ކާބުލް ޔުނިވާސިޓީގައި މީހަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

އަފާޣާން ސަލާމަތީ ބާުރުތަށް ކާބުލް ޔުނިވާސިޓީގެ ކެންޕަސްގައި ހަރަކާތްތެރިވަނީ

ކާބުލް (ނޮވެމްބަރު 2): ގޮވާތަކެތި ހަށިގަނޑުގައި ހަރުކޮށްގެންހުރި މީހަކު ކާބުލް ޔުނިވާސިޓީއަށް ވަދެ އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި 20 މީހުން މަރުވެ 15 މީހުން ޒަޚަމް ވެއްޖެއެވެ.

އަފްޣާން އަމަނާބެހޭ ފަރާތްތަކުން މި ޙަމަލާ ސިފަކޮށްފައިވަނީ ޓެރަރިސްޓް ޙަމަލާއެެއްގެ ގޮތުގައެވެ. މި ޙަމަލާގައި މަރުވި މީހުންނާ އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކާބުލް ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންކަމަށް އަފްޣާން ސަލާމަތީ ބާރުތަކުން ބުނެއެވެ. މި ޙަމަލާއަށްފަހު ކާބުލް ޔުނިވާސިޓީގެ ކެންޕަސްގެ އެތެރޭގައި ހަތިޔާރުއެޅި ބަޔަކާއި އަފްޣާން ސަލާމަތީ ބާރުތަކާ ދެމެދު ހަމަލާތައް ބަދަލުކުރިކަމަށް އަފްޣާން ދާޚިލީ ވުޒާރާގެ ތަރުޖަމާން ވިދާޅުވިއެވެ.

ރިޕޯޓްތަށް ބުނާގޮތުން އަމިއްލައަށް މަރުވެގެން ދިން ޙަމަލާ އަމާޒުކޮށްފައިވަނީ އަފްޣާނިސްތާނުގެ އިލްމީ ފަރާތްތަކާއި އީރާނުގެ އިލްމީ އަދި ސަގާފީ ފަރާތްތަކާ ގުޅިގެން ކާބުލް ޔުނިވާސިޓީގައި ބޭއްވި ފޮތް މައުރަޒަކަށެވެ. ޙަމަލާ އަމާޒުކުރީ ސީދާ މި ފޮތްމައުރަޒަށްކަން އަފްޣާން ސަލާމަތީ ބާރުތަކުން ކަށަވަރު ކޮށްދީފައި ނުވިނަމަވެސް އަމިއްލައަށް މަރުވި މީހާ އޭނާގެ ހަށިގަނޑު ގޮއްވާލާފައިވަނީ ފޮތް މައުރަޒު އޮތް މާލަމާ ކައިރީގައިވާ ހިސާބެއްގައި ކަމަށް ކާބުލްގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު ބުނެއެވެ.

އަފްޣާނިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތަލިބާނުންވަނީ މިއީ އެޖަމާއަތުގެ ހަމަލާއެއް ނޫންކަމަށް ބުނެފައެވެ. ތަލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ބުނީ ކާބުލް ޔުނިވާސިޓީގައި ދިން ހަމަލާއާ އެޖަމާއަތާ އެއްވެސް ގުޅުންނެތް ކަމުގައެވެ. މިހާރަކަށް އައިސް އަފްޣާނިސްތާނުގައި އަމިއްލައަށް މަރުވެގެން ދޭ ޓެރަރިސްޓް ހަމަލާތަށް އިތުރުވެފައިވާއިރު ތާލިބާނުން ގެންދަނީ އެ ޙަމަލާތަކާ އެޖަމާއަތާ ގުޅުންނެތްކަމަށް ތަކުރާރުކޮށް ކަށަވަރުކޮށް ދެމުންނެވެ.

ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތުގެ ހަރަކާތްތަށް އަފްޣާނިސްތާނުގައި ވަރަށް ބާރަށް ފެތުރި އެގައުމުގެ އައިއެސް ގޮފި ބޮޑުވެ ފުޅާ ވަމުންދާކަމުގެ އިންޒާރު އަފްޣާން ސަރުކާރާ އަދި ތާލިބާނުންވެސް ދެމުން ގެންދާތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ. މިދިޔަމަހު ކާބުލްގައި މީހަކު އަމިއްލައަށް މަރުވެގެން ދިން ޙަމަލާއަކީ އައިއެސް ގެ ޙަމަލާއެއްކަމަށް އަފްޣާން ސަލާމަތީ ބާރުތަކުންވަނީ ތުހުމަތުކޮށްފައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް