ޖާބިރުގެ ކޭބަލް ކާރު މަޝްރޫއަކީ ކުރެވޭނެ ކަމެއް ނޫން: އަސްލަމް

މިނިސްޓްރީ އޮފް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

ކާށިދޫ ކޭބަލް ކާރު މަޝްރޫއަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ކޭބަލް ކާރު އަޅަން ހުށަހެޅުމުން ދައުލަތުން އެ މަޝްރޫއުއަށް އެއްބާރުލުން ނުދެނީ ކީއްވެގެންތޯ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ މިނިސްޓަރު އަސްލަމާ ސުވާލުކުރައްވާފަ އެވެ.

ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ކޭބަލް ކާރު މަޝްރޫއަކީ އެއްގޮތަކަށްވެސް ކުރެވޭނެ އަދި ކުރަން ހެޔޮވާވަރުގެ ވެސް ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން [ހަމަބުއްދީގައި ހުރެ] އެއްގޮތަކަށް ވެސް ކާށިދޫއިން އެއްވެސް ތާކަށް ކޭބަލް ކާރު އެޅުން އެއީ ފީސިބަލް ކަމެއް ގޮތުގައި. ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭ މިޒާތުގެ ވާހަކަ ކިތަންމެ ބާރަށް ދެއްކި ކަމުގައި ވިޔަސް، އެއީ ވާނެ ކަމެއް ނޫންކަން. އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ ވާނެ ކަމެއް ކަމަށް، އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ކަމުގައި ވެސް." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކައަށް ފާޑުވިދާޅުވަމުން މެމްބަރު ޖާބިރު ވިދާޅުވީ ފްރާންސްގެ ޕެރިސް އާއި އިނގިރޭސިވިލާތުގެ ލަންޑަންވެސް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އަސްލަމް ވިދާޅުވީ ކާށިދޫއަކީ ޕެރިސް ނޫން ކަމަށާއި ކޭބަލް ކާރު މަޝްރޫއުއަކީ ފީސިބަލް މަޝްރޫއުއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ދެންނެވީ އަޅުގަނޑުގެ ހަމަބުއްދީގައި ނުވިސްނެނީއޭ އެއީ ފީސިބަލް ކަމެއް ގޮތުގައި ވެސް އަދި ވާނެކަމެއް ގޮތުގައި ވެސް. ޕެރިސްއެއް ނޫން ކާށިދޫއާއި މާލެއާ ދޭތެރެއަކީ." މިނިސްޓަރު ވިދާޅުވި އެވެ.

ކާށިދުއާއި ގާފަރާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ކޭބަލް ކާރު އަޅާނެކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނިމިގެންދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕޭންތެރޭގައި ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.

އެކަމަށް ބޭނުންވާ ދިރާސާތައް ކުރުމަށް އިޓަލީގެ އެންމެ ބޮޑު އެއް އިންޖިނިއަރިން ކުންފުނި، ސިންޓެކްނިއާ އިންޖިނިއަރިންގެ އިސް ދެ ބޭފުޅަކު ވެސް މީގެ ކުރިން ރާއްޖެއަށް އައިސްފައިވެ އެވެ.

ކާށިދޫގައި އެއާޕޯޓެއް އެޅުމަކީވެސް ޖާބިރުގެ ތަސައްވަރުގައި ހިމެނޭ ކަމެކެވެ. އެއާޕޯޓު އެޅުމުގެ ހުއްދަ ލިބުމާއެކު 18 މަސް ދުވަސްތެރޭ އެ އެއާޕޯޓު އަޅައި ނިންމައިދޭނެ ކަމަށް މީގެ ކުރިން ޖާބިރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް