ތިންވަނަ ކުއާޓަރުގައި އެސްޓީއޯ އަށް 100 މިލިއަން ރުފިޔާގެ ފައިދާ

އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު --- ސަން ފޮޓޯ: ފަޔާޒު މޫސާ

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ތިންވަނަ ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 0.7 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ތިންވަަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބުނެވެ.

ނަމަވެސް ތިންވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނު އާމްދަނީ އަކީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ. ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާ އެވެ.

ތިން ވަނަ ކުއާޓަރުގައި ކުންފުނީގެ ހަރަދުތައް ހުރީ 235 މިލިއަން ރުފިޔާގަ އެވެ.

އެސްޓީއޯ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ތެލުގެ ވިޔަފާރިންނެވެ. ތެލުގެ ވިޔަފާރިން 818 މިލިއަން ރުފިޔާގެ އާމްދަނީ އެއް ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވެ އެވެ. ތެލުގެ ވިޔަފާރި ނޫން ވިޔަފާރިތަކުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 727 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް