މެލޭޝިއާގައި ކުއްލި ހާލަތު އިއުލާން ކުރަން ރަސްގެފާނު ދެކޮޅު ހައްދަވައިފި

މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ވަނީ ކުއްލި ހާލަތު އިއުލާން ކުރަން އެދިވަޑައިގެންފަ -- ފޮޓޯ: ގެޓީ

ކުއަލަލަމްޕޫރު (އޮކްޓޯބަރު 26): މެލޭޝިއާގައި ކުއްލި ހާލަތު އިއުލާން ކުރަން އެގައުމުގެ ރަސްގެފާނުގެ އަރިހުގައި ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން އެދިލެއްވުމުން، ރަސްގެފާނު އަބްދުﷲ އެކަމަށް ދެކޮޅު ހައްދަވައިފި އެވެ.

މެލޭޝިއާގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުގައި ކުއްލި ހާލަތު އިއުލާން ކުރަން މުހިއްޔުއްދީން އެދިލެއްވީ ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކަ އެވެ. ނަމަވެސް ސަރުކާރުން ބަލިމަޑުކަމާ ކުރިމަތިލާފައި ވަނީ ރަނގަޅަށް ކަމަށާއި ބޮޑުވަޒީރުގެ ބެއްލެވުމުގެ ދަށުން ދެންވެސް ކުރިއަށް ދެވޭނެ ކަމަށް ރަސްގެފާނު ގަބޫލު ކުރައްވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ސަރުކާރުން ވަނީ ބަލިމަޑުކަމާ ގުޅުން ހުރި ކަންތައްތައް ރަނގަޅަށް ހިންގާފައި އަދި ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީންގެ ލީޑާޝިޕްގެ ދަށުން ބަލި ފެތުރުން ހުއްޓުވުމަށް ސަރުކާރުގެ ސިޔާސަތުތަކާއި ފިޔަވަޅުތައް ތަސްދީގު ކުރެވޭނެ ކަަމަށް ރަސްގެފާނު ގަބޫލު ކުރައްވާ،" ގަނޑުވަރުގެ ބަޔާނުގައިވެ އެވެ.

މެލޭޝިއާގައި ކުއްލި ހާލަތު އިއުލާން ކުރަން މިދިޔަ ހުކުރު ދުވަހު މުހިއްޔުއްދީން އެދިލެއްވި ހަބަރާ އެކު އިދިކޮޅު ފަރާތްތަކުން ވަނީ ބޮޑުވަޒީރަށް ފާޑު ކިޔާފަ އެވެ. އަދި އެއީ އަންނަ މަހު ޕާލިމެންޓުގެ ބައްދަލުވުންތައް އަލުން ފެށުން ހުއްޓުވުމަށް މުހިއްޔުއްދީން އަޅުއްވާ ފިޔަވަޅެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

މެލޭޝިއާގައި އަންނަ މަހުގެ ދޭއްގައި ޕާލިމެންޓުގެ ބައްދަލުވުންތައް ފަށައި، އެގައުމުގެ އަންނަ އަހަރުގެ ބަޖެޓު އޭގެ ހަތަރު ދުވަސް ފަހުން ޕާލިމެންޓަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ބަޖެޓު ފާސް ނުވެއްޖެ ނަމަ އެއީ މުހިއްޔުއްދީންއަށް އިތުބާރު ނެތުން ކަމަށް ބެލެވި، އާއްމު އިންތިހާބަކަށް މަގުފަހިވުން އެކަށީގެންވެ އެވެ. ނަމަވެސް އެގައުމުގައި ކުއްލި ހާލަތު އިއުލާން ކޮށްފި ނަމަ ބަޖެޓު ހުށަހެޅުން ފަސް ކުރެވޭނެ އެވެ.

މެލޭޝިއާގެ ޕާލިމެންޓުން އެންމެ ދެ ގޮނޑީގެ ތަފާތަކުން މިދިޔަ މާޗް މަހު ވެރިކަމަށް ވަޑައިގެންނެވި މުހިއްޔުއްދީންއަށް މެމްބަރުންގެ އަގުލަބިއްޔަތު ގެއްލިފައިވާ ކަމަށް އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ. އަދި އާ ސަރުކާރެއް އެކުލަވާލެވޭ ވަރަށް އަންވަރަށް ތާއިދު އޮތް ކަން ސާބިތުކޮށްދެއްވުމަށް އޭނާ ވަނީ މި މަހުގެ 13ގައި ރަސްގެފާނާ ބައްދަލު ކުރައްވާފަ އެވެ.

އަންވަރު އެފަދައިން ވިދާޅުވުމުންނާއި މެލޭޝިއާގައި އަނެއްކާ ވެސް ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވެފައި ވުމުން މުހިއްޔުއްދީންގެ ވެރިކަމަށް އޮތް ގޮންޖެހުންތައް ވަނީ އިތުރުވެފަ އެވެ.

މެލޭޝިއާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 26،000އަށް ވުރެ އިތުރުވެފަ އެވެ. އެއީ މީގެ އެއް މަސް ކުރިއާ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ. އަދި އެގައުމުން ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 229އަށް އަރާފަ އެވެ.

comment ކޮމެންޓް