ހެލްތު މިނިސްޓަރަކަށް ކެރަފާ ނަސީމް އައްޔަންކޮށްފި

މިނިސްޓަރު ނަސީމް (ކެރެފާ ނަސީމް) ރައީސް މުހައްމަދު ނަޝީދާ އެކު މީގެ ކުރިން ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ -- ސަން ފައިލް ފޮޓޯ

ހެލްތު މިނިސްޓަރުގެ މަގާމަށް އަހުމަދު ނަސީމް (ކެރަފާ ނަސީމް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަނު ކުރައްވައިފި އެވެ.

އޭނާއަށް ހެލްތް މިނިސްޓަރުކަން ރައީސް ދެއްވިއިރު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގަ އެވެ. ނަސީމަކީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅެކެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭނާވަނީ ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ. އޭނާ އަކީ ހާރިޖީ ދާއިރާގައި ވަރަށް ތަޖުރިބާކާރު އަދި ޑިޕްލޮމެޓެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވުމުގައި ވެސް މިނިސްޓަރު ނަސީމް ވަނީ އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

ހެލްތް މިނިސްޓަރުގެ މަގާމު ހުސްވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމީން އިސްތިއުފާ ދެއްވީ ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ގަތުމުގައި މަކަރާއި ހީލަތް ހަދައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތަހުމަތުވާ މައްސަލައިގަ އެވެ.

comment ކޮމެންޓް