ކައުންސިލް އިންތިހާބު މާޗުގައި ބޭއްވުމަށް ތައްޔާރުވަނީ

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އާ ގުޅިގެން އަންނަ އަހަރަށް ލަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ މާޗު މަހުގައި ބޭއްވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މިއަހަރުގެ އޭޕްރިލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބު ވަނީ ކޮވިޑް-19 އާ ގުޅިގެން އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އެހެންނަމަވެސް، އިންތިހާބު ބާއްވާނެ ސީދާ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

ރާއްޖެޓީވީގެ ރޭގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު ވިދާޅުވީ އަންނަ އަހަރުގެ މާޗު މަހުގައި އިންތިހާބު ބޭއްވުމަށް އުއްމީދު ކުރާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ކުރަން ޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެތެރޭގައި ވޯޓްލާ މީހުންގެ ރެޖިސްޓްރީ އަޕްޑޭޓް ކުރުން. އެއީ މިއަންނަ އަހަރުގެ މާޗު މަހަށް 18 އަހަރު ހަމަވާ މީހުންގެ ނަންތައް އިތުރުކުރުން. އަދި މި މުއްދަތުގެ ތެރޭގައި މަރުވެފައިވާ މީހުންނާއި އިތުރު ސަބަބުތަކަށްޓަކައި ބަދަލުވެފައިވާ މީހުންގެ މައުލޫމާތު ހިމެނޭ،" ފުއާދު ވިދާޅުވި އެވެ.

ފުއާދު އިތުރަށް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އިންތިހާބުގެ ބަޖެޓަށް ބަދަލު ގެނައުން ފަދަ މަސައްކަތްތައްވެސް ކުރަމުން ގެންދާ ކަމަށެވެ.

"އެއީ ތިން ފޫޓޫ ތިން ފޫޓުގެ ދުރުމިނުގައި ކިއުގައި ތިބޭ ކަމުގައިވާނަމަ އެބަޖެހޭ ދިގު ކިއޫތަކެއް ހެދޭނެ އިންތިޒާމުތަކެއް ހަމަޖައްސަން. އެހެންވާނަމަ ވޯޓުލާ މަރުކަޒުވެސް އިތުރުކުރަން ޖެހިދާނެ. އަދި ބަހައްޓާ މޭޒުތަކުގެ އަދަދުތައްވެސް އިތުރުކުރަން ޖެހިދާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ތައްޔާރީތަކުގެ ޕްލޭނިންގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާއި އެކަމަށް ބޭނުންވާ ބަޖެޓު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަންނަ އަހަރުގެ މާޗު މަހާ ހަމައަށް ދާއިރު ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް ބަލައި މަަސައްކަތް ކުރަމުންދާ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި ހާލަތު ރަނގަޅު ނުވި ކަމުގައިވިނަމަވެސް އިންތިހާބު ކުރިއަށް ގެންދެވޭތޯ ބަލާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

comment ކޮމެންޓް