އެމެރިކާއިން ޓައިވާނަށް 1.8 ބިިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

ޓައިވާނުގެ ފައިޓާ ޖެޓެއް--

އެމެރިކާއިން ޓައިވާނަށް 1.8 ބިިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްއިން ފާސްކޮށްފިއެވެ.

ވިއްކަން ނިންމި ހަތިޔާރުތަކުގެ ތެރޭގައި މިސައިލާއި، ސެންސަރާއި ތިން ވެޕަން ސިސްޓަމް ހިމެނެއެވެ.

އޭގެ އިތުރުން ލޮކަހީޑް މާޓިންއިން ހަދާފައިވާ 11 ރޮކެޓް ލޯންޗަރު ( ހައި މޮބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް)ވެސް ހިމެނެއެވެ. އޭގެ އަގު އެކަނިވެސް 436.1 މިލިއަން ޑޮލަރަށް އަރައެވެ.

ހަތިޔާރު ވިއްކަން ސްޓޭޓް ޑިޕާޓްމަންޓުން ފާސްކޮށްފައިވާއިރު ކޮންގްރެސްއިން އެކަމާމެދު ގޮތެއް ނިންމުމަށް 30 ދުވަސް ލިބޭނެއެވެ. ޓައިވާނަސް ހަތިޔާރު ވިއްކުމަށް ކޮންގްރެސްގެ ގިނަ ބަޔަކު ތާއިދުކުރެއެވެ.

ޓައިވާންގެ ޑިފެންސް މިނިސްޓަރު ޔެން ޑެ ފާ ވަނީ ސްޓޭޓް ޑިޕާޓްމަންޓްގެ ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ޓައިވާންގެ ދުޝްމަން ޗައިނާއަ ހަތިޔާރުގެ ވާދަވެރިކަަމެއް އޮންނަން ބޭނުންނުވާ ކަމަށާއި ނަމަވެސް ވަރުގަދަ އަސްކަރިއްޔާއެއް ޓައިވާންގައި އޮންނަން ޖެހޭ ކަމަށް ޔެން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އާ ހަތިޔާރުތަކާއެކު އެގައުމަށް ކުރިމަތިވެދާނެ ނުރައްކާތެރި ކަންތައްތަކުން ދިފާއުވުމުގެ ކުޅަދާނަކަން އިތުރުކުރެވޭނެ ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން މިދިޔަ ހަފްތާގައި ބުނީ ޓައިވާނަށް ހަތިޔާރު ވިއްކުމަކީ އެގައުމުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށެވެ. ޗައިނާއިން ދެކޭގޮތުގައި ޓައިވާންއަކީ އެގައުމުގެ ބައެކެވެ.-- އަލްޖަޒީރާ

comment ކޮމެންޓް