އިތުރު ތިން ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި

ފެބްރުއަރީ 29، 2020: އިލެކްޝަން ކޮމިޝަންގެ ފަރާތުން ކައުންސިލް އިންތިހާބާއި ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު ތިން ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވަނީ ދާދި ފަހުން ނަން އަނބުރާ ގެންގޮސްފައި ވަނީ ކައުންސިލްގެ އަންހެންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ ތިން ކެނޑިޑޭޓުން ކަމަށެވެ. އެގޮތުން އެ ކެނޑިޑޭޓުންނަކީ ހދ. ހިރިމަރަދޫ އާއި ރ. މަޑުއްވަރީ އަދި ދ. ހުޅުދެލި ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ކަަމަށް އިލެކްޝަންސް އިން ހާމަކޮށްފައިވެ އެވެ.

އެ ކެނޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް އަދި އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ކެނޑިޑޭޓުންނެވެ.

ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މީގެކުރީން ވަނީ ޖުމްލަ 65 ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ގައެވެ.

ކައުންސިލް އިންތިހާބުން ޖުމްލަ 68 ކެނޑިޑޭޓެއްގެ ނަން މިހާރު ނަގާފައިވާއިރު އެއާއެކު ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގޮތުގައި މިވަގުތު ތިބީ 2،388 މީހެކެވެ. އަދި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ 1،787 ފަރާތެކެވެ.

މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ތާވަލުކޮށްފައި އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު، ކޮވިޑް19 އާ ގުޅިގެން ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

comment ކޮމެންޓް