ސިދުރަތުގެ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު

ސިދުރަތުﷲ އަހްމަދު ---

އައިޖީއެމްއެޗު ކައިރީ މޫދުން މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބާކަދަވާޑް، މުހައްމަދު ސިދުރަތުﷲގެ ކަށު ނަމާދު މިރޭގެ އިޝާ ނަމާދަށްފަހު ކުރުމަށް ނިންމައިފި އެވެ.

މިދިޔަ މަހުގެ 23ގައި މަރުވެފައިވާ ސިދުރަތުގެ ކަށު ނަމާދު މިރޭ އިޝާ ނަމާދަށްފަހު ކުރިއަށްދާނީ އާސަހަރާ މިސްކިތުގައެވެ.

ސިދުރަތުގެ ޕޯސްޓްމޯޓެމް ހެދުމަށްޓަކައި އޭނާގެ ހަށިގަނޑު ވަނީ މިދިޔަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވާލާފައެވެ. އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވާލީ ޓްރެވިންޑުރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށެވެ.

އުމުރުން 31 އަހަރުގެ ސިދުރަތުﷲގެ މަރަކީ ގުދުރަތީ މަރެއްކަމަށް ކަށަވަރު ނުވާތީ ފުލުހުން ވަނީ އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފަ އެވެ.

ސިދުރަތުﷲ އެންމެ ފަހުން ދިރިހުއްޓާ ފެނުނީ މިދިޔަ މަހު 22 ވަނަ ދުވަހު ހެނދުނު 9:00 އާއި 10:00 ދެމެދު އެވެ. އެއީ އޭނާ މަރުވެފައި އޮއްވާ ފެނުމުގެ އެއް ދުވަސް ކުރި އެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނު އިރު، ވާތު ލޮލާއި ފައިގެ ކުޑަ އިނގިލިން ބައެއް ނެތެވެ. މުޅި ގައިގެ އެކިތަންތަން ނޫފައިގެންފައި ހުރި އިރު، ނޭފަތް މަތިވެސް ހުރީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

comment ކޮމެންޓް