މަކަރުން ފައިސާ ހޯދި މީހެއްގެ މަޅީގައި ޖެހުނު މީހުން ފުލުހުން ހޯދަނީ

މަކަރާ ހީލަތުން ފައިސާ ހޯދާކަމަށް ފުލުހުން ތުހުމަތު ކުރާ އިބްރާހިމް ނަޒީދު --- ފޮޓޯ/ ޕޮލިސް

މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދަމުންދިޔަކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ޝިކާރައަކަށް އިތުރު ބައެއް ވެފައިވޭތޯ ބެލުމަށް ފުލުހުން އޭނާގެ ވަނަވަރު ހާމަކޮށްފި އެވެ.

ފުލުހުން ބުނީ، ފޮޓޯއިން ފެންނަ ޅ. ހިންނަވަރު، އަންބަރީގެ، އިބްރާހީމް ނަޒީދު 37 އަކީ، ސައްހަ ނޫން އެއްބަސްވުންތަކެއް ހަދައިގެން ގިނަ އަދަދެއްގެ ބަޔަކަށް އެޕާޓްމަންޓް ކުއްޔަށްދީ، މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަމުންދިޔަކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.

ފުލުހުން އެދުނީ، އޭނާގެ ފުށުން އެފަދަ އަމަލެއްގެ ޝިކާރައަކަށްވެފައިވާ އިތުރު ފަރާތެއްވާނަމަ، އެ މައްސަލައެއްގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށެވެ.

މައުލޫމާތު ހިއްސާ ކުރަން ބޭނުންވާ ފަރާތްތަކުން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން އެދެ އެވެ.

އޮޅުވަލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް މިހާރަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން، ފައިސާގެ ބޮޑެތި އަދަދުތައް ހމެނޭ މުއާމަލާތްތައް ކުރާއިރު އެކުރެވޭ މުއާމަލާތަކީ ސައްހަ މުއާމަލާތެއްތޯ ކަށަވަރުކުރުމަށް ސަމާލުކަންދެއްވުމަށް ފުލުހުން އިލްތިމާސްކުރި އެވެ.

ސައްހަނޫން މުއާމަލާތެއް ހިންގުމަށް މަސައްކަތްކުރާކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް އެ މުއާމަލާތެއްގެ މައުލޫމާތު ފުލުހުންނަށް އެންގުމަށްވެސް އެ މުއައްސަސާއިން އެދުނެވެ.

comment ކޮމެންޓް