އަލަށް ޕޮޒިޓިވްވީ 42 މީހުން، 27 ދިވެހީން ހިމެނޭ

މެއި 22، 2020: ބިދޭސީން ދިރިއުޅޭ ސަރަހައްދެއްގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން 42 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، ތިން ކޭސްގެ މަދުވުމެކެވެ. އިއްޔެ ރާއްޖެއިން 45 މީހަކު ޕޮޒިޓިވްވި އިރު، ގިނައީ ބިދޭސީންނެވެ. އެގޮތުން 37 ބިދޭސީން އިއްޔެ ޕޮޒިޓިވްވިއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު 1،524 ސާމްޕަލް އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 27 ދިވެހިންނާއި 15 ބިދޭސީން އެވެ.

މާލެ ސަރަހައްދުން 37 މީހަކު ޕޮޒިޓިވްވިއިރު، އަތޮޅު ތެރެއިން ޕޮޒިޓިވްވީ ފަސް މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،358 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 99 އެވެ. ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 10،383 އެވެ.

ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 931 އެވެ. އޭގެ ތެރެއިން 35 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކުރެވިފައިވަނީ 340 މީހުންނެވެ.

މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ، 35 އެވެ.

comment ކޮމެންޓް