ކާރު ބޮމުގެ ހަމަލާއެއްދީ ދިމިޝްގުގެ ސުންނީ މުފްތީ ޝަހީދުކޮށްލައިފި

ދިމިޝްގުގެ ސުންނީ މުފްތީ އަދުނާން އަލް އަފިޔޫނީ (ވ)--

ކާރު ބޮމުގެ ހަމަލާއެއްދީ ދިމިޝްގުގެ ސުންނީ މުފްތީ އަދުނާން އަލް އަފިޔޫނީ ޝަހީދުކޮށްލައިފި އެވެ.

ސީރިއާގެ ދައުލަތުގެ ނިއުސް އޭޖެންސީ ސަނާއިން ބުނީ މުފްތީ ޝަހީދުކޮށްލައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދިމިޝްގައި ކަމަށެވެ. އަދި މުފްތީ ޝަހީދުކޮށްލީ އޭނާގެ ކާރުގައި ގޮވާއެއްޗެތި ހަރުކޮށް ގޮއްވާލައިގެން ކަމަށް ވަނީ ބުނެފަ އެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުއާ ގާތް ގުޅުމެއް އޮންނަވާ މުފްތީ ޝަހީދުވިއިރު އުމުރުން 66 އަހަރެވެ.

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންނާ ސުލްހަ ގާއިމްކުރުމަށް މުފްތީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވާ ކަމަށް ސީރިއަސް އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުންޏެވެ.

މީގެ ކުރިން 2013 ވަނަ އަހަރު ސީރިއާގެ މަޝްހޫރު ސުންނީ ޝެއިޚް މުހައްމަދު ސައިދު ރަމަދާން އަލް ބޫތީ ވެސް ވަނީ ޝަހީދުކޮށްލައިފަ އެވެ. ޝެއިހް ޝަހީދުކޮށްލީ މިސްކިތުގައި ދަރުސް ދެއްވަން އިންނަވަނިކޮށް ދިން ބޮމުގެ ހަމަލާއެއްގަ އެވެ.

ސީރިއާގެ ވެރިރަށް ދިމިޝްގުން އިދިކޮޅު ހަނގުރާމަވެރިން ބޭރުކޮށްލި ފަހުން އެ ސިޓީގައި ބޮންގޮއްވުން ވަރަށް މަދެެވެ. ރަޝިއާގެ މަދަދާ އެކު ސީރިއާ އިން ވަނީ އެގައުމުގެ 70 ޕަސެންޓް ކޮންޓްރޯލް އަލުން އަތުލައިފަ އެވެ.

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތައް ފެށިތާ މިހާރު ނުވަ އަހަރު ވަނީ ވެފަ އެވެ. އެ ހަނގުރާމާގައި 380،000 އެއްހާ މީހުން ވަނީ މަރުވެފަ އެވެ. އަދި އެތައް ބައެއްގެ ގެދޮރުވަނީ ގެއްލިފަ އެެވެ.-- އަލްޖަޒީރާ--

comment ކޮމެންޓް