އެންމެންގެ ކޮނޑުގައި "ނުހާޓްސް"ގެ ޓޯޓް ދަބަސްތައް!

މަރްޔަމް ނުހާ، "ނުހާޓްސް" ތައްޔާރުކޮށްފައިވާ ފޮތި ދަބަސްތަކެއް

ކުޑައިރުން ފެށިގެން ވެސް މަރްޔަމް ނުހާ އުޅެމުން އައީ ކުރެހުމާއި ކުލަ ޖެއްސުމާއި ފެން ކުލައިގެ ދުނިޔެއެއްގަ އެވެ. ސިކުނޑި އެނބުރެމުން ދިޔައީ ރީތި މަންޑާލާތަކުގެ ވަށައިގެންނެވެ. ފޮތްތަކުގެ ގަނޑުތަކަށް ކުލަ ފޭދެމުން ދިޔައީ ރީތި މާތަކުގެ ސިފައިގަ އެވެ.

ކުރެހުމުގެ ފަންނަށް ނުހާ ކިތަންމެ ހުނަރުވެރި ނަމަވެސް، ވަރަށް ފަހަކާ ޖެހެންދެން އެކަން އޮތީ ހޮބީއެއްގެ ގޮތުގަ އެވެ. ނުހާ ކުރަހަމުން ދިޔައީ ހުސް ވަގުތުތަކުގައި އަމިއްލަ ހިތްހަމަޖައްސާލުމަށެވެ. އިންސްޓަގްރާމް ޕޭޖެއް ހަދައިގެން ދުނިޔެއަށް އޭނާގެ ހުނަރު ދައްކަމުން ދިޔަ އެވެ.

ނަމަވެސް އެކަން ބަދަލުވެގެން ދިޔައީ ކޮވިޑް19 އާއެކު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެންނެވެ. ލޮކްޑައުންވެ ގޭބަންދުގައި އިންނަން ޖެހުމުން، ކުރެހުން އިތުރުވެ، ހޮބީއަކަށް ވުރެ އޭނާއަށް ލިބިފައިވާ ހުނަރު ބޭނުންކުރަން ވިސްނުނީ އެވެ.

"އަބަދު ގޭގަ އިންނަން ވީމަ ފޫހިވީ. ދެން ހިތަށް އެރީ މިކަން ކުޑަކޮށް ފުޅާކޮށްލާފަ ވިޔަފާރިއެއް ގޮތަށް ފަށަން. އަދި ދެ މަސް މިވީ ވިޔަފާރިއެއް ގޮތަށް މިކަން ކުރަން ފެށިތާ،" ނުހާ ކިޔައިދިނެވެ.

ނުހާގެ ޑިޒައިންތަކެއް ---

އެ ހިޔާލާއެކު އުފެދިގެން އައީ "ނުހާޓްސް" އެވެ. ނުހާޓްސްގެ ދަށުން އޭނާގެ ސިކުނޑީގައި އުފެދޭ ކުރެހުންތައް ބޮޑުވެ ފައްކާވެ އެންމެ ފަހުން ފޮތުގެ ބަދަލުގައި ދެން އުފެދެން ފެށީ ޓޯޓް ދަބަސްތަކެވެ. ރީތި ކުރެހުންތަކުގެ ޓޯޓްގެ އިތުރުން އަރަބި އަކުރުގެ ކަވި އަތުލިޔުންތަކާއި ކެންވަސްތައް ވެސް އޭނާގެ މަދެއް ނޫނެވެ.

ނުހާޓްސްގެ ސޯޝަލް މީޑިއާ ޕޭޖުތަކުން އޭނާގެ ހުނަރުވެރިކަން ނިކަން ރަނގަޅަށް ވެސް ފެނެ އެވެ. އޭނާގެ ކޮންމެ އުފެއްދުމަކީ ވެސް 100 ޕަސެންޓު އަމިއްލަ މަސައްކަތެވެ. ދަބަސްތައް ފަހަނީ އަމިއްލައަށެވެ. ދަބަސްތައް ޑިޒައިން ކުރަނީ އަމިއްލައަށެވެ. މުޅިން ވެސް 'ހޭންޑް ޕެއިންޓެޑް' އުފެއްދުންތަކެވެ.

ނުހާ ބުނި ގޮތުގައި ވިޔަފާރި ފެށިތާ ދެ މަސް ދުވަހުގެ ތެރޭގައި މިހާރު 60 އާ ގާތްކުރާ އަދަދަކަށް ދަބަސް ވިއްކިއްޖެ އެވެ. އަދި ގިނަ އަދަދެއްގެ ކެންވަސްތަކަށް ވެސް އޯޑަރު ލިބެ އެވެ.

"ބައެއް ކަސްޓަމަރުން ފޮނުވާނެ އެމީހުން ބޭނުންވާ ޑިޒައިން. އެކަމަކު އަޅުގަނޑު ބުނަން ސީދާ އެގޮތަށް ނުހެދިދާނެ އޭ. ދެން އަޅުގަނޑު ކޮންމެ ޑިޒައިން އަކަށް ވެސް އަޅުގަނޑުގެ އަމިއްލަ ޓަޗް ގެންނަން. އެ ހުރިހާ ވާހަކައެއް ބުނެދީ ކަސްޓަމަރުންގެ އެޕްރޫވަލް އާއެކު މަސައްކަތް ފަށަނީ،" ނުހާ ބުންޏެވެ.

މަރްޔަމް ނުހާ، "ނުހާޓްސް" ތައްޔާރުކޮށްފައިވާ ފޮތި ދަބަސްތަކެއް. އޭނާއަށް އެންމެ ކަމުދަނީ ކުދި މާތަކެއް ޖަހާފައިވާ ދަބަސް (ކ)

ނުހާ ބުނި ގޮތުން، މާ އުނދަގޫ ޑިޒައިނެއް ނޫން ނަމަ ދެ ދުވަސް ތެރޭގައި މަސައްކަތް ނިންމާލެވޭނެ އެވެ. އުނދަގޫ ޑިޒައިނެއް ނަމަވެސް ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވެ އެވެ.

މިހާތަނަށް ޑިޒައިންކުރި ދަބަސްތަކުގެ ތެރެއިން ނުހާ އެންމެ ހިތްހަމަޖެހެނީ ކުދި މާތަކަކާއެކު ކުރި ވަރަށް މިނިމަލް ޑިޒައިނެކެވެ. ނަމަވެސް އެންމެ ގިނަ ކަސްޓަމަރުންނަށް ކަމުދިޔައީ ހެރީ ޕޮޓާ ތީމްގެ ދަބަހެކެވެ. ފިރިމީހާގެ އެހީތެރިކަމާއެކު އަރަބި ލެޓަރިން ދަސްކޮށްގެން ދަބަސްތަކާއި ކެންވަސް ތަކުގައި އޭނާ ކޮށްފައިވާ ޑިޒައިންތައް ފުރިހަމަ އެވެ.

މަރްޔަމް ނުހާ، "ނުހާޓްސް" ތައްޔާރުކޮށްފައިވާ ދަބަސްތަކުގެ ތެރެއިން ކަސްޓަމަރުންނަށް އެންމެ ކަމުދިޔަ އެއް ޑިޒައިން

ތިން ކުދިން ގޮވައިގެން މިހާ ވަގުތު ހޭދަވާ މަސައްކަތެއް ކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް ރޭގަނޑުގެ ނިދި ނަގާލާފައި ނުހާ މިހާރު މަަސައްކަތް ކުރަމުން އަންނަނީ އޭނާގެ ވިޔަފާރި ފުޅާކޮށް، އެންމެންނަށް އެނގޭ ބްރޭންޑަކަށް "ނުހާޓްސް" ހެދުމަށެވެ.

ފާއިތުވި ދެ މަހުގެ ތެރޭގައި ނުހާއަށް ވަނީ މި މަސައްކަތުން ރަނގަޅު ފައިދާއެއް ލިބިފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ވިޔަފާރި ރަނގަޅުވާނެ ކަމުގެ އުންމީދާއެކު ނުހާ މިހާރު ވިސްނަނީ ބްރޭންޑް އިތުރަށް ވަރުގަދަ ކުރުމަށެވެ.

"މާލެ އިން ވަރަށް އުނދަގޫ ބޭނުންވާ އެއްޗެހި ހޯދަން. ދެން މިހާރު ދަބަސް ފަހަން މި ބޭނުންކުރާ ފޮތި ވެސް އަސްލު އެހާ ހިތްހަމައެއް ނުޖެހޭ. އެހެންވެ މިހާރު މި ވިސްނަނީ ބޭރުން މެޓީރިއަލް ގެނެސްގެން މަސައްކަތް ކުރަން. ދަބަސް ޑިޒައިން ކުރާ ވަރަށް ގިނަ ކުދިން އުޅޭ ރާއްޖޭގައި. އަޅުގަނޑަށް އެނގޭ އެކުދިންނަށް ވެސް އުނދަގޫ ވާނެ ކަން އެއްޗެހި ހޯދަން. އެހެންވެ އެބަ ވިސްނަން މެޓީރިއަލް ވިއްކަން ފަށަން ވެސް،" ނުހާ ބުންޏެވެ.

ހަމައެއާއެކު، ހަމައެކަނި ޓޯޓް ދަބަހުގެ ބަދަލުގައި އެހެން ޑިޒައިންތަކުގެ ދަބަސް ޑިޒައިން ކުރުމަށް ވެސް ނުހާ މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އަދި ޕްލާސްޓިކް މަދުކުރަން ކުރާ މަސައްކަތަށް އެހީވުމަށް، ވިޔަފާރި ކުރަން ހާއްސަ ބާޒާރު ކޮތަޅު ހެދުމަށް ވެސް އަންނަނީ ވިސްނަމުންނެވެ.

ނުހާ އަންނަނީ އަރަބި ލެޓަރިން ފަރިތަކުރަމުން ---

ނުހާ ފަދައިން މިފަދަ މަސައްކަތް ކުރާ ކުޅަދާނެ، ހުނަރުވެރި އެތައް އާޓިސްޓުން އެބަ އުޅެއެވެ. އެހެންކަމުން މަސައްކަތުގައި ހިފަހައްޓާލުމަކީ ޗެލެންޖަކަށް ވާނެކަން ނުހާ ވެސް ގަބޫލުކުރެ އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުގެ ތަފާތު ވެރައިޓީތަކެއް އެބަ ހުއްޓޭ. އެހެންވީމަ އެއީ އަޅުގަނޑަށް ލިބޭ އެޑްވާންޓޭޖެއް ގޮތަށް ދެކެނީ،" ނުހާ ބުންޏެވެ.

ފިރިމީހާ އާއި އެކުވެރިން އަދި ކަސްޓަމަރުންގެ ފަރާތުން ލިބޭ ސަޕޯޓަކީ ނުހާއަށް މިކަމުގައި ކުރިއަށް ދިއުމަށް އޮތް އެންމެ ބޮޑު ހިތްވަރެވެ. މިހާތަނަށް ނުހާއަށް ކަސްޓަމަރެއްގެ ފަރާތުން ގޯސް ކޮމެންޓެއް ލިބިފައި ނުވާއިރު، ނުހާ އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި ވެސް ކަސްޓަމަރުން ހިތްހަމަޖައްސައިދީގެން އޭނާގެ ހުނަރު ތަރައްގީ ކުރުމަށެވެ.

މަރްޔަމް ނުހާ، "ނުހާޓްސް" ގެ މަސައްކަތެއް ---

ހުވަފެނަކީ ލޮކްޑައުންގައި ގޭބަންދުވުމުގެ ސަބަބުން ފެށުނު މަސައްކަތް، ގޭގެ އޮޅިގަނޑުން ބޭރަށް ނެރެ، އެންމެ ކުޑައިރުން ފެށިގެން ނުހާ އުޅެމުން ދިޔަ ކުލަ ދުނިޔެއަށް އެންމެން ވެއްދުމެވެ. މަގުމަތިން ހިނގާފައި ދާއިރު "ނުހާޓްސް"ގެ ލޭބަލް ޖެހި ދަބަސްތައް އެންމެންގެ އަތުން ފެނުމަކީ އޭނާގެ އުންމީދެވެ.

comment ކޮމެންޓް