ފްލައިން ސްކޫލްގެ މައްސަލައިގައި ރޮޒައިނާގެ ރުޅިގަނޑު ފަޅައިގެންގޮސްފި

މިނިވަން މުއައްސަސާ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް --- ސަންފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިން އެ ސްކޫލްގެ ދަރިވަރުންނާ ދޭތެރޭ ކަންތައްތައްކުރާ ގޮތުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރުޅިގަނޑުފަޅައިގެންގޮސްފި އެވެ.

ފްލައިން ސްކޫލްގެ ހިންގުން ދޯދިޔާވެ ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ކޯސް ދިގުލައިގެން ދާތީ އެ ސްކޫލްގެ ދަރިވަރުންތަކެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހެޅި މައްސަލައިގައި މިދިޔަ ހުކުރު ދުވަހު ފަސް ދަރިވަރަކު ވަކިވެސް ކުރި އެވެ.

ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ފިއްތުންތަކާ ގުޅިގެން އެ ނިންމުމަށް އަމަލުކުރުން އެ ސްކޫލުން ވަނީ މަޑުޖައްސާލައިފަ އެވެ.

"އައްޑޫގައި ހިންގާ ފްލައިން ސްކޫލްއިން ކަންތައް ކުރާގޮތުން ވާހަކަ ސަރުކާުރުގެ އިދާރާތަކާ ހިއްސާ ކުރީމަ އެކުދިން ކަނޑާލަން ނޯޓިސް ފޮނުވި ފޮނުވުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން." ރޮޒައިނާގެ ޓުވީޓުގައިވެ އެވެ.

ރޮޒައިނާ މިއަދު "ސަން" އަށް ވެސް ވިދާޅުވީ ދަރިވަރުން ފްލައިން ސްކޫލުން ވަކިކުރުމުން އެ ނިންމުން ބަދަލުކުރަން ޓްރަންސްޕޯޓް މިނިސްޓްރީން އެންގުމުން ހަމައެކަނި ނުފުދޭ ކަމަށެެވެ.

"ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިހާރު އެ އޮތީ ސްކޫލާ ދޭތެރޭ ފިޔަވަޅު އަޅާފައި. ދެން ޓްރާންސްޕޯޓް މިނިސްޓްރީ ޖެހޭނީ އެ ސްކޫލަށް ފިޔަވަޅު އަޅަން. ފްލައިން ސްކޫލްގެ ކަންތައް މާ މައްޗަށް ގޮސްފި މިހާރު" ރޮޒައިނާ ވިދާޅުވި އެވެ.

އެތަނުގައި ކިޔަވާ ދަރިވަރުން އަބަދުހެން ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އެކަމަށް ދާއިމީ ހައްލެއް ބޭނުންވާކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ. ހާއްސަކޮށް ދިވެހި ދަރިވަރުންނާ ދޭތެރޭ ގެންގުޅޭ ތަފާތުކުރުންތަކަށް ރޮޒައިނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

ފްލައިން ސްކޫލްގެ ޕައިލެޓްކަން ކިޔަވަން އާންމުކޮށް ހޭދަވަނީ އެއް އަހަރާއި 18 މަސް ދުވަހުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ނިމުމުން ދަރިވަރުން ހަ މަސްތެރޭގައި ލޯން ދައްކަން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯސް ދިގުލައިގެން ގޮސް ދެތިން އަހަރުވެސް ހޭދަވެ އެވެ. އެ މައްސަަލައިގައި ސްކޫލުން އެއްވެސް ޒިންމާއެއް ނުނަގާތީ އެކަމަށްވެސް ރޮޒައިނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ފްލައިން ސްކޫލްގެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ވާހަކަ ދައްކަވާނެ ކަމަށެވެ.

މީގެ ކުރިންވެސް ފްލައިން ސްކޫލްގެ މައްސަލައިގައި ރޮޒައިނާ އިސްވެ ހުންނަވައިގެން އެ މައްސަލަ ވަނީ ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންގެ ސަމާލުކަމަށް ވެސް ގެންނަވައިފަ އެވެ.

ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެ އެކެޑެމީގައި ކިޔަވާ ދަރިވަރުންގެ ލޯންތައް ދެއްކުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ކޯސް ނިންމާތާ ހަ މަސް ދުވަހަށް ފަސްވެސް ކޮށްދީފަ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަންކަން ފާހަގަކޮށްފައިވާ ކަމަށެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ ޒިންމާދާރުކަމާއިއެކު ދަރިވަރުންގެ ޕްރޮގްރާމް ފުރިހަމަކޮށްދިނުމާއި، ޕްރޮގްރާމްގެ ފެންވަރު ހިފެހެއްޓުމަށް އޭއޭއޭ އަށް އަންގާފައިވާނެ ކަމަށެވެ.

comment ކޮމެންޓް