އެމްއެމްޕީއާރުސީގެ ތަހުގީގަށް ނިހާން ކޮމިޝަނަށް ހާޒިރުކޮށްފި

ނިހާން: އޭނާ ވަނީ އެމްއެމްޕީއާރުސީގެ ތަހުގީގަށް ހާޒިރުކޮށްފައި --- ސަން ފޮޓޯ/ މުޒައްޔިނު ނާޒިމް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު، އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށްފި އެވެ.

މިދިޔަ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ކަން ކުރެއްވި ނިހާން ކޮމިޝަނަށް ހާޒިރުކުރިކަން އެ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު "ސަން"އަށް ކަށަވަރުކޮށްދެއެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލު އައްސަދު ހާމައެއް ނުކުރެއެވެ.

ވެރިކަން ބަދަލުވެ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލިބުނު ނާކާމިޔާބަށްފަހު ނިހާން ވަނީ ޕީޕީއެމްއިން ވަކިވެ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

ނިހާންގެ އިތުރުން ޕީޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲވެސް ކޮމިޝަނަށް ހާޒިރުކުރި ކަމަށް ވާހަކަ ފެތުރުނެވެ. އެހެން ނަމަވެސް އައްސަދު އެކަން ދޮގު ކުރެއެވެ.

އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާއިން އޭރުގެ މަޖިލިސް މެމްބަރުނަށް ލިބުނު ކަމަށް ތުހުމަތު ކުރެވެއެވެ. އޭގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުންވެސް ހިމެނެއެވެ.

އެ ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އެމަނިކުފާނުގެ ނައިބު ރައީސް އަހްމަދު އަދީބް އަބްދުލްޢަފޫރެވެ.

އަދީބު ވިދާޅުވާގޮތުގައި ހިޔާނާތުގެ ފައިސާ ވަނީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ވަދެފައެވެ. އަދި މަޖިލީހުގައި ނެގުނު ވޯޓުތަކާއި ވަރަށް ގިނަ ސިޔާސީ ކަންކަމަށްވެސް ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް