އިންޑިއާގައި ހައްގުތަކަށް މަސައްކަތް ކުރާ މީހުން ހައްޔަރު ކުރާތީ އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

އދ.ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް މިޝޭލް ބަޝެލެޓް ވަނީ އިންޑިއާގައި ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ހައްޔަރު ކުރާތީ ކަންބޮޑުވުން ފާޅު ކުރައްވާފަ -- ފޮޓޯ: ރޮއިޓާސް

އދ. (އޮކްޓޯބަރު 22): އިންޑިއާގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ހައްޔަރު ކުރަމުންދާ ކަމަށް ވިދާޅުވެ އދ.ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް މިޝޭލް ބަޝެލެޓް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ބަޝެލެޓްގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އިންޑިއާގެ ޕާލިމެންޓުން މިދިޔަ ޑިސެމްބަރު މަހު ފާސްކުރި ސިޓިޒެންޝިޕް އެމެންޑެމެންޓް އެކްޓު (ސީއޭއޭ)އާ ދެކޮޅަށް މުޒާހަރާ ކުރުމާ ގުޅިގެން އެގައުމުން ވަނީ 1،500 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އަދި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑަށް ނުފެތޭ ގާނޫނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވާ 'އަންލޯފުލް އެކްޓިވިޓީސް ޕްރިވެންޝަން އެކްޓު'ގެ ދަށުން އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުންގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.

"ޑިމޮކްރަސީގެ ދިރުމަކީ ބިނާ ކުރުވަނިވި ފާޑު ކިޔުން. އެއީ ގައުމުގެ ބާރުތަކަށް އުނދަގޫވާ ކަމަކަށްވި ނަމަވެސް [ފާޑުކިޔުންތައް] މިގޮތަށް މަނާކޮށްގެން ނުވާނެ. އިންޑިއާގައި ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ބޭނުން ކުރުމުގެ ސަބަބުން އިތުރު މީހަކު ހައްޔަރު ނުކުރާނެކަން ޔަގީން ކުރުމަށް ގައުމުގެ ސަރުކާރަށް އަޅުގަނޑު ގޮވާލަން،" ބަޝެލެޓް ވިދާޅުވި އެވެ.

މީގެ އިތުރުން، އިންޑިއާގެ ބައެއް ގާނޫނުތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ހައްޔަރު ކުރުމަށާއި ނަން-ގަވާމެންޓަލް އޯގަނައިޒޭޝަންސް (އެންޖީއޯ)ތަކުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް މަގުފަހިވާ ކަމަށް އދ.ގެ ބަޔާނުގައިވެ އެވެ. އެގޮތުން "އާއްމު މަސްލަހަތަށް ނުރައްކާވާ ފަދަ ހަރަކާތްތަކަށް" ބޭރުގެ އެހީ ދިނުން މަނާ ކުރާ ފޮރިން ކޮންޓްރިބިއުޝަން ރެގިއުލޭޝަން އެކްޓް (އެފްސީއާރުއޭ) އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ބެޝެލެޓް ވިދާޅުވި ގޮތުގައި އެ ގާނޫނުގައި 'އާއްމު މަސްލަހަތަކީ' ކޮބައިކަން ތަފްސީލު ގޮތެއްގައި ބުނެދީފައި ނުވުމުން އެންޖީއޯތަކުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް އެ ގާނޫނު ބޭނުން ކުރުމަށް ފުރުސަތު ލިބެ އެވެ. އަދި އެއީ "އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެންޖީއޯތަކުން އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ލިބިދީފައިވާ ހައްގަށް" ހުރަސް އަޅާ ގާނޫނެކެވެ.

އެ ބަޔާނަށް ރައްދު ދެމުން އިންޑިއާއިން ބުނީ "ހައްގުތައް ރައްކާތެރި ކުރުމުގެ ނަމުގައި ގާނޫނާ ހިލާފު" ހަރާކާތްތަކަށް ހުއްދަ ނުދެވޭނެ ކަމަށެވެ.

އިންޑިއާއިން ޑިސެމްބަރު 11ގައި ފާސްކޮށް ޖެހިގެން އައި ދުވަހު ތަސްދީގުކޮށްފައިވާ ސީއޭއީ ނުވަތަ ރަށްވެހިކަމުގެ ގާނޫނުގައި ވަނީ ބަންގުލަދޭޝް، ޕާކިސްތާނު އަދި އަފްޣާނިސްތާނުން އިންޑިއާއަށް ގަވާއިދާ ހިލާފަށްދާ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ދެވޭނެ ގޮތް ހަދައިފަ އެވެ. އަދި އެ ގާނޫނާ ދެކޮޅު މީހުން ވަނީ އެއީ މުސްލިމުންނާ މެދު ތަފާތު ކުރާ ގާނޫނެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް