ނިއުޒީލެންޑްގެ ފޮރިން މިނިސްޓަރަކަށް އެގައުމުގެ އަސްލު ދަރިކޮޅުގެ އަންހެން ބޭފުޅެއް

ނިއުޒީލެންޑްގެ ފޮރިން މިނިސްޓަރަކަށް އައްޔަނުުކުރެއްވި ނަނައިއާ މަހޫތާ--

ނިއުޒީލެންޑްގެ ފޮރިން މިނިސްޓަރަކަށް އެގައުމުގެ އަސްލު ވަޒންވެރިންގެ ދަރިކޮޅު (މައޯރީ) އަށް ނިސްބަތްވާ އަންހެން ބޭފުޅެއް އައްޔަނުކޮށްފި އެވެ.

އެމަގާމަށް އައްޔަނުކޮށްފައިވަނީ ނަނައިއާ މަހޫތާ ކިޔާ ބޭފުޅެެކެވެ.

މިއީ އެގައުމުގެ ފޮރިން މިނިސްޓަރަކަށް މައޯރީ ދަރިކޮޅުގެ އަންހެން ބޭފުޅެއް އައްޔަނުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެގައުމުގެ ފޮރިން މިނިސްޓަރަކަށް ހުންނެވީ މައޯރީ ދަރިކޮޅަށް ނިސްބަތްވާ ފިރިހެން ބޭފުޅެކެވެ.

ފޮރިން މިނިސްޓަރުކަަމަށް އައްޔަނުކުރެއްވި ނަނައިއާގެ ދަތްދޮޅީގައި މައޯރީ ދަރިކޮޅުގެ ސަގާފަތާ އެއްގޮތަށް ޓެޓޫވެސް ޖަހާފައި ހުރެ އެވެ.

ނަނައިއާ އެންމެ ފުރަތަމަ ނިއުޒީލެންޑްގެ ޕާލިމަންޓަށް ހޮވުނީ 1996 ވަނަ އަހަރު އެވެ. އޭނާ ވަނީ މީގެ ކުރިން ނިއުޒީލެންޑްގެ ލޯކަލް ގަވާމަންޓް އެންޑް މައޯރީ ޑިވޮލޮޕްމަންޓްގެ މިނިސްޓަރުކަންވެސް ކުރައްވައިފަ އެވެ.

ނިއުޒީލެންޑްގައި ޕާލަމަންޓަށް މިފަހަރު އިންތިހާބުވި ބޭފުޅުންގެ 50 ޕަސެންޓަކީ އަންހެން ބޭފުޅުންނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ޕާލަމަންޓުގައި އެވްރެޖްކޮށް ހިއްސާވަނީ 25 ޕަސެންޓް އަންހެނުންނެވެ.

ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖަސިންދާ އާޑަން ނިސްބަތްވާ ލޭބާ ޕާޓީ މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރީ 49.1 ޕަސެންޓް ވޯޓުންނެވެ. އެ ޕާޓީއަށް ޕާލިމަންޓައި ހިމެނޭ 120 ގޮނޑިން 64 ގޮނޑި ވަނީ ލިބިފަ އެވެ. --ސީއެންއެން

comment ކޮމެންޓް