ހޯރަފުށީގައި ގެވެށި އަނިޔާ ލިބުނު އަންހެނަކަށް ކުޅުދުއްފުށީގައި ފަރުވާ ދެނީ

ހއ. ހޯރަފުއްޓާއި ގުޅިފައިވާ އެއާޕޯޓު----

ހއ. ހޯރަފުށީގައި ހިނގައި ދިޔަ ގެވެށި އަނިޔާގެ މައްސަލައިގައި އަނިޔާ ލިބުނު އަންހެން މީހާ ކުޅުދުއްފުށި ސިޓީއަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީއިން ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެރޭގައި ހޯރަފުށީގައި ހިނގި ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން ގުޅުން ހުރި މުއައްސަސާތަކާ އެކު މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އަނިޔާ ލިބިފައިވާ ފަރާތުގެ ސިއްހީ ފަރުވާގެ ކަންތައްތައް މިހާރު ކުރިއަށްދާ ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ އަނިޔާ ލިބުނު ފަރާތުގެ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ހޯރަފުށީ ކައުންސިލުން ސަން އަށް ބުނީ އަންހެން މީހާއަށް ފަރުވާ ދިނުމަށްޓަކައި އިއްޔެގެ ވަގުތެއްގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްއަށް ވަނީ ގެންގޮސްފަ އެވެ.

އެއަށްފަހު ކޮވިޑާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަފަޅުތައް އަޅަން ޖެހޭތީ އޭނާ ވަނީ ކުޅުދުއްފުށީގައި ހުންނަ އޭނާގެ ގެއަށް ދޫކޮށްފައި ކަމަށް ކައުންސިލުން ބުނެ އެވެ. އެއީ އެތަނުގައި ބާއްވައިގެން އިތުރަށް ފަރުވާ ދިނުމަށެވެ.

ކައުންސިލުން ބުނިގޮތުގައި އަންހެން މީހާގެ އިނގިއްޔެއް ބިނދިފައިވާއިރު ކެއުމަށް އަދި އެއްޗެހި ދިރުވާ ހެދުމަށް އެކި ކަހަލަ އުނދަގޫތައްވެ އެވެ. އެހެންނަމަވެސް އޭނާގެ ހާލު އަންނަނީ މިހާރު ރަނގަޅު ވަމުން ކަމަށް ކައުންސިލުން ބުނެ އެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުން އޭނާ ގެއަށް ބަދަލުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށްވެސް ކައުންސިލުން މައުލޫމާތުދެ އެވެ.

comment ކޮމެންޓް