ސިދުރަތުގެ ހަށިގަނޑު އަދިވެސް މޯޗަރީގައި، ޕޯސްޓްމޯޓަމް ނުހެދި ލަސްވަނީ

ސިދުރަތުﷲ އަހްމަދު: ފަސް ދުވަސްވީއިރުވެސް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނުފޮނުވާ ---

އައިޖީއެޗް މޫދާ ދިމާލުން މަރުވެފައި އޮއްވާ ފެނުނު ސިދުރަތުﷲ އަހްމަދުގެ ޕޯސްޓްމޯޓަމް ނުހެދި މޯޗަރީގައި އޮންނަތާ ފަސް ދުވަސް ވެއްޖެ އެވެ.

އުމުރުން 31 އަހަރުގެ އެ ޒުވާނާގެ ހަށިގަނޑު ފެނުނީ މިދިޔަ ހުކުރު ދުވަހު އެވެ. ސިދުރަތުﷲގެ މަރަކީ ގުދުރަތީ މަރެއްކަމަށް ކަށަވަރު ނުވާތީ ފުލުހުން ވަނީ އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، ޕޯސްޓްްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހަށިގަނޑު އަދިވެސް އޮތީ މޯޗަރީގައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެނާގެ ހަށިގަނޑު ބޭރަށް ފޮނުވޭނީ ކޮންއިރަކު ކަމެއް މީޑިއާ އޮފިޝަލް ހާމައެއް ނުކުރެ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، ބޭރަށް ނުފޮނުވި ލަސްވަނީ ކޮވިޑާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގައި ހުރި ބައެއް ދަތިތަކާ ހުރެ އެވެ.

ސިދުރަތުﷲ އެންމެ ފަހުން ފެނުނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:00 އާއި 10:00 ދެމެދު އެވެ. އެއީ އޭނާ މަރުވެފައި އޮއްވާ ފެނުމުގެ އެއް ދުވަސް ކުރި އެވެ.

ފުލުހުން ވަނީ ތަހުގިގަށް އާންމުގެ އެހީއަށް އެދި އޭނާ އެންމެފަހުން ފެންނަ ސީސީޓިވީ ވީޑިއޯ ފޫޓެޖްވެސް އާްންމުކޮށްފަ އެވެ. ވީޑިއޯގައި ފެންނަނީ ސިދުރަތުﷲ ހިނގާފައި ބުލޫކިޔާމަގުން ނުކުމެގެން ގޮސް، ތާޖުއްދީން ހިނގުމުން ރަސްފަންނާ ދިމާލަށް ދާތަނެވެ.

އާއިލާއިން ތުހުމަތު ކުރާ ގޮތުގައި، ސިދުރަތުﷲ މަރާލަފައި ވަނީ ބަޔަކު ގަސްތުގަ އެވެ. އޭނާ ފެނުނު އިރު، ވާތު ލޮލާއި ފައިގެ ކުޑަ އިނގިލިން ބައެއް ނެތް ކަމަށް އާއިލާއިން ބުނެ އެވެ. މުޅި ގައިގެ އެކިތަންތަން ނޫފައިގެންފައި ހުރި އިރު، ނޭފަތް މަތިވެސް ހުރީ ވަރަށް ބޮޑަށް ޒަހަމްވެފައި ކަމަށްވެ އެވެ.

comment ކޮމެންޓް