ވަގުތު ދީފި ނަމަ ކޫމަން ބާސެލޯނާ ތަފާތު ޓީމަކަށް ހަދާނެ: ގާޑިއޯލާ

ބާސާގެ ކޯޗު ރޮނާލްޑް ކޫމަން އަދި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ --- ފޮޓޯ//ލައިވްސްކޯ

ބާސެލޯނާގެ މިހާރުގެ ކޯޗު ރޮނާލްޑް ކޫމަންއަށް އެކަށީގެންވާ ވަގުތު ދީފި ނަމަ އެ ޓީމަކީ ތަފާތު ޓީމަކަށް ހަދާނެ ކަމަށް ބާސެލޯނާގެ "ގޯލްޑެން ޖެނެރޭޝަން ޓީމް" އަށް ކޯޗުކަން ކޮށްދިން ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާސެލޯނާގައި ކުޅުންތެރިންގެ ގޮތުގައި އެކުގައި ވަގުތު ހޭދަކޮށް، އެއް ރޫމެއް ވެސް ޝެއާ ކުރި ގާޑިއޯލާއާއި ކޫމަން އަކީ މިއަދުގެ ފުޓުބޯޅައިގައި އެންމެ މަތީ ފަންތީގެ ދެ ކޯޗުންނެވެ. ކުލަބް ފުޓުބޯޅައިގައި ގާޑިއޯލާ ލިބެން ހުރި ހުރިހާ ކާމިޔާބީއެއް ބާސެލޯނާއާ އެކު އަހަރުތަކެއް ކުރިން ހޯދުމަށްފަހު މިހާރު އޭނާ ކޯޗުކަން ކޮށްދެމުން އަންނަނީ މެންޗެސްޓާ ސިޓީއަށެވެ.

ދުނިޔޭގެ ގަދަބާރު ނެދަލޭންޑް ފުޓުބޯޅައިގެ ބޮޑު މަންޒަރުން ދުރަށް ޖެހި ދަށަށް ފޭދެމުން ދަނިކޮށް އެ ޓީމާ ހަވާލުވެ އަލުން ޔޫރޮޕުގެ އެންމެ މަތީ ހަރުފަތްތަކުގައި ވާދަކުރާ ޓީމަށް ހަދައިދިނީ ކޫމަން އެވެ. އެއަށް ފަހު އޭނާ ބާސެލޯނާއާ ހަވާލުވީ މިހާރު ކުރިއަށްދާ ސީޒަން ފެށުމަށެވެ.

ކޫމަންގެ އިރުޝާދާ އެކު ބާސެލޯނާގެ ކުޅުމަށް މިހާރު ވެސް ބޮޑު ބަދަލެއް އައިސްފި އެވެ. ޒުވާން ކުޅުންތެރިންނަށް އިސްކަންދީގެން ބާސެލޯނާގެ މުޅި ފިލޯސޮފީ ބަދަލު ކުރުމަށް ކޫމަން އަމާޒު ހިފާފައިވާ އިރު، މިހާތަނަށް ރަނގަޅު ނަތީޖާތަކެއް ވެސް ނެރެފި އެވެ. އެކަމަކު ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ގެޓާފޭ އަތުން 0-1 އިން އެ ޓީމު ބަލިވެފައިވާ އިރު، މިރޭ އެ ޓީމު ނުކުންނާނީ އެންމެ ބޮޑު ވާދަވެރިޔާ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

"ބައެއް ކަންކަމުގައި އެންމެ ފުރިހަމަ ނަތީޖާއެއް ނެރުމަށް އެކަށީގެންވާ ވަގުތު ބޭނުންވާނެ. ރޮނާލްޑްއަށް ވެސް ބާސެލޯނާގައި ވަގުތު ބޭނުންވޭ. ބާސެލޯނާ ފަދަ ހާއްސަ ކުލަބެއްގައި ބޭނުންވާ ބައްޓަމަށް ކުޅުން ބަދަލުކުރަން ވަގުތު ބޭނުންވާނެ،" ކޫމަންގެ މަސައްކަތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ، ވަގުތު ދީފި ނަމަ ކޫމަންއަށް ބާސެލޯނާއަކީ ތަފާތު ޓީމަކަށް ހެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކޮންމެ ޓީމަކަށް ވެސް ސީޒަންގެ ފުރަތަމަ ކޮޅު އުނދަގޫތަކާ ކުރިމަތިވާނެ ކަމަށާއި، ސީޒަން ކުރިއަށްދާ ވަރަކަށް އެކަން ރަނގަޅުވެ، ކުލަބުގެ ފެންވަރު އޮޅުންފިލާނެ ކަމަށް ގާޑިއޯލާ ބުންޏެވެ.

ވެސްޓްހަމްއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅޭ މެޗަށް ލަންޑަންއަށް މިއަދު ސިޓީގެ ކުޅުންތެރިން ފުރާއިރު، އެވަގުތު ދިމާވަނީ އެލްކުލެސިކޯގެ ވަގުތަށް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. ބާސެލޯނާއާ އެކު 14 ޓްރޮފީ ކާމިޔާބު ކުރި ގާޑިއޯލާ އަކީ 2012 ވަނަ އަހަރު އެކުލަބު ދޫކޮށްލި ފަހުން ވެސް ބޮޑެތި މެޗުތައް ބެލުމަށް ބާސެލޯނާގެ ސްޓޭޑިއަމަށް ގަވާއިދުން ހާޒިރުވާ ކޯޗެކެވެ.

comment ކޮމެންޓް