ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް އެއްްވަނައަށް

ބާސެލޯނާ ކޮޅަށް ގޯލު ޖެހުމަށްފަހު ސާޖިއޯ ރާމޯސް އުފާފާޅު ކުރަނީ --- ފޮޓޯ//ލައިވްސްކޯ

ސްޕެނިޝް ލީގުގެ އެންމެ ވާދަވެރި ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ ކުރިމަތިލުން، އެލްކުލެސިކޯ ކާމިޔާބުކޮށް ރެއާލް ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި މިރޭ ކުޅުނު އެ މެޗުން ހޯމް ޓީމުގެ މައްޗަށް ރެއާލުން ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ރެއާލް ވަނީ ބާސެލޯނާ އަތުން މޮޅު ހޯދި މެޗުގެ އަދަދު 96 އަށް އަރައިފަ އެވެ. ބާސެލޯނާ 95 މެޗުން މޮޅު ހޯދި އިރު، މިރޭގެ މެޗާ އެކު ރެއާލް ވަނީ ކުރިއަށް ޖެހިލައިފަ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ޖުމުލަކޮށް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗު ފަށައިގެން ފުރަތަމަ އެޓޭކުގައި ރެއާލުން ވަނީ ލީޑު ނަގައިފަ އެވެ. މެޗުގެ ފަސްވަނަ މިނަޓުގައި އެ ގޯލު އެ ޓީމަށް ޖަހައިދިނީ ފެޑްރިކޯ ވަލްވާޑޭ އެވެ. އެކަމަކު ބާސެލޯނާއިން ވަނީ ޖެހިގެން އައި ބޯޅަ ރެއާލްގެ ގޯލަށް ވައްދާލައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އަނިޔާގައި ހުރުމަށްފަހު މިރޭގެ މެޗަށް ފިޓްވިގެން ކުޅެން ނުކުތް ޖޯޑީ އަލްބާ ނަގައިދިން ހުރަހަކުން އެ ގޯލު ޖަހައިދިނީ އަންސޫ ފާޓީ އެވެ. އުމުރުން 17 އަހަރުގެ މި ގޯލަކީ އެލްކުލެސިކޯގެ ކުރިމަތިލުމުގައި ވެސް އެންމެ ޒުވާން ކުޅުންތެރިއަކު ޖެހި ގޯލެވެ.

ފުރަތަމަ ހާފުގައި ބާސެލޯނާއަށް ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކެޕްޓަން މެސީ އަށެވެ. ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ކައިރިން ނައްޓާލުމަށްފަހު މެސީ ކައިރި ކަނަށް ފޮނުވާލި ހަމަލާ ރެއާލްގެ ކީބަރު ތިބައުޓް ކޯޓުއާ ވަނީ ދިފާއުކޮށްފަ އެވެ. ރެއާލުން އެ ހާފުގައި އުފެއްދި ނުރައްކާތެރި ދެ ހަމަލާއެއް ބާސެލޯނާގެ ކީޕަރު ނެޓޯ ވެސް ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގައި ރެއާލް މެޑްރިޑުން ދެވަނަ ފަހަރަށް ލީޑު ނެގީ ކެޕްޓަން ރާމޯސް ޖެހި ގޯލުންނެވެ. ބާސެލޯނާގެ ޑިފެންޑަރު ލޯންގްލެޓް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ރާމޯސް ވައްދާލި އިރު ތިންވަނަ ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން ލޫކަސް މޮޑްރިޗް ޖެހި ހިތްގައިމު ގޯލެކެވެ.

މި މެެޗުން ލިބުނު މޮޅާ އެކު ރެއާލް ވަނީ ކުޅުނު ހަ މެޗުން ހޯދި 13 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައަށް ޖެހިލައިފަ އެވެ. އެ ޓީމާ ދެން އެންމެ ކައިރީގައި އޮތް ރެއާލް ސޮސިއެޑޭޑްއަށް 11 ޕޮއިންޓް ލިބޭ އިރު ތިންވަނައިގައި އޮތް ވިލަރެއާލް ވެސް ވަނީ 11 ޕޮއިންޓް ހޯދައިފަ އެވެ. މިރޭގެ މެޗުން ބަލިވި ބާސެލޯނާ މިވަގުތު އޮތީ ހަތް ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.

comment ކޮމެންޓް