ޝިޔާމަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މީގެ ކުރިން ހޮސްޕިޓަލުގައި --

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްއަށް ފަރުވާ ދިނުމަށްފަހު މިއަދު އޭނާ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

މި މަހުގެ 27 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާގައި ހުންނަވަނިކޮށް ޝިޔާމްގެ ސިއްހީ ހާލުކޮޅު ދެރަވެ، އޭނާއަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި އޭނާ އެޑްމިޓްކޮށްގެން އެ ހޮސްޕިޓަލުގައި ފަރުވާ ދިނެވެ.

ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝިޔާމްއަށް ފަރުވާ ދިނުމަށްފަހު އޭނާ މިއަދު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

ޝިޔާމްއަށް ދިމާވެފައިވާ ސިއްހީ މައްސަލަ އޭނާވެސް އަދި ޕީޕީއެމް/ޕީއެންސީއިންވެސް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ނަމަވެސް، ޕީޕީއެމް/ޕީއެންސީއިން މީގެ ކުރިން ބުނެފައި ވަނީ، މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހުގެ ދަންވަރު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުމުގައި ޝިޔާމްގެ މައިބަދައަށް ލިބުނު އަނިޔާއާ ގުޅިގެން، އެކި ކަހަލަ ސިއްހީ މައްސަލަތައް ދިމާވަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް