ޑޮލަރަށް ބަރޯސާވުން ކުޑަކުރަން އިމްޕޯޓަށް އެހެން ފައިސާއެއް ބޭނުންކުރަން މަޝްވަރާ ކުރަނީ

އެމްއެމްއޭގެ ގަވަރުނަރާއި ޑެޕިޔުޓީ ގަވަރުނަރު މަޖިލީހިގެ ކޮމެޓީގައި -- ފޮޓޯ: މަޖިލިސް

ރާއްޖެއަށް މުދާ އެތެރެެކުރުމުގައި ޑޮލަރަށް ބަރޯސާވުން ކުޑަކޮށް، އެހެން ފައިސާ އެއް ބޭނުން ކުރުމަށް މަޝްވަރާ ފަށާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އިއްޔެ ވިދާޅުވީ، ޑޮލަރަށް ބަރޯސާނުވެ، އެހެން ފައިސާއެއް އެކްސްޗޭންޖަށް ގެންނަން ވާހަކަ ދެކެވެމުންދާ ކަމަށެވެ.

"މިގޮތުން، އިންޑިއަން ރުޕީޒް ވިޔަސް ޗައިނީޒް ޔުއާން [ރެންމިންބީ] ވިޔަސް، އެ ދޭއްޗަކީ ޑައިރެކްޓްލީ ސްވޮޕް ކުރެވޭގޮތަށް، ރުފިޔާ އަށް ސްވޮޕް ކުރެވޭގޮތަށް އަޅުގަނޑުމެން އެބަ ރާވަން. އެބަ ވާހަކަ ތަކެއް ފައްޓައިގެން ކުރިއަށް އެބަގެންދަން،" ގަވަރުނަރު ވިދާޅުވި އެވެ.

މީގެ ނަތީޖާއެއްގެ ގޮތުން ބެލެންސް އޮފް ޓްރޭޑް ހުރި މިންވަރަކުން، ރުފިޔާ އާއި ރުޕީޒް ނުވަތަ ރެންމިންބީ އެކްސްޗޭންޖު ވެގެންދާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ އަބަދުވެސް ރާއްޖޭގައި ޓްރޭޑް ޑެފިސިޓެއް އުޅޭ ކަމަށާއި އޭތި ސެޓްލް ކުރާނީ ޑޮލަރުން ކަމަށެވެ.

"އެހެން ކަރަންސީއެއް އެގޮތަށް ޓްރޭޑު ކުރެވޭކަމަށް ވަންޏާ ޑޮލަރު ޕްރެޝަރު ދަށްވާނެ ކަމަށް އަޅުގަނޑުމެންނަށް ފެނޭ،" ގަވަރުނަރު ވިދާޅުވި އެވެ.

އެމްއެމްއޭގެ ޑެޕިޔުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ ދޭދޭ ގައުމުތަކުގެ ތެރެއިން ރާއްޖެއިން އެންމެ ބޮޑަށް ވިޔަފާރި ކުރަނީ ކޮން ގައުމުތަކަކާއެކުތޯ ބަލައި، އެހެން ގައުމުތަކުންވެސް މިހާރު ޕްރެކްޓިސް ކުރަމުން އަންނަހެން އެ ގައުމެއްގެ ފައިސާ އިން އެ ސެޓްލްމެންޓް ހެދޭނެ އިންތިޒާމު ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އޭގެ މާނައަކީ އަޅުގަނޑުމެންގެ ދިވެހި ރުފިޔާ ބޭނުންކޮށްގެން އެހެން ޖުރިސްޑިކްޝަނެއްގައި ހުންނަ މުދަލާއި ހިދުމަތް އަޅުގަނޑުމެންނަށް ހޯދޭނެ މެކޭނިޒަމްއެއް އެސްޓެބްލިޝް ވީމާ، ތާޑް ކަރަންސީ، ޔޫއެސްޑީ އަށް ބަރޯސާވާ މިންވަރު ކުދަވެގެންދާނެ،" އިމާދު ވިދާޅުވި އެވެ.

އިމާދު ވިދާޅުވީ ޗައިނާ އާއި އިންޑިއާ އަކީ ރާއްޖެއިން ފުޅާ ދާއިރާއެއްގައި ޓްރޭޑް އެކްޓިވިޓީސް ހިންގާ ދެ ގައުމު ކަމަށެވެ.

ރާއްޖޭގެ މާކެޓުގައި ޑޮލަރަށް އޮންނަ ޑިމާންޑު އިތުރުވެ ޑޮލަރު ލިބުން ވަނީ ދަތިވެފަ އެވެ.

ނަތީޖާއެއްގެ ގޮތުން ޕެރަރަލް މާކެޓުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލި، މުދާ އެތެރެކުރާ ފަރާތްތަކުން ޑޮލަރު ގަންނަން ކުރާ ހޭދަ ބޮޑުވެ، ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގު ދަނީ އުފުލެމުންނެވެ.

ޕެރަރަލް މާކެޓުގައި ޑޮލަރުގެ އަގު އުފުލޭ މައްސަލައަށް ހައްލު ހޯދުމަށް އެމްއެމްއޭ އިން ވަނީ ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުވެސް ކޮށްފަ އެވެ.

comment ކޮމެންޓް