އދ. އިން ގައުމުތައް އެއްގަލަކަށް އަރުވައިދޭ: ޝާހިދު

ހާރިޖީ ވަޒީރުންގެ ފުރަތަމަ ޖަލްސާގައި ޝާހިދު ---

އދ އަކީ ގައުމުތައް އެއްގަލަކަށް އަރުވައިދޭ ޖަމްއިއްޔާ އެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ. އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިނިސްޓަރު ޝާހިދު ދެއްވި މެސެޖުގައި ވިދާޅުވީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދުނިޔެއަށް ބަލިމަޑުކަމެއް ކުރިމަތިވެފައިވާ މި ދަނޑުވަޅުގައި އދ. ގެ މުހިންމުކަން އިތުރަށް އިހްސާސްވާ ކަމަށެވެ.

"ރާއްޖެއަކީ އަބަދުވެސް އދ. ގެ ޗާޓަރުގައިވާ އަސާސްތައް ދެމެހެއްޓުމަށް ގޮވާލާ، ބައިނަލްއަގުވާމީ ސުލްހަޔާއި، އިގްތިސޯދީ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ގޮވާލާ ޤައުމެއް. 1965 ވަނަ އަހަރު އދ. ގެ މެމްބަރުކަން ރާއްޖެއަށް ލިބުމާއެކު، އޭގެ 55 އަހަރުފަހުން، މިއަދުވެސް ރާއްޖެ ދެމިއޮތީ، އދ. ގެ ތެދުވެރި އަދި އިހުލާސްތެރި ބައިވެރިއެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަކީ ނިސްބަތުން ކިތައްމެ ކުޑަ ގައުމެއްކަމުގައި ނަމަވެސް، އދ. ގައި ރާއްޖެއިން ދައްކައިދެނީ، ބައިނަލްއަގުވާމީ ފެންވަރެއްގައި އެހެން ގައުމުތަކާއި އެއްހަމައަކަށް ފައިތިލަ ސާބިތުކޮށްގެން ކުރިއަށް ދެވިދާނެކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާތަނަށް އދ. ގައި ރާއްޖެއިން ހާސިލްކޮށްފައިވާ ކަންތައްތަކަކީ، ކުޑަ ގައުމުތަކަކީ އދ. ގެ މުހިންމު ބައިވެރިންތަކެއްކަން ދައްކުވައިދިނުމުގެ އިތުރުން، 21 ވަނަ ގަރުނުގައި ތައާރަފުވެގެން އަންނަ އާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރެވިދާނެ ކަމުގެ ހެއްކެއް،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 75 އަހަރު ވަންދެން އދ. ދެމިއޮތީ ބަވަނަވުމާއި މަލްޓިލެޓްރަލިޒަމަށް މަގުއަލިކޮށް، އެއްގަލަކަށް އަރުވައިދޭ އަލިގަދަ ދަންމަރެއްގެ ގޮތުގައި ކަމަށެވެ.

"މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަޅުގަނޑުމެން ކުރިމަތިލަމުންދާއިރު، އދ. ގެ ހަގީގީ ރޫހުގައި ތިބެ، ފަހި މުސްތަގުބަލަކަށް ކުރިއަށް ދިޔުމަށްޓަކައި އަޅުގަނޑުމެންގެ ޔަގީންކަން މި ޖަމުއިއްޔާގައި އެބައޮތް. ބައިނަލްއަގުވާމީ ގިނަ ގޮންޖެހުންތަކެއް ހުއްޓަސް، އަޅުގަނޑުމެން އެންމެން ގުޅުވައިދީ، އެކަކު އަނެކަކަށް އިޙްތިރާމާއި ގަދަރާއެކު އަޅުގަނޑުމެން އެދޭ މުސްތަގުބަލަށް ވާސިލްވުމަށް އދ އިން ކަށަވަރުކޮށްދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް