އެލީޝާގެ ކެއްކުމުގެ މީރު ރަހަތައް ކުޅުދިޔާކޮށްލާނެ!

އެލީޝާ އިސްމާއިލް، (ނޮނާ)

އެލީޝާ އިސްމާއިލް، (ނޮނާ) އާއި މީގެ ތިން އަހަރު ކުރިން ބައްދަލުވީ އޭނާގެ އިންސްޓަގްރާމް ޕޭޖު "ޝެފް ގޭމް ސްޓްރޯންގް" ގެ ވާހަކަ ދައްކާލުމަށެވެ. އަލަތު ދަރިފުޅަށް އެންމެ އަށް މަހުގައި އޭރުވެސް ފާހަގަވި އެއްކަމަކީ އޭނާގެ ނުގުޑާފަދަ އަޒުމާއި ހިތްވަރެވެ. ދިރިއުޅުމުގެ އަޑިގުޑަންތަކާއި އެކުވެސް، އުފާވެރި މުސްތަގުބަލެއްގެ އުންމީދު އޭނާގެ ހިތުގައި ވިއެވެ. އޭނާގެ އެކަނިވެރި ދިރިއުޅުމަށް ހަގީގީ ދިރުން ގެނެސްދިނީ ދަރިފުޅު ޒެން އާއި ކެއްކުމެވެ.

އޭރު ޝެފް ގޭމް ސްޓްރޯންގްއަކީ ހަމަ އެކަނި މީރު ކެއްކުންތައް ކައްކާ ޕޯސްޓްކުރި ޕޭޖެކެވެ. އަމިއްލަ ރެސިޕީތަކެއް އުފައްދާ، ތަފާތު މީރު ރަހަތަކެއް އާންމުންނާއި ހިސާބަށް ގެނައުމަކީ އޭރު އޭނާ ދެކެމުން އައި ހުވަފެނެކެވެ. އަހަރުތަކެއް ފަހުން، މިއަދު ނޮނާ މިވަނީ އޭނާގެ އެ ހުވަފެނުގައި ކުލަ ޖައްސާފަ އެވެ. ޝެފް ގޭމް ސްޓްރޯންގެ މެނޫގެ ސޮފްޓް ލޯންޗިންއަކާއި އެކު މިއަދު އާންމުންގެ މެދުގައި އޭނާގެ މި ކުޑަ ބްރޭންޑްގެ މަގުބޫލުކަން މާބޮޑަށްވެސް އިތުރުވެއްޖެ އެވެ.

"ގާތްގަނޑަކަށް ދެހަފްތާ ވަރު މިވީ މެނޫ ރިލީޒް ކުރިތާ. އަސްލު އެއީ މެނޫގެ ވެސް ދެބައިކުޅަ އެއްބައި. ބޮޑަށް ވަގުތު ނުވަނީ، ޝޫޓްކޮށްފަތާ ކޮންމެ އެއްޗެއްވެސް ރިލީޒް ކުރަންވާނީ. އެހެންވެ ޝޫޓްކުރަމުން އޯޑާސްނަގަމުން އެހާ ވަގުތެއް ނުވޭ" ނޮނާ ބުންޏެވެ.

ޗެފް ގޭމް ސްޓްރޯންގެ މެނޫގައި މިވަގުތު ހިމެނެނީ ހަތަރު ބާވަތެކެވެ. އެއީ ދަ ޖައަންޓް ސޫޝީ ކޭކް، ސްޕައިސީ ފްރައިޑް ޗިކަން ބާއޯ ބަންސް، ތައި މެންގޯ ސްޓިކީ ރައިސް ކޯލްޑް ރޯލްސް އަދި "ބީފް ބާއޯ ބަންސް" އެވެ.

އާދައިގެ ޕާނާއި ބަނަހުގެ ޓެކްސްޗާއާއި ތަފާތު އަދި ޑެންސްކަން ކުޑަ ބާއޯ ބަންސްއަކީ ނޮނާ އޭނާގެ އަތުން މޮޑެގެން، އާވިން ތައްޔާރުކުރާ ބަންސް އެކެވެ. ޑަމްޕްލިންގެ އާއިލާއަކަށް ނިސްބަތްވާ ބާއޯ ބަންސް ތައާރަފްވެފައިވަނީވެސް ހަމަ ޗައިނާގެ ހިސާބުތަކުގައެވެ. ފޮނި އަދި ކުޅި އެކި ރަހަތަކުގެ ބާއޯބަންސް ތައްޔާރުކުރެވޭއިރު ނޮނާގެ ބާއޯ ބަންސް ކޮންމެވެސް ވަރަކަށް ތަފާތެވެ.

މަޑުމަޑު އަދި ކުޑަ ފޮނިކަމެއްދޭ މި ބާއޯ ބަންތަކަށް ފުރިހަމަކަމެއް ގެނެސްދެނީ ނޮނާ ތައްޔާރުކުރާ ސްޕައިސީ ފްރައިޑް ޗިކަން އާޢި، އަމިއްލަ ސްޕައިސީ ސޯސް އިންނެވެ. ކުޅި ފޮނި ރަހައާއި އެކު، ޕިކްލްޑް ފިޔާކޮޅާއި، ރެޑް ކެބެޖްއިން ބާއޯ ބަންސްގެ ރަހަ މުޅިން އެހެން ލެވަލްއަކަށް ގެންދެ އެވެ.

ނޮނާ ބުނާގޮތުން ބާއޯބަންސްގެ ރެސިޕީ އޭނާ ތައްޔާރުކޮށް އެކްސްޕެރިމަންޓް ކުރަން ފެށިތާ ގާތްގަނޑަކަށް 10 މަސްވަރު ވެދާނެ އެވެ. އަދި މެނޫގެ ހިމެނޭ އެހެން ބާވަތްތަކަކީވެސް މިފަދައިން އަމިއްލައަށް ތައްޔާރުކޮށް ތަޖުރިބާކޮށް ޓެސްޓުކޮށް، 'ޕާރފެކްޓް' ކޮށްގެން ނެރެފައިވާ ތަކެއްޗެވެ.

" އަބަދުވެސް ބޭނުންވީ ތަފާތު، އިނޮވޭޓިވް އެއްޗެއް ނެރެން. ވަރަށް ދުވަސްވެއްޖެ އަމިއްލަ މެނޫއެއް ރިލީޒްކުރަން ބޭނުންވެފައި އިންނަތާ. އެކަމަކު ވަރަށް ލިމިޓެޑް ހޭންޑް ޕިކްޑް އެއްޗެހިތަކެއް މި ޗޫޒްކުރަނީ. ދެން ޑަމްޕްލިންގެ ވައްތަރެއް ބާއޯ ބަންސް އަކީ. އެންމެންހެން ޑަމްޕްލިން ހަދާތީ އެކަހަލަ ތަފާތު އެއްޗެއް ނެރެން ބޭނުންވީ" ނޮނާ ކިޔައިދިނެވެ.

ބާއޯ ބަންސްގެ އިތުރަށް ސޫޝީ ކާހިތްވާ ފަރާތްތަކަށްވެސް ނޮނާ ގެނެސްދީފައި މިވަނީ ރޯލްސް ތަކެއްގެ ބަދަލުގައި ބޮޑު ކޭކެކެވެ. އޭނާ ބުނާގޮތުން މިއީ އުފަންދުވަސް ފަދަ މުނާސަބަތުތަކުގައިވެސް ފޮނި ކޭކެއް ފެޅުމުގެ ބަދަލުގައި ގިނަ ބަޔަކު އެއްވެގެން ފަޅައިގެން ކާލެވޭނެ ފަދަ ގޮތަަކަށް ވިސްނައި ތައާރަފްކުރި އެއްޗެކެވެ.

"އަބަދުވެސް ވަރަށް ބަލަން ތަފާތު އުފަންދުވަހުގެ ސެލެބްރޭޝަންސް ތަކަށް. ދެން ފްރައިޑް ޗިކަން ބާތްޑޭ ބޮކޭސްކަހަލަ އެއްޗެހިން އިންސްޕަޔާވެގެން ރިސާޗްކޮށްލިއިރު ލިބުނު އައިޑިއާއެއް މިއީ. މީގަ ބޮޑަށް ހިމެނޭނީ ޓޫނާ އާއި މެޔޯ ދެން ޝޯޓް ގްރެއިން ސުޝީ ރައިސް"

ތަފާތު ބާވަތްތަކެއް އާންމުންގެ ތެރެއަށް ނެރެ މަގުބޫލުކަން ހޯދަން ނޮނާ ނެގި މި ޗެލެންޖްގެ ހުރަސްތައްވެސް މަދެއް ނޫނެވެ. އޭނާ ބުނާގޮތުން އެންމެ އުނދަގޫ ކަމަކަށް ވެފައި ވަނީ ވަގުތު ދިނުމެވެ. ދަރިފުޅުގެ ހުރިހާ ކަމެއް ކުރަމުން، އޭނާ ނަގާ ލިމިޓެޑް އޯޑަރުތައް ތައްޔާރުކުރުމަށް ގާތްގަނޑަކަށް މުޅި ދުވަސް ހޭދަވެއެވެ.

ދުވަހުގެ މަސައްކަތްތަކަށްފަހު، ރޭގަނޑު ތަންކޮޅެއް ލަސްގަޑިއެއްގައި އިންޓަވިއު ނަގަމުން ދިޔައިރުވެސް އޭނާ ތައްޔާރުވަމުން އައީ މިއަދުގެ އޯޑަރުތަކަށް އެއްޗެހި ކޮށައި ތައްޔާރުކުރުމަށެވެ. ހެނދުނު ހެނދުނާ ތެދުވެ ބާއޯ ބަންސް ގެ ފުށްގަނޑުގެ މަސައްކަތް ފެށުމަށް އޮތީ ތާވަލު ކުރެވިފައެވެ. އެއަށްފަހު އިރުއޮއްސުމުގެ ކުރިން ފިރިމީހާގެ ރަހުމަތްތެރިއެއްގެ އެހީއާއި އެކު ހުރިހާ އެއްޗެއް ޑެލިވަރީ ކުރެވޭތޯ ބަލާނެ އެވެ.

މަސައްކަތަށް އަދި ކިތަންމެ ވަގުތެއް ދޭން ޖެހުނަސް، ކެއްކުމަށް އޮތް ލޯތްބާއި ޝައުގެއްގެ ބޮޑުކަމުން ދުވަސް ދާގޮތްވެސް ގިނަ ފަހަރު ނޭގޭކަމަށް ނޮނާ ބުންޏެވެ. މި ބުރަކަމަށް ލުޔެއް ލިބެނީ އޯޑަރުތައް އޭގެ ވެރިފަރާތްތަކަށް ރައްދު ކުރެވި، އެ ލިބޭ ކޮމެންޓުތަކުންނެވެ. މިގޮތުން، ރީތި ފޮޓޯއަށް އޭނާ ދޭ ސަމާލުކަމާއި އެއްވަރަށް، އޯޑަރު ލިބޭއިރުވެސް ހަމަ އެހާމެ ފުރިހަމައަށް ކާއެއްޗެހި ތައްޔާރުކުރެވިފައި ހުރުމަކީ އޭނާގެ ކްލައިންޓުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

"ފޮޓޯގައި ހުންނަ ގޮތަށް އޯޑަރު ލިބޭޢިރުވެސް ހުންނާތީ އެ ވާހަކަ މީހުން ވަރަށް އުފަލުން ބުނޭ. ދެން ބައެއް ދުވަސްދުވަހު ބާއޯ ބަންސް ނޮނާ އެންމެ ހިތްހަމަޖެހޭ ވަރަށް ނުހެދޭތީ ހުންނާނެ ދެވަނަ ފަހަރަށްވެސް ހަމަ ޑެލިވަރީ ކޮށްދީފައި. އެއީ އަސްލު ބިޒްނަސް އަކަށްވުރެ ބޮޑަށް މިއީ ހަމަ ލޯބިން ކޮށްދޭ ކަމަކަށްވާތީ." ނޮނާ ބުންޏެވެ.

މި ރޯދަމަހު ނޮނާ ވަނީ އޭނާގެ ވަރަށް ހާޢްސަ ނުވަ ރެސިޕީއެއް "ސަން ބަދިގެ" އަށްވެސް ހިއްސާކޮށްދީފައެވެ. މިއިން ކޮންމެ ރެސިޕީއަކަށްވެސް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފަ އެވެ.

ފިއުޝަން ފުޑްއަށް އަބަދުވެސް ހާޢްސަ ސަމާލުކަމެއް ނޮނާއަށް ދެވޭއިރު، ގިނަ ދުވަސްތަކެއްގެ މި އުންމީދު ހާސިލްކުރުމުގައި ފިރިމީހާގެ ފަރާތުން ލިބެމުންދާ ތަރުހީބު ނޮނާ ފާހަގަކުރެއެވެ ކުރިއަށްވެސް ތަފާތު ބާވަތްތަކެއް އޭނާގެ މެނޫގައި އެބަހުއްޓެވެ. ޗެފަކަށް ވުމުގެ އުންމީދުގައި ނޮނާ ހުރި އިރު، މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ ލިބެމުންދާ ރިކުއެސްޓް ތަކާއި އެއްގޮތަށް ކޭޓަރިންގެ ހިދުމަތް ފެށުމަށެވެ.

comment ކޮމެންޓް