ސެމްސަންގް ގުރޫޕުގެ ޗެއާމަން އަވަހާރަވެއްޖެ

ސެމްސަންގް ގްރޫޕުގެ ޗެއާމަން ލީ ކަން-ހީ ވަނީ އުމުރުން 78 އަހަރުގައި މިއަދު މަރުވެފަ -- ފޮޓޯ: ރޮއިޓާސް

ސޯލް (އޮކްޓޯބަރު 25): ސެމްސަންގް ގްރޫޕުގެ ޗެއާމަން ލީ ކަން-ހީ އުމުރުން 78 އަހަރުގައި އަވަހާރަވެއްޖެ އެވެ.

ސެމްސަންގްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ލީ މިއަދު އަވަހާރަވީ އިރު އޭނާގެ ގާތުގައި އާއިލާގެ މެމްބަރުން ތިއްބެވެ. އެވެ. އޭގެ ތެރޭގައި ފިރިހެން ދަރިފުޅު އަދި ކުންފުނީގެ ވައިސް ޗެއާމަން ލީ ޖޭ-ޔޮންގް ހިމެނެ އެވެ.

ލީގެ މަރާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ސެމްސަންގްއިން ހާމައެއް ނުކުރެ އެވެ. ނަމަވެސް 2014 ވަނަ އަހަރު ހާޓް އެޓޭކެއް ޖެހުނު ފަހުން ލީއަށް ހިނގާބިނގާވެ ނޫޅެވެ އެވެ.

ލީ އަކީ 1938 ވަނަ އަހަރު ސެމްސަންގް ގްރޫޕު އުފެއްދި ލީ ބިޔަންގް-ޗުލްގެ ތިން ވަނަ ދަރިފުޅެވެ. އެ ގުރޫޕުގެ ޗެއާމަން ކަމާ ލީ ހަވާލުވީ 1987ގައި އޭނާގެ ބައްޕަ އަވަހާރަވުމުންނެވެ. އަދި އޭރު ފެންވަރު ދަށް، އަގު ހެޔޮ ޓީވީ ފަދަ ތަކެތި އުފައްދާ ކުންފުންޏެއްގެ ގޮތުގައި އޮތް ސެމްސަންގް ދުނިޔޭގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ބްރޭންޑަށް ހެދީ ލީ އެވެ.

ލީ އަވަހާރަވިއިރު އޭނާ އަކީ 21 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާ އެކު ދެކުނު ކޮރެއާގެ އެންމެ މުއްސަނދި މީހާ އެވެ.

ލީގެ މައްޗަށް ދެ ފަހަރެއްގެ މަތިން ކުށުގެ ދައުވާ ސާބިތުވެފައިވެ އެވެ. އެއީ ދެކުނު ކޮރެއާގެ ކުރީގެ ރައީސަކަށް ރިޝްވަތު ދިނުމުގެ ދައުވާ 1995ގައި އަދި ޓެކުހަށް މަކަރު ހެދުމާއި ހިޔާނާތްތެރިވުމުގެ ދައުވާ 2008ގަ އެވެ. އެ ދެ މައްސަލާގައިވެސް އޭނާގެ މައްޗަށް ސާބިތުވި ދައުވާތަކަށް ދެ ރައީސަކު ވަނީ މާފު ދެއްވާފަ އެވެ.

ލީ އަށް ފަހު ސެމްސަންގް ގްރޫޕުގެ ޗެއާމަން ކަމަށް އިސް ވާނީ އޭނާގެ ދަރިފުޅު ލީ ޖޭ-ޔޮންގް ކަމަށް ބެލެވެ އެވެ. އޭނާގެ މައްޗަށްވެސް 2017 ވަނަ އަހަރު ކޮރަޕްޝަނުގެ ދައުވާ ސާބިތުވުމުން ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި އެވެ. ނަމަވެސް 2018 ވަނަ އަހަރު އެ ހުކުމް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

comment ކޮމެންޓް