ކެނދިކުޅުދޫ ޓާފު ނިމުނުތާ ދެ މަސް، އަދިވެސް ދަނޑު ނުހުޅުވާ

ނ. ކެނދިކުޅުދޫގައި ސަރުކާރުން އެޅި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު --- ކެޕަޗާސް/މުހައްމަދު ތަހުލީލް

ނ. ކެނދިކުޅުދޫގައި ކުޅިވަރާ ބެހޭ ވުޒާރާއިން ގާއިމު ކުރި ފީފާ ސްޓޭންޑާޑުގެ ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލިތާ ދެ މަސް ވީ އިރު ވެސް، ދަނޑުގެ ބޭނުން ޒުވާނުންނަށް ނުކުރެވޭ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ކެނދިކުޅުދޫ ޓާފް ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސިފައިންގެ ވެލްފެއާ ކުންފުނި ސިވެކުންނެވެ. އަދި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ. ބިން އެއްވަރުކުރުމުގެ މަސައްކަތަށް ދެ މިލިޔަން ރުފިޔާ ހަރަދުވެފައިވާއިރު، ޓާފް އެޅުމުގެ މަސައްކަތަށް 4.2 މިލިޔަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުންޏެވެ.

މި ދަނޑުގެ މަސައްކަތް އަވަަސް ކުރުމަށް ރަށުގެ ޒުވާނުން ނުކުމެ ޓާފް އެޅުމަށް ބޮޑު އެހީތެރިކަމެއް ވެފައިވާ އިރު، ދަނޑަށް ބޭރުން ވެލި އެޅުމުން ހުރަސް އެޅުމުގެ ގޮތުން އެ ރަށުގެ ކައުންސިލުން ހަރަދުކޮށްގެން ވަނީ ކުޑަ ފާރެއް ވެސް ދަނޑު ވަށައިގެން ރާނާފަ އެވެ.

ނަމަވެސް ޓާފް ހިމާޔަތް ކުރުމަށް އަޅާފައިވާ މި ފާރުގައި ސިމެންތި ނުޖެހި ހުރުމާ ގުޅިގެން ދަނޑުގެ ބޭނުން އަދިވެސް ކުރުން ކެނދިކުޅުދޫ ކައުންސިލުން ހުއްދަ ނުދީއޮތްކަން މިފަހުން ބައެއް ޒުވާނުން ވަނީ ފާހަގަކޮށް ނުރުހުން ފާޅުކޮށްފަ އެވެ.

"ޒުވާނުންނާ ވާހަކަ ދެކެވިގެން އެއްބަސްވެގެން މި ފާރު ރޭނީ. ޒުވާނުންގެ ވެސް ބޮޑު އެހީތެރިކަމާ އެކު ދަނޑު ވަށައި ފާރު ރާނާފައިވަނީ، ޓާފަށް ވެލި އެޅުން ހުއްޓުވުމުގެ ގޮތުން. ގައިގަނޑަކަށް ކައުންސިލުން 35 ހާހެއްހާ ރުފިޔާ ހަރަދުކޮށްގެން ފާރު ހެދީ. އެހެންވީމަ ފާރުގައި ސިމެންތި ނުޖަހާ އެތަން ބޭނުން ކުރަން ފަށައިފި ނަމަ ފާރު ހަލާކުވެދާނެ ކަމަށް އަޅުގަނޑުމެންނަށް ހީވާތީ ދަނޑުގެ ބޭނުން އަދިވެސް ނުކުރެވި އެއޮތީ،" ކެނދިކުޅުދޫގެ ކައުންސިލްގެ ރައީސް އަލީ ޝަމީމް ވިދާޅުވި އެވެ.

އަލީ ޝަމީމް ވިދާޅުވީ، ކޮންޓްރެކްޓް އުސޫލުން އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިހާރު ހުޅުވާލައިފައި ވާނެ ކަމަށާއި، އެކަން މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެވިފައިވާ ކަމަށެވެ. އަދި ދުވަސްވަރުގެ ގޮތުން ޒުވާނުން ނުކުމެ މި މަސައްކަތް ކުރުމަށް ދަތިތަކެއް ހުރުމުން، އެކަން ނުވެ އޮތީ ކަމަށާއި، ފާރުގައި ސިމެންތި ޖެހުނުހާ އަވަހަކަށް ދަނޑުގެ ފުރިހަމަ ބޭނުން ރަށުގެ ރައްޔިތުންނަށް ކުރެވޭނެ ކަމަށެވެ.

ސަރުކާރުން އަމާޒުކޮށްފައި ވަނީ ފަސް އަހަރު ތެރޭގައި 100 ޓާފް ދަނޑު އަޅާށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ޖުމުލަ 13 ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، އަދި އިތުރު 22 ދަނޑެއްގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށޭވަރު ވާނެ ކަމަށް މިނިސްޓްރ މަހްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ

comment ކޮމެންޓް