ރަސޫލާއަށް ކާޓޫނު ކުރަހައި ފުރައްސާރަކުރާތީ ރާއްޖެއިން އެކަން ކުށްވެރިކޮށްފި

ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް: -- ސަން ފައިލް ފޮޓޯ

ރަސޫލާއަށް ކަޓޫނު ކުރަހައި އިސްލާމްދީނަށް ފުރައްސާރަކުރާތީ އެކަން ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާރަކަށް އައިސް އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމުގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަަމަށާއި އެއީ ކަނޑައެޅިގެން ނަފްރަތު އުފެދޭ ކަންތައްތަކެއް ކަމަށެވެ.

އެފަދަ ކަންތައްތަކަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ގަބޫލުނުކުރާކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް އިންސާނީ ހައްގެއްގެ ގޮތުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ދިނެވެ. ނަމަވެސް ދީނުގެ ނަމުގައި ނުވަތަ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުން ފަދަ ހަރުކަށި ފިކުރަށް ޖާގަ ނުދާނެކަމަށްވެސް ބުންޏެވެ.

ބައިނަލްއަގުވާމީ ދުނިޔެއާއި ގުޅިގެން ސުލްހަ އާއި "ޓޮލަރެންސް" އަށް މަސައްކަތްކުރަން ރާއްޖެއިން އޮންނާނެކަމަށް ވެސް ބުނެފައިވެ އެވެ.

"ހުރިހާ ބާވަތެއްގެ ޓެރަރިޒަމް ރާއްޖެއިން ކުށްވެރިކުރަން. އެކަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ރާއްޖެ އޮންނާނެ. އެހެން ނަމަވެސް އިސްލާމް ދީނާ ޓެރަރިޒަމްއާ ގުޅުވަން ކުރާ މަސައްކަތް ބަލައެއް ނުގަނެވޭނެ. އެއީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން. އެއީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް. " މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އިސްލާމްދީނަށް ފުރައްސާރަކުރާތީ އެކަން ކުށްވެރިކޮށް ރާއްޖެއިން ބަޔާނެއް ނެރުނުއިރު ފްރާންސްގެ ޓީޗަރަކު ދަރިވަރުންނަށް ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކާޓޫނެއް ކުރެހި މައްސަލަ ވަނީ ހޫނުވެފަ އެެވެ. އެ ޓީޗަރު މަރާލައިފައިވާއިރު އޭނާއަށް ފްރާންސުން ވަނީ އެގައުމުގައި ދޭ އެންމެ މަތީ ޝަރަފް ދީފަ އެވެ.

ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮން ވަނީ ޓީޗަރުގެ ދިފާއުގަިއ ނިކުމެފަ އެވެ. އަދި ކާޓޫން ކުރެހުމަކީ އިންސާނީ ހައްގެއްކަމަށް މެކްރޮން ވަނީ ވިދާޅުވެފަ އެވެ. އެ މައްސަަލައިގައި މެކްރޮންއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ފްރާންސްގެ އުފެއްދުންތައް ބޮއިކަޓްކުރަންވެސް ބައެއް މުސްލިމް ގައުމުތަކުން ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް