އަނބިމީހާ ކަމުގައިވާއިރު، ކޮންމެ ދުވަހެއްގެވެސް ހަވީރު އޭނާއާއި ދަރިފުޅަށް ޖަވީދު ހާޢްސަކުރެއެވެ.

"މި ހުރިހާ މަސައްކަތެއްގައި މިހާ ބިޒީކޮށް އުޅޭއިރު މިއީ ވަރަށް ވަގުތު. އަންހެނުންގެ އެއްބާރުލުމާއި ނުލައި ހިޔެއްނުވޭ މިކަންކަން ކުރެވޭނެހެން. އެހެންވީމަ ކޮންމެ ދުވަހަކުވެސް ވަގުތު ހުސްކުރަން އާއިލާއަށް. ހަވީރު ދަރިފުޅު ގޮވައިގެން ދުއްވާލަން ދިއުމަށާއި، ޗުއްޓީތަކުގައި ހާއްސަކޮށް ރާއްޖެއިން ބޭރަށް ގޮސްލުމަށް މަސައްކަތްކުރަން. ވަރަށް ބޯގޮވާ ކަމެއް ބިދޭސިންތަކެއް ގޮވައިގެން މިހެން އުޅުމަކީ. އެކަމަކު އާއިލާއަށް އެ ދޭންޖެހޭ ވަގުތާއި ސަމާލުކަން ދިނީމަ ހުރިހާކަމެއްވެސް ބެލެންސް ވޭ އަސްލު" ޖަވާދު ބުންޏެވެ.

ކުޅިވަރު މުބާރާތެއްގެ ސްޕޮންސާ ހަވާލުކުރަނީ، ރަށުގެ އިޖުތިމާއީ ގިނަ ކަންކަމަށް ޖަވީދުގެ ކުންފުނިން އެހީވޭ -- ފޮޓޯ ޖަވީދު

ދިގު އުނދަގޫ ދަތުރެއް، އަދިވެސް ދާނީ ކުރިއަށް

އުމުރުން 30 އަހަރުގައި ޖަވީދު ތަޖުރިބާ ނުކުރާ ވިޔަފާރިއެއް މަދެވެ. ކެފޭ، ރެސްޓޯރެންޓް، ރީޓެއިލް ފިހާރަ އަދި ސެލޫން ހިންގުމުގެ މަސައްކަތުގައިވެސް އަމަލީގޮތުން އޭނާ ހަރަކާތްތެރިވެއްޖެ އެވެ. ޖަވީދު ބުނާގޮތުން މި ދާއިރާގައި ބޭނުންވަނީ ތަޖުރިބާއާއި ހިތްވަރެވެ. ކިތަންމެ ބޮޑު ހުވަފެނެއްވެސް ހަގީގަތަކަށް ހެދުމުގެ އަޒުމް އޮތުމެވެ. އަދި އެގޮތުގައި ދެމިހުރުމެވެ.

comment ކޮމެންޓް