އަބުރުގެ މައްސަލަ ނިމުނީ ޑެޕް އާ ދެކޮޅަށް

އިނގިރޭސިވިލާތުގެ ރޯޔަލް ކޯޓްސް އޮފް ޖަސްޓިސް އަށް ޖޮނީ ޑެޕް ހާޒިރުވަނީ --- ފޮޓޯ : ދަ ގާޑިއަން

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ދަ ސަން" އާ ދެކޮޅަށް މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް ހުށަހަޅާފައިވާ އަބުރާ ބެހުނު ކަމުގެ މައްސަލަ ޑެޕް އާ ދެކޮޅަށް ނިމިއްޖެ އެވެ.

ސަން ނިއުސް އާ ދެކޮޅަށް ޑެޕް ހުށަހަޅާފައިވާ އަބުރާ ބެހުނު ކަމުގެ މައްސަލައަކީ މި ފަހުގެ ތާރީހުގައި ހުށަހަޅާފައިވާ އެންމެ ބޮޑު ޑިފެމޭޝަންގެ މައްސަލަ އެވެ.

ޑެޕް، އެ ނޫހާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ އެ ނޫހުން ޑެޕް އާ ގުޅޭ ގޮތުން ލިޔެފައިވާ ހަބަރަކާ ގުޅިގެންނެވެ. އެ ނޫހުގައި ޑެޕް ސިފަކޮށްފައި ވަނީ އޭނާގެ އޭރުގެ އަންހެނުން އެމްބާ ހާޑްއަށް އަނިޔާކޮށްފައިވާ މީހެއްގޮތުގަ އެވެ. އެމްބާގެ ތުހުމަތާ އެކު، އެކަން ކަށަވަރު ވެފައި ނުވަނިކޮށް ސަން އިން ލިޔެފައި ވަނީ ޑެޕް އަކީ ގެވެށިއަނިޔާކުރާ މީހެއްގެ ގޮތުގަ އެވެ. އެކަމާ ގުޅިގެން ޑެޕް، ސަން އާ ދެކޮޅަށް ދައުވާކޮށްފައިވެ އެވެ.

ގިނަ ދުވަސްތަކެއްގެ ދިގު ދެމުމަށް ފަހު އެ މައްސަލަ ނިމިފައި ވަނީ ނޫހާ އެއްކޮޅަށެވެ. ދަ ސަންގެ ފަރާތުން ވަކީލުން ވަނީ ޑެެޕްއާ ދެކޮޅަށް ފޮޓޯ އާއި އޯޑިއޯ އަދި ޑެޕްގެ ޓެކްސްޓްތައް ކަމަށް ބުނާ ތަކެތި ވެސް ކޯޓަށް ހުށަހަޅާފަ އެވެ. އަދި އެ ވަކީލުން ވަނީ ޑެޕް އަކީ އަނިޔާވެރި ފިރިއެއްކަން ސާބިތު ކޮށްދިނުމަށް އިތުރު ހެއްކާއި އެ ވަކީލުން މައުލޫމާތު ހިއްސާކޮށްފަ އެވެ.

އެ އަޑުއެހުންތަކުގައި ޑެޕް ވަނީ އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކެއް ހުރި މީހެއް ކަމަށް ގަބޫލުކޮށްފަ އެވެ. އެހެންނަމަވެސް އެއްވެސް އިރެއްގައި އެމްބާއަށް އަނިޔާކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވަނީ އަޑުއެހުންތަކުގައި ބުނެފަ އެވެ.

"މި ނިންމުމާ ހަމައަށް އައިސްފައި މިވަނީ މައްސަލަ ރައްދުވާ ފަރާތްތަކުން ހުށަހަޅާފައިވާ 14 ހާލަތަކަށް ރިއާޔަތްކޮށް އަދި އެ މައްސަލައަށް ގުޅޭ ގޮތުން އިތުރު ފަރާތްތަކުންގެ ކިބައިން ލިބިފައިވާ ހެއްކަށް ބެލުމަށްފަހު،" އިއްޔެ ގާޒީ އިއްވި ހުކުމުގައި ބުނެފައިވެ އެވެ.

ކޯޓުން އެ އިތުރު ފަރާތްތަކުގެ ގޮތުގައި އެ އިޝާރާތްކުރަނީ އެމްބާ އާއި އޭނާއާ ގުޅުންހުރި ފަރާތްތަކަށެވެ. އެމްބާ ވަނީ އެ މައްސަލައިގައި އެކި ފަހަރުގެ މަތީން ކޯޓަށް ހާޒިރުކޮށްފަ އެވެ. އަދި އެކި ފަހަރުގެ މަތީން އެމްބާ ވަނީ ޑެޕްއާ ދެކޮޅަށް ތުހުމަތުތަކެއް ކޮށްފައެވެ. އަދި ޑެޕް އޭނާއަށް އަނިޔާކޮށްފައިވާ ކަމަށްވެސް އެމްބާ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް