އޭއެފްސީ ބްރެކެޓް ޗެލެންޖް: އަޝްފާގާއި ބްރެޒިލްގެ ރޮޖެރީނިއޯގެ ކުރިމަތިލުމެއް

އަލީ އަޝްފާގު ނިއުރޭޑިއަންޓަށް ކުޅުނު ދުވަސްވަރު (ކ) ބްރެޒިލްގެ ރޮޖެރީނިއޯ (ވ)

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގައި ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ޖަހާފައިވާ ގޯލާއި ކުވައިތު އެފްސީއަށް ބްރެޒިލްގެ ރޮޖެރީނިއޯގެ ގޯލުގެ ކުރިމަތިލުކަށް ގޮސްފި އެވެ.

އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ފަހަކަށް އައިސް އަންނަނީ އެ އިދާރާގެ ދެވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ކަޕްގައި ޖަހާފައިވާ މޮޅެތި ގޯލްތައް ކެޓަގަރީކޮށް ތަފާތު ގޮތްގޮތަށް ޖަހާފައިވާ ގޯލުތައް ސަޕޯޓަރުންގެ ވޯޓާ އެކު ގިންތި ކުރަމުންނެވެ.

އެގޮތުން އެންމެ ހިތްގައިމު ހިލޭ ޖެހުމާއި ދުރުން ޖަހާފައިވާ އެންމެ ރީތި ގޯލް ވެސް މީގެ ކުރިން ހޮވާފައިވާއިރު، އޭއެފްސީ ކަޕްގައި ޖަހާފައިވާ އެންމެ ތަފާތު ސޯލޯ (އަމިއްލަ ހުނަރުން) ގޯލަށް ބޮޑު ފަރަގަކާ އެކު އެއްވަނަ ހޯދާފައިވަނީ ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބު ކުރި ގޯލެވެ.

މުހައްމަދު އުމޭރު ދިން ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި އިދިކޮޅު ޓީމުގެ އޭރިއާ ތެރެއަށް ވަންނަން ދިޔައިރު ފަހަތުން ޕާސިބޯގެ ތިން ޑިފެންޑަރަކާއި ޕާސިބޯގެ ގޯލްކީޕަރު ކައިރިން ބޭނުން އެއްޗެއް ހަދާފައި ދަގަނޑޭ ޖެހި އެ ގޯލަށް ލިސްޓުގެ އެއްވަނަ ލިބުނީ 54 އިންސައްތަ ވޯޓާ އެކު އެވެ.

އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ވެސް ދަގަނޑޭގެ އެ ގޯލު ވަނީ ހިމަނާފަ އެވެ. ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ މި ޗެލެންޖުގައި ހިމެނެނީ 2013 ވަނަ އަހަރުގެ އޭއެފްސީގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

އެގޮތުން އަޝްފާގާއި ވާދަކުރަނީ އޭއެފްސީ ކަޕް ތިން ފަހަރަށް ކާމިޔާބު ކުރި ކުވައިތު އެފްސީއަށް ރޮޖެރީނިއޯ ޖަހައިދިން ގޯލެވެ. މި ގޯލަކީ ކުވައިތުގެ ވާދަވެރި ގަދްސިއާ ސްޕޯޓްސް ކުލަބާ ދެކޮޅަށް ރޮޖެރީނިއޯ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލަށް އަމާޒުކޮށްލައިގެން ޖަހާފައިވާ ގޯލެކެވެ.

މި ދެ ގޯލުން ކުރެން މޮޅު ގޯލަށް ވޯޓުލުމުގެ ފުރުސަތު އޭއެފްސީން މިހާރު ހުޅުވާލާފައިވާ އިރު، ވޯޓު ލުމުގެ ސުންގަޑިއަކީ މި މަހުގެ 26 ވަނަ ދުވަހުގެ 6:00 އެވެ.

comment ކޮމެންޓް