ސިދުރަތުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވާލައިފި

ސިދުރަތުﷲ އަހްމަދު ----

އައިޖީއެމްއެޗު ކައިރީ މޫދުން މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބާކަދަވާޑް، މުހައްމަދު ސިދުރަތުﷲގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފި އެވެ.

އައިޖީއެމްއެޗް ކައިރި މޫދުން ޒުވާނަކު މަރުވެފައި އޮއްވާ ފެނިފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގަ އެވެ.

ސިދުރަތުގެ ޕޯސްޓްމޯޓަމް އަށް އިންޑިއާއަށް ފޮނުވާލާފައިވާ ކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވާލީ ޓްރެވިންޑުރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ކަމަށެވެ.

އުމުރުން 31 އަހަރުގެ ސިދުރަތުﷲގެ މަރަކީ ގުދުރަތީ މަރެއްކަމަށް ކަށަވަރު ނުވާތީ ފުލުހުން ވަނީ އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފަ އެވެ.

ސިދުރަތުﷲ އެންމެ ފަހުން ދިރިހުއްޓާ ފެނުނީ މިދިޔަ މަހު 22 ވަނަ ދުވަހު ހެނދުނު 9:00 އާއި 10:00 ދެމެދު އެވެ. އެއީ އޭނާ މަރުވެފައި އޮއްވާ ފެނުމުގެ އެއް ދުވަސް ކުރި އެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނު އިރު، ވާތު ލޮލާއި ފައިގެ ކުޑަ އިނގިލިން ބައެއް ނެތެވެ. މުޅި ގައިގެ އެކިތަންތަން ނޫފައިގެންފައި ހުރި އިރު، ނޭފަތް މަތިވެސް ހުރީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

ފުލުހުން ވަނީ ތަހުގީގަށް އާންމުގެ އެހީއަށް، އެދި ސިދުރަތުﷲ އެންމެފަހުން ފެންނަ ސީސީޓިވީ ވީޑިއޯ ފޫޓެޖުވެސް އާންމުކޮށްފަ އެވެ. ވީޑިއޯގައި ފެންނަނީ ސިދުރަތުﷲ ހިނގާފައި ބުލޫކިޔާމަގުން ނުކުމެގެން ގޮސް، ތާޖުއްދީން ހިނގުމުން ރަސްފަންނާ ދިމާލަށް ދާތަނެވެ.

comment ކޮމެންޓް