ގިނަ ޒުވާނުން ވަޒީފާއެއް، ތައުލީމެއް ހާސިލުކުރަމުން ނުދޭ

އާ އަހަރުގެ ޝޯއެއްގެ ތެރޭގައި ޒުވާނުންތަކެއް

ރާއްޖޭގެ ޒުވާނުންގެ 51 ޕަސެންޓު ފަރާތްތަކަކީ އިތުރު ތައުލީމެއް އަދި ތަމްރީނެއް ހާސިލު ކުރަމުން ނުދާ އަދި ވަޒީފާއެއް އަދާކުރަމުން ނުދާ ބައެއް ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ޒުވާނުންގެ ދުވަހާ ގުޅިގެން ތަފާސްހިސާބުތަކެއް އާންމުކޮށްފަ އެވެ. ރާއްޖޭގައި ޒުވާނުންގެ އާބާދީގެ ގޮތުގައި ބަލަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނެވެ.

ތަފާސްހިސާބުން ދައްކާގޮތުގައި މިއަހަރަށް އަންދާޒާކުރެވޭ ރާއްޖޭގެ ޒުވާނުންގެ އާބާދީއަކީ 240،584 މީހުންނެވެ. އެއީ އާބާދީގެ 43 ޕަސެންޓެވެ.

އެގޮތުން ޒުވާނުންގެ އާބާދީގެ 51 ޕަސެންޓު ފަރާތްތަކީ އެއްވެސް ތައުލީމެއް، އިތުރު ތަމްރީނެއް އަދި ވަޒީފާއެއް އަދާކުރަމުން ނުދާ ބައެއް ކަމަށް ތަފާސްހިސާބުން ދައްކަ އެެވެ. އެ ފަރާތްތަކުންގެ ތެރޭގައި ގިނައީ ޒުވާން އަންހެނުންނެވެ. އެގޮތުން ވަޒީފާއެއް އަދާ ނުކުރާ އަދި ތަމްރީނެއް ނުހަދާ ޒުވާނުންގެ ނިސްބަތަކީ 41 ޕަސެންޓް އަންހެނުންނާއި 15 ޕަސެންޓް ފިރިހެނުންނެވެ.

އެހެންނަމަވެސް ޒުވާނުންގެ އާބާދީގެ ބޮޑު ބަޔަކަށް ލިޔަންކިޔަން އެނގޭކަން ތަފާސްހިސާބުން ދައްކަ އެވެ. އެގޮތުން ޒުވާން އަންހެނުންގެ 98 ޕަސެންޓާއި ފިރިހެނުންގެ 98 އަކީ ލިޔަންކިޔަން ދަންނަ މީހުން ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން ދަންނަނީ 78 ޕަސެންޓް ފިރެހެނުންނަށާއި 74 ޕަސެންޓް އަންހެނުންނަށެވެ.

ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުގައި ވަނީ މަތީ ތައުލީމު ހާސިލުކުރާ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ދާއިރާތައްވެސް ފާހަގަކޮށްފަ އެވެ. އެގޮތުން އެންމެ ގިނަ ޒުވާނުން މަތީ ތައުލީމު ހާސިލު ކުރަމުންދާ ދާއިރާތަކަކީ ސޯޝަލް ސައިންސް އާއި ބިޒްނަސް އަދި ލޯ އެވެ. ދެވަނައަށް ތައުލީމީ ދާއިރާ ހިމެނޭއިރު ތިންވަނައިގައި ހިމެނެނީ ސައިންސް އެވެ.

comment ކޮމެންޓް