ގެއްލުނު އަންހެން މީހާ ރަހީނުކޮށް، އަނިޔާކޮށްގެން 25،000 ރުފިޔާ އަތުލި: އާއިލާ

ޝިރުމީނާ: އޭނާ ރަހީނުކޮށް، އަނިޔާކޮށްގެން 25،000 ރުފިޔާ އަތުލިކަމަށް އާއިލާއިން ބުނޭ ---

ގެއްލިގެން ހޯދަމަށް ރޭ އިއުލާން ކުރި އަންހެން މީހާ، ރަހީނުކޮށް އަނިޔާކޮށްގެން 25،000 ރުފިޔާ އަތުލި ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ވީނުވީއެއް ނޭނގިގެން ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 33 އަހަރުގެ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރެވެ. އޭނާ އަމިއްލައަށް މިއަދު ހެނދުނު ގެއަށް އައިސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޝިރުމީނާގެ އާއިލާގެ މެމްބަރަކު "ސަން"އަށް މިއަދު ބުނީ، ރަހީނު ކުރި މީހުން ވަރަށް ބޮޑަށް އޭނާއަށް އަނިޔާކޮށްފައިވާ ކަމަށާއި ދޫކޮށްލީ އެ މީހުންނަށް 25،000 ރުފިޔާ ދިނުމުން ކަމަށެވެ.

"ދެއަތުގައި ކަޓަރު އަޅާފައި އެބަހުރި. އަތާއި ފާއި ބަނދެފައި ހުރި ނިޝާންތައް އެބަހުރި. މޫނު މަތީ ޖަހައި، ފަޅާލާފައި އެބަހުރި. ބުރަކައްޓަށް އަނިޔާ ދީފައި އެބަހުރި،" ޝިރުމީނާއަށް ލިބިފައި ހުރި ގެއްލުންތަކާ ގުޅޭ ގޮތުން އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ، ކޮއްކޮ ރަހީނު ކުރީ ފައިސާ ހޯދުމަށް ކަަމަށާއި ޝިރުމީނާއަށް މަރާލާނެ ކަމުގެ އިންޒާރުވެސް ދިން ކަމަށެވެ.

"އޭނަ ފޮރުވީ ފައިސާ ހޯދަން. އޭނަ ދޫކޮށްލީ 25،000 ރުފިޔާ އަތުލުމަށްފަހު. ފައިސާ ނުދީފިއްޔާ މަރާލާނެ ކަމުގެ އިންޒާރު ދިން. ބައެއްގެ ކައިރީ އެ ވާހަކަ ދައްކާފިއްޔާވެސް މަރާލާނެ ކަމަށް އެ މީހުން ބުނި،" އޭނާ ކިޔައި ދިނެވެ.

އާއިލާގެ އެހެން މެމްބަރަކާއެކު އަމިއްލަ ވިޔަފާރިއެއް ހިންގަމުން އަންނަ ޝިރުމީނާ ބަޔަކު ރަހީނުކޮށް، އެހާވަރަށް އަނިޔާ ކުރުމުން އަދިވެސް ރަނގަޅަށް ވާހަކަ ނުދެއްކޭ ކަމަށް އޭނާ ބުންޏެވެ.

"ލިބުނު ގެއްލުންތަކުގެ ސަބަބުން އަދިވެސް ޝިރުމީނާ ހުރީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި. އޭނައަކަށް ނޭނގޭ ކޮންތާކަށް ކަމެއް ގެންދިޔައީވެސް. ކޮންތާކުން ކަމެއް ނެރުނީވެސް. ދޫކޮށްލީމަ ގެއަށް އައީ. އަދިވެސް ރަނގަޅަށް ވާހަކަ ނުދެއްކޭތީ ނޭނގެ މާ ބޮޑު ތަފްސީލެއް،" އޭނާ ބުންޏެވެ.

އެންމެ ފަހުން ޝިރުމީނާއާ އާއިލާގެ މީހަކާ ވާހަކަ ދެއްކުނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު 1:15 ހާއިރު އެވެ. އޭރު އޭނާ ދިޔައީ ފިހާރައަށް މުދާ ހޯލްސޭލް ފިހާރަތަކުން ގަންނަ ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"މުދާ ގަންނަ ދިޔަ ވަގުތު ގެއްލުނީ. އެންމެ ފަހުން އޯސީސީ[ދުންފަތުގެ ބާވަތްތައް ވިއްކާ ފިހާރައެއް] އިން ސިނގިރޭޓު ގަނެގެން ފިހާރައަށްލާފައި، ބޭރަށް ނުކުތް ގޮތަށް ދެން ނުއެއް ފެނޭ. އެންމެ ފަހުން ކޮއްކޮއަށް ގުޅާފައި އެހީ ފެންޓާ އޮރެންޖް ފިހާރައިގައި ހުރިތޯ، ފެންޓާ އޮރެންޖް ގަންނަ ވެގެން. ދެން އެފަހުން ހަބަރެއް ނުވޭ،" އޭނާ އިތުރަށް ކިޔައި ދިނެވެ.

އޭގެ ފަހުން އޭނާގެ ފޯނު އޮތީ ނިއްވާލައިފައި ކަމަށާއި އެފަހުން ފޯނު އެރޭ 11:00 އެހާކަންހާއިރު ހުޅުވި ކަމަށްވެސް އޭނާ ބުންޏެވެ. އަދި ރަހީނު ކުރި މީހުން އޭނާގެ ފޯނުން "މި ދަނީ އޭ" ކިޔައި މެސެޖް ކުރި ކަމަށްވެސް އޭނާ ބުންޏެވެ.

ޝިރުމާނާއަކީ މީގެ ކުރިން ކައިވެންޏެއްކޮށް އަދި މީހަކާ ރައްޓެހިވެގެން އުޅޭ މީހެއްވެސް ނޫނެވެ. އަދި މީގެ ކުރިން ބައެއްގެ އިންޒާރެއްވެސް އައި މީހެއް ނޫނެވެ. އާއިލާއިން ތުހުމަތު ކުރަނީ، ބަޔަކު އޭނާ ރަހީނު ކުރީ ވިޔަފާރިވެރިއަކަށްވެފައި، ފައިސާ ހުންނާނެކަން އެނގޭތީވެ، އެ ފައިސާގެ ބޭނުމުގަ އެވެ.

އާއިލާގެ އެ ވާހަކަތަކާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ. އާއިލާއިން ބުނި ގޮތުގައި ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް