ކުލަ ދުނިޔެއަކުން ޝަރިއްޕެގެ ވާހަކަ!

އަހުމަދު ޝަރީފް އޭ ބުނުމުން ކޮންމެ ކޮންމެ މީހަކައަށް އެއީ ކާކު ކަން ނޭނގިދާނެ އެވެ. އެހެން ނަމަވެސް ޝަރިއްޕެ ނުވަތަ "ޒަރިއްޕެ" އޭ ބުނެފިއްޔާ އެއީ ކާކުކަން ހަމަ ޔަގީނަށް ވެސް ގިނަ ބަޔަކަށް އެނގޭނެ އެވެ. ކުރެހުމުގެ ދުނިޔޭގައި އޭނާގެ ހުނަރުގެ ވިދުން ވަރަށް ގަދަ އެވެ. އޭނާގެ ކުރެހުންތަކަށް އެތައް ބައެއްގެ ޝައުގުވެރިކަން އޮވެ އެވެ. އަދި މިހާރު އޭނާ އަކީ އަމިއްލައަށް ކުރެހުމުގެ އިތުރުން އެހެން ފަރާތްތަކަށް އެ ހުނަރު ދަސްކޮށްދޭ ވެސް ފަރާތެކެވެ.

ނ. އަތޮޅު ވެލިދޫ އަށް އުފަން ޝަރިއްޕެ ކުރެހުމުގެ ދާއިރާގައި އުޅޭތާ މިހާރު 23 އަހަރު ވެއްޖެ އެވެ. ނަމަވެސް އޭގެ މާ ކުރީންވެސް އޭނާ ވަނީ ކުރަހަން ފަށާފަ އެވެ.

"ސްކޫލުގައި އުޅުނު އިރުވެސް އެންމެ ފުރަތަމަވެސް ކިޔެވުމަށްވުރެ ބޮޑަށް ޝައުގު ހުރީ ކުރެހުން ކަހަލަ ކަންތައްތަކަށް. އޭރުވެސް ކުރަހުމާ ގުޅުންހުރި ކަމެއް ވެއްޖެޔާ ކުރަން،" އޭނާ ބުންޏެވެ.

އެންމެ ފުރަތަމަ ސްކެޗްކޮށް އުޅުނު ނަމަވެސް ފެންކުލައަށް ޝައުގުވެރިކަން ހުރި ކަމަށާއި 1997 ވަނަ އަހަަރުގައި ފުރަތަމަ ފަހަރަށް ފެންކުލަ ބޭނުންކޮށްގެން އާޓްއެއް ހެދި ކަމަށް އޭނާ ބުންޏެވެ.

ޝަރިއްޕެގެ އާޓްވޯކް އެއް --- ފޮޓޯ : ޒަރިއްޕެ

"1997 ވަނަ އަހަރު އެންމެ ފުރަތަމަ ފެންކުލަ ބޭނުންކޮށްގެން އާޓްވޯކެއް ހެދީ. ކުޑަކުޑަ އެއްޗެއް. އެކަމު ތިން ދުވަސް ނެގި އެ މަސައްކަތް ނިންމާލަން. މިހާރުގަހެން އިންޓަނެޓް އަދި ޔޫޓިއުބް އެއް ނުހުރެ ދަސްކުރާކަށް. އެހެންވީމަ ކުލަ މިކްސް ކުރުމާ އެނޫންވެސް ކަންތައްތައް ޖެހުނީ އަމިއްލައަށް ދަސްކުރަން،" ޝަރިއްޕެ ކިޔައިދިނެވެ.

ކުރެހުމުގެ ހުނަރު، މަސައްކަތުގެ ދާއިރާއަށް ބަދަލުކުރަން ވަކި ވިސްނާފައި ނުވި ނަމަވެސް ކުރެހުމުގެ ދާއިރާއިން ކުރިއަށް ދާން އަބަދުވެސް ބޭނުންވި ކަމަށް އޭނާ ބުންޏެވެ. އެގޮތުން މަސައްކަތް ފެށުނީ ރިސޯޓުތަކުގައި ކުރަހައި ހަދަމުން ކަމަށް އޭނާ ބުންޏެވެ.

އެއަށްފަހު މުޅިން އާ ކޮންސެޕްޓެއްގައި ކުރަހާ ހެދުމަށް ވިސްނި އެވެ. އެއީ ރިސޯޓުތަކުގައި ސްޓޫޑިއޯ ކުރެހުންތަކަށް ހާއްސަކޮށް، ލައިވްކޮށް ކުރެހުންތައް އުފެއްދުމަށް ހާއްސަކުރުމެވެ. އަދި އެތަންތަނުގައި ވަގުތުން ކުރަހައިދީ އަދި ކުރަހަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ހިންގާނެ އެވެ.

ޝަރިއްޕެ ރިސޯޓެއްގައި ލައިވް އާޓް ކްލާސްއެއް ފަތުރުވެރިންނަށް ނަގައިދެނީ --- ފޮޓޯ : ޒަރިއްޕެ އާޓްސް

އެހެންނަމަވެސް އެންމެ ފުރަތަމަ އެ ހިޔާލަށް އެހާ ބޮޑު ސަމާލުކަމެއް ނުލިބުނެވެ. އެކަމު މިހާރު އެކި ތަންތަނުން ދަނީ އެފަދަ ހިޔާލަކަށް ކުރެހުންތައް ތައްޔާރުކުރަމުން ކަމަށް ޝަރިއްޕެ ބުންޏެވެ.

އަމިއްލަ ކުރެހުމުގެ ހުނަރު އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން އޭނާގެ ހުނަރު އަންނަނީ އެހެންމީހުނަށްވެސް ހިއްސާކުރަމުންނެވެ.

"އެހެން ރިސޯޓުތަކުގައި ކުރަހަން އުޅޭ ކުދިންނަށް ކަމެއް ނޭނގިގެން ގުޅީމައި އިނގޭ ވަރަކުން އަޅުގަނޑު ކިޔައިދީ ހަދަން. އެކުދީންނަށް އިތުރަށް ކިޔައިދިނުމަށް މަސައްކަތް ކުރަން،" އޭނާ ކިޔައިދިނެވެ.

ޝަރިއްޕެ ރިސޯޓެއްގެ މުވައްޒަފުންނާއެކު ---

ކޮންމެއަކަސް ރިސޯޓުތަކުގައި ބޭސްކޮށް އެތަނުގައި ކުރެހުންތައް ހެދުމުގެ އިތުރުން ފްރީލާންސްކޮށްވެސް މަސައްކަތްކުރާ ޝަރިއްޕެ ބުނެފައިވަނީ އޭނާގެ ހަޔާތުގައި ގިނަ އެއްޗެހި ކުރެހިފައިވާނެ ކަމަށެވެ. އެހެންކަމުން ސީދާ ވަކި ހާއްސަ ކުރެވޭ ކުރެހުމެއް ނެތް ކަމަށް އޭނާ ބުންޏެވެ.

"އެކަމު ހަނދާންވޭ ކުރަހަން އިން އިރު އެއް ފަހަރަކު ރިތިކް ރޯޝަން، އޭރު މަސައްކަތް ކުރަން އުޅުނު ރިސޯޓުގައި އިން ސްޓޫޑިއޯއަށް އައިސް އަމިއްލަ ޕޯޓްރެއިޓް އެއް ކުރުހުވި ހަނދާން. އަދި އެތަނުގައި އަހަރެން ކުރުހާފައި ހުރި ބައެއް އެހެން އެެއްޗެހިވެސް އޭނާ ވަނީ ގަނެގެން ގެންގޮސްފައި،" ޝަރިއްޕެ ބުންޏެވެ.

ކުރެހުމުގެ ދާއިރާއަށް ހުންނަ ލޯބި ކުޑަވުމެއް އޭނަގެ ކިބައަކު ނެތެވެ. އެކަން ވަނީ ދާދި ފަހުން ސޯޝަލް މީޑިއާގައި މަޝްހޫރުވި ޕޯސްޓަކުންވެސް އެނގިފަ އެވެ. އެއީ އެތައް ބައެއްގެ ސަމާލުކަން ލިބުނު އޭނާގެ އާޓެކެވެ. ޝަރިއްޕެގެ އުފަން ރަށް ވެލިދޫގެ ނަގާފައިވާ ޑްރޯން ފޮޓޯއެއް ކުރުހާލާފައިވާގޮތް ހަމަ ކިތަންމެހާވެސް ޗާލެވެ.

ނ. ވެލިދޫގެ މަންޒަރު ފެނިގެންދާ ޑްރޯނެއްގެ ފޮޓޯއެއް ބަލައިގެން ކުރުހާފައިވާ ކުރެހުމެއް ---- ފޮޓޯ : ޒަރިއްޕެ އާޓްސް

އެ ކުރެހުމުން ޝަރިއްޕެގެ ކުރެހުމުގެ ހުނަރު މިއީ ހަމަ ހަގީގަތުގައިވެސް ޖޯކެއް ނޫންކަން އެނގިގެން ދާނެ އެވެ. އޭނާ އެ ކުރެހުން ކުރަހާލާ ހިތްވީ ވެލިދޫ އާ ގުޅޭ ލަވައެއް އަޑުއަހަމުން ދަނިކޮށް ކަމަށް އޭނާ ބުންޏެވެ.

"ނަލަ ރީތި ޗާލު ވެލިދޫ، ގަލަމުން ބަޔާން ނު ވެލިދޫ، އެ ލަވަ އަޑުއަހަމުން ދަނިކޮށް ކުރަހާލާ ހިތްވީ. އެ ޑްރޯން ފޮޓޯ ފެނިގެން ތަންކޮޅެއް ކުރީން އެ ސޭވްކޮށްފައި އިންނާނީ. ދެން އެންމެފަހުން އެ ކުރަހާ ހިތްވީ،" އޭނާ ބުންޏެވެ.

މީގެ ހަފްތާއެއް ކުރީން ކުރަހާފައިވާ އެ އާޓްވޯކް އަށް ހޭދަވެފައިވަނީ 45 ވަރަކަށް މިނެޓު ކަމަށް އޭނާ ބުންޏެވެ.

ތަފާތު އެކި ވައްތަރުގެ ކުރެހުންތަކަށް ލޯބިކުރާ ޝަރިއްޕެ ބުނިގޮތުގައި އެންމެ ބޮޑަށް ލޯބިކުރަނީ އޮއިލް މީޑިއަމް ކުރެހުންތަކަށެވެ. އެހެންނަމަވެސް މަސައްކަތުގެ ގޮތުން ބޭނުންކުރަން ޖެހެނީ އަވަހަށް ހިކޭ ކުލަ އެވެ. އެހެންކަމުން މަސައްކަތުގައި ބޭނުންކުރަނީ އެކްރިލިކް ކުލަ ކަމަށާއި އަމިއްލަ ކަމެއްގައި ބޭނުންކުރަނީ އޮއިލް ބޭސް ކުލަ ކަމަށް އޭނާ ބުންޏެވެ.

ޝަރިޕެ ދާދި ފަހުން ނިންމާފައިވާ ކުރެހުމެއް --- ފޮޓޯ : ޒަރިއްޕެ އާޓްސް

ކުރެހުމާއި އާޓްގެ ދާއިރާއާ ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ މިހާރު ރާއްޖޭގައި ދާއިރާއަށް ގިނަ ދޮރުތަކެއް ހުޅުވެމުންދާ ކަމަށެވެ. އެގޮތުން ރިސޯޓުތަކުންނާއި ޓުއަރިސްޓުންގެ ފަރާތުން އާޓިސްޓުންނަށް އިތުރަށް ކުރިއެރުމަށް ފުރުސަތު ލިބިފައިވާ ކަމަށް ޝަރިއްޕެ ބުންޏެވެ.

"ކުރީގައި ނަމަ ބުނާނެ މިއީ ލާރި ލިބޭނެ ކަމެއް ނޫނޭ ނުކުރާށެ. އެކަމު މިހާރު އެނގޭނެ މިއީ ލާރިވެސް ލިބޭ ކަމެއްކަން. ސަރުކާރުންވެސް މި ދާއިރާ ކުރިއެރުވުމަށް ދަނީ ތަފާތު މަސައްކަތްތަކެއް ކުރަމުން،" އޭނާ ބުންޏެވެ.

ރަށްރަށުގައި އާޓް ކިޔަވައިދިނުން ފަދަ ކަންތައް ފެނުމުން އުފާވާ ކަމަށާއި އެންމެ ބޮޑު އުފަލެއް ލިބިގެންދަނީ އުފަން ރަށް ވެލިދޫގައި އާޓް އިތުރަށް ތަރައްގީވަމުންދާތީ ކަަމަށް ޝަރިއްޕެ ބުންޏެވެ. އޭނާ ބުނީ މީގެކުރީން އެރަށުގައި ކުރެހުމަށް ޝައުގުވެރިކަން ހުންނަ މީހުން އިނގިލިން ގުނާ ލެވޭ ވަރަށް މަދުވާނެ ކަމަށެވެ. އެހެންނަމަވެސް މިހާރު އެކަމަށް ޝައުގުވެރިވާ ފަރާތްތައް ދަނީ ގިނަވަމުން ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް