ހަޝްމާގެ ކުލަފިހިތަކުން އެންމެން އާޝޯހު ވެއްޖެ

މަރިޔަމް ހަޝްމާ ހާނިމް، (ހަޝީ) ކޮށްފައިވާ މޭކަޕެއް--- ފޮޓޯ: އިންސްޓަގްރާމް

މަރިޔަމް ހަޝްމާ ހާނިމް، (ހަޝީ) ގިނަ މީހުންނަށް އެގޭނީ ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައެވެ. ކުޅިވަރަށް ބައްޕަގެ ހިތުގައި އޮތް ލޯތްބާއި އެކު އުމުރުން އެންމެ ފަސް އަހަރުން ފެށިގެން ޓެނިސް ކުޅުމަށް ޝައުގުވެރިކަން ހުރި ހަޝްމާ އަކީ ރާއްޖޭގެ ގައުމީ ޓެނިސް ޓީމުގެ މުހިންމު ކުޅުންތެރިއެއްވެސް މެއެވެ. އެކަމަކު މިފަހުން މުޅި ސޯޝަލް މީޑީއާ ގުގުމާލީ ހަޝްމާ ގެ މޮޅު މޭކަޕް ތަކުންނެވެ. އެއް މަސްތެރޭ އޭނާވަނީ ކޮންމެ ދުވަހަކު ތަފާތު، ރީތި މޭކަޕްތަކުން މީހުން އާޝޯހު ކޮށްފައެވެ.

އުމުރުން އެންމެ 18 އަހަރުގެ މި ކުޅަދާނަ ޒުވާނާ ބުނާގޮތުން މޭކަޕަކީ މިފަހުން އޭނާގެ ހޮބީގެ ލިސްޓަށް އިތުރުވި ކަމެކެވެ. އޭގެ ބަދަލުގައި ކުރިން އޭނާ ކުރަމުން އައީ ކުރެހުމާއި ހެނާ އާޓްގެ މަސައްކަތެވެ. މޭކަޕަށް ޝައުގުވެރިކަން އުފެދި މި މަސައްކަތުގެ ތެރެއަށް ވަދެވުނީ ދައްތަ ހަދިޔާ ކޮށްދިން އައިޝެޑޯ ޕެލެޓަކުންނެވެ.

"އަޅުގަނޑު އެންމެ ކުޑައިރުއްސުރެވެސް ކުރަހާ ސްކެޗްކޮށް ހަަދަން. ދެން ސޯޝަލް މީޑިއާ އަށް ވަދެވުނީމަ ވަރަށް ބައިވަރު މޭކަޕް އާޓިސްޓުން ފެނި އެ މަސައްކަތަށް ވަރަށް ޝައުގުވެރިވި. ދެން އެއްދުވަހު ފެނުނީ މަޝްހޫރު މޭކަޕް އާޓިސްޓެއްގެ ޕެލެޓެއް. ރެއިންބޯ ކުލަތަކާއި ނޫޑްސް ކުލަތަކުގެ. އެ ވާހަކަ ދައްތަ ގާތުގައި ބުނުމުން ސަޕްރައިޒަކަށް މިފަހަރު އުފަންދުވަހު ލިބުނީ އެ ޕެލެޓް" ނިކަން ހިނިތުންވެފައި އިނދެ ހަޝްމާ ކިޔައިދިނެވެ.

މޭކަޕް އާޓިސްޓުން އެކި ކުލަތަކުގެ އައިޝެޑޯ ބޭނުންކޮށްގެން މުޅި މީހާގެ ލުކް ބަދަލުކޮށްލާ ގޮތާއި، ހަމަ އެ ކުލަތައް ބޭނުންކޮށްގެން އެކި ތަފާތު ސްޓައިލްތަކުގެ މޭކަޕް ކުރާތަން ފެނުމަކީ، އާޓުގެ ދުނިޔެއަކަށް ގެއްލިފައި އިން ހަޝްމާ ވަރަށް އަޖައިބުވި ކަމަކެވެ. އެހެންކަމުން އޭނާއަށް ލިބިފައި ހުރި ކުރެހުމުގެ ހުނަރު ބޭނުންކޮށްގެން އެފަދަ މަސައްކަތެއް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އޭރުވެސް އޭނާ ދެކެއެވެ.

އެންމެ ބޭނުންވި އުފަންދުވަހުގެ ހަދިޔާއާއި އެކު ހަޝްމާ ގެ މުޅި ދިރިއުޅުން ބަދަލުވެއްޖެ އެވެ. ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައި އެންމެންގެ މަގުބޫލުކަން ހޯދި ހަޝްމާ މިއަދު ގިނަމީހުންނަށް އެނގެނީ މޭކަޕް ކުރާ ކުއްޖެއްގެ ގޮތުގައެވެ. އިންސްޓަގްރާމްގެ އަމިއްލަ އެކައުންޓްގައި އޭނާ ޕޯސްޓްކުރި މޭކަޕްތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

އޮކްޓޯބަރު އެކަކުން ފެށިގެން 31 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހަކުވެސް ތަފާތު ލުކްއެއް ހަޝްމާ އެނާގެ ފޮލޯވަރުންނަށް ދެއްކިއެވެ. މިގޮތުން އޭނާގެ މޭކަޕްތަަކަކީ ކޮންމެ ދުވަހަކު ކުރާ 'ގްލެމް ލުކްސް' ތަކަށްވުރެ ބޮޑަށް އާޓިސްޓިކް އަދި ސްޕެޝަލް އެފެކްޓް މޭކަޕް ތަކެކެވެ.

"ޕެލެޓް ލިބުނީމަ ފުރަތަމަ އެކި ވައްތަރުތަކުގެ އައިޝެޑޯ ލުކްސް ޓްރައި ކުރަން ފެށީ. އެއީ ބްލެންޑް ކުރުމަށާއި، އެކި ކުލަތައް ބޭނުންކޮށްގެން ލުކްސްތައް ގެންނަން ދަސްކުރަން. ދެން އެހާ ގިނައިން މޭކަޕް ކުރާތަން ފެނިފައި ދައްތަ ދިން ޗެލެންޖެއް އަސްލު އޮކްޓޯބަރު މަހުގެ ކޮންމެ ދުވަހަކު މޭކަޕް ލުކް އެއް ކްރިއޭޓް ކުރުމަކީ" ހަޝްމާ ބުންޏެވެ.

މިގޮތުން އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު އޭނާ ކުރީ 'ރެޑް ޑެވިލް ލުކް ' އެކެވެ. އެއާއެކު ލިބުނު ތަރުހީބުން އިތުރަށް މިކަން ކުރުމަށް ހިތްވަރު ލިބުނު ކަމަށް ހަޝްމާ ބުންޏެވެެ.

ހަޝްމާ މިހާތަނަށް ޕޯސްޓްކޮށްފައިވާ ލުކްސްތަކުގެ ތެރެއިން އޭނާއަށް ކަމުދަނީ މި މަސައްކަތެކެވެ. 'އިންފެކްޓެޑް' ނަމުން ނަން ދީފައިވާ ލުކް އެވެ. މިއީ ދެފަހަރެއްގެ މަތިން އޭނާ މަސައްކަތްކޮށް ޕާފެކްޓް ކޮށްފައިވާ ލުކް އެެކެވެ. ހިތާމަވެރިކަން ފެންނަ މި ލުކްގައި ކަރުނަތަކެއް ލޮލުން ފައިބާއިރު، އަނގަމަތިވެސް ވަނީ މުޅި ލުކްއާއި ގުޅޭހެން ވަރަށް ފުރިހަމައަށް ބަދަލުކޮށްފައެވެ. މޭކަޕް އާއި އެއްވަރަށް ފޮޓޯއަށް ހުއްޓިގެން ހުންނަ ހުރުމާއި، އެ ގެނެސްދޭ އިހުސާސްތައް (އިމޯޝަންސް) ވެސް ހަމަ މޮޅީއެވެ.

އެއާއިއެކު، އެންމެ ގިނަބައެއްގެ މެދުގައި މަގުބޫލުވި އަދި އެންމެ ބޮޑު ތަރުހީބެއް ލިބުނު ލުކްއަކީ މި ޗެލެންޖުގެ އެންމެ ފަހު ދުވަހު އޭނާ ތައްޔާރު ކުރި ލުކް އެވެ. ދައްތަގެވެސް އެހީއާއި އެކު ކުރި މި ޕޯސްޓަށް އެކަނިވެސް އެއްހާހަށްވުރެ ގިނަ ލައިކްސް ލިބިފައިވެއެވެ.

ބަލާލަން ކިތަންމެހާވެސް ފުރިހަމައެވެ. މަސައްކަތަށްދޭ ޝައުގާއި އެންމެ ކުދިކުދި ޑީޓެއިލްތަކަށްވެސް ދީފައި ހުންނަ ސަމާލުކަން ފާހަގަވެއެވެ.

މިވަގުތު ޓެނިސް ކުޅުމަށް ހުސްވެގެން ހުރި ހަޝްމާ ބުނާގޮތުން މި މަސައްކަތަކީ ބުރަ އަދި ގިނަ ވަގުތުތަކެއް ހޭދަވި ކަމެކެވެ. ކޮންމެ ދެ ދުވަހަކުން އެއްދުވަހު ޓެނިސް ޕްރެކްޓިސް އޮންނައިރު، ޓްރެއިނިން ވަގުތަަށްފަހު ކޮންމެ ދުވަހަކުވެސް ދެ ގަޑިއިރާއި ހަތަރު ގަޑިއިރާއި ދެމެދު އޭނާ މި މަސައްކަތަށް ހޭދަކުރިއެވެ. އައިޝެޑޯގެ އިތުރުން ދެން އެނާ ބޭނުންކޮށްފައި ހުންނަނީ ފޭސްޕެއިންޓެވެ.

ކޮންމެ ދުވަހަކީވެސް އާ ޚިޔާލެއްގައި މަސައްކަތްކުރަންޖެހޭ ދުވަހަކަށްވާއިރު، މަޝްހޫރު އެކި އާޓިސްޓުންގެ މަސައްކަތްތައް ބަލައިގެންވެސް އެފަދަ އަމިއްލަ ލުކްތަކެއް ގެންނަން މަސައްކަތްކޮށްފައިވާނެކަމަށް ހަޝްމާ ބުންޏެވެ. އަދި އެ މަސައްކަތްތައް ޕޯސްޓްކުރާއިރު، ކްރެޑިޓްސްވެސް އޭނާ ދެއެވެ.

މޭކަޕްގެ ދުނިޔޭގައި ހަޝްމާގެ ފިހި އަދި މި ކުރީ ކުޑަ ތަޖުރިބާއެކެވެ. އޭނާ ބުނާގޮތުން މިއީ މި ދާއިރާގެ ތެރެއަށް ވަދެވި، މިކަން އިތުރަށް ބަލައި ހޯދާ ދަސްކުރަން ލިބުނު ފުރުސަތެކެވެ.

މީގެކުރިން މޭކަޕް ކުރުމުގެ އެއްވެސް ޚިޔާލެއް އޭނާގެ ނެތްނަމަވެސް، އެއްމަސް ދުވަހުގެ މި ޗެލެންޖުން ލިބުނު ލޯތްބާއި، ހިތްވަރަކީ މި ދާއިރާއިން ކުރިއަށްދެވޭނެކަން އޭނާއަށް ޔަގީންކޮށްދިން ކަމެކެވެ. އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ހަޝްމާ ފާހަގަކުރީ މޭކަޕްއިން އޭނާގެ އަމިއްލަ ނަފްސަށް ލިބުނު ކޮންފިޑެންސާއި އިތުބާރެވެ.

އޮކްޓޯބަރު ނިމި، ހަޝްމާގެ ޗެލެންޖްވެސް މިހާރު ވަނީ ނިމިފައެވެ. މިވަގުތު މަޑު ޖެހިފައި އޮތް ހެނާ އާޓްއާއި މޭކަޕް ޕޯސްޓްތަކުގެ މަސައްކަތް އަދިވެސް އޭނާ ކުރަމުންގެންދާނެ އެވެ. އޭނާ ބުނާގޮތުގައި މިއީ އަދި ހަމަ ފެށުމެވެ.

comment ކޮމެންޓް