ހުއްދަ ނުނަގާ މާލޭގައި މުޒާހަރާ ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ކޮމިޓީން ފާސްކޮށްފި

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމެއް: ހުއްދަ ނުނަގާ މާލޭގައި މުޒާހަރާ ކުރެވޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުއްދަ ނުނަގާ މާލޭގައި މުޒާހަރާ ކުރެވޭ ގޮތަށް އެއްވެ އުޅުމުގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

އެއްވެ އުޅުން ހަނިކުރާ އިސްލާހު ކުރިން އޮތް ގޮތަށް ބަދަލު ކުރަން މަޖިލީހަށް ހުށަހެޅީ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. މިދިޔަ އަހަރު ޖާބިރު އެ އިސްލާހު ހުށަހެޅި ނަމަވެސް، އޭނާ ވަނީ އެ އިސްލާހު އަނބުރާ ގެންދަވާފައެވެ. އެހެން ނަމަވެސް ކޮމިޓީ މަރުހަލާގައި އޭރު އެ ބިލު އޮތުމުން، ބިލު ހުށަހެޅުމަށްފަހު އަނބުރާ ނުގެންދެވޭނެ ކަމަށް މަޖިލީހުން ނިންމިއެވެ.

ގިނަ ދުވަސްތަކަށްފަހު، އެ ބިލުގެ މަސައްކަތް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ނިންމާލާފައެވެ. އެގޮތުން ބައެއް އިސްލާހުތައް އެ ގާނޫނަށް ގެންނަ ކޮމިޓީން ފާސްވިއެވެ.

ބޮޑު އިސްލާހެއްގެ ގޮތުގައި، ގެނެސްފައި ވަނީ ކުރިން ގާނޫނު އޮތް ގޮތަށް ހުއްދައަކާ ނުލާ މާލޭގައި އެއްވެ އުޅޭވޭނެ ގޮތަށް ހެދުމެވެ. އެގޮތަށް ކޮމިޓީގައި ހުށަހެޅުވީ، ކެނދިކުޅުދޫ ދާއިރާ މެމްބަރު އަހްމަދު އީސާއެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، އިނގުރައިދޫ ދާއިރާ މެމްބަރު ހަސަން އަހްމަދެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ އިއްތިފާގުންނެވެ.

މިދިޔަ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އޭރުގެ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް، އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު، ފުލުހުންގެ ހުއްދައަކާ ނުލާ، މާލޭގައި އެއްވެ އުޅެވޭނީ ހަމައެކަނި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަަނެއްގައި އެކަންޏެވެ. މާލޭގައި އެއްވެ އުޅުމަށް ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަނަކީ، ކާނިވާ ސަރަހައްދެވެ.

އެހެން ކަމުން ކޮމިޓީން މިއަދު ފާސްކުރި ގޮތަށް މަޖިލިސް ތަޅުމުގައި އެ އިސްލާހު ފާސްވެއްޖެ ނަމަ، ހުއްދައަކާ ނުލާ މާލޭގެ ގްރީން ޒޯންތަކަށް ފިޔަވާ ހުރިހާ ތަނަކަށްވެސް އެއްވެވޭނެއެވެ.

މީގެ އިތުރުން ދެން ކޮމިޓީގައި ގެނެސްފައިވާ އިސްލާހަކީ، ރިސޯޓުތަކުގައި މުވައްޒަފުން ތިބުމަށށް ހާއްސަކޮށްފައިވާ ސަރަހައްދުގައި މުޒާހަރާ ކުރުމަށް ހުރަހެއް ނެތް ގޮތަށް ގެނައި އިސްލާހެވެ. އެގޮތުން ކޮމިޓީގައި އީސަ ހުށަހެޅުއްވީ، ރިސޯޓުތަކުގައި މުވައްޒަފުން ތިބުމަށް ޓުރިޒަމް މިނިސްޓްރީން ކަނޑައަޅާ ސަރަހައްދު ފިޔަވާ ރިސޯޓުތަކުގެ އެހެން ސަރަހައްދުތަކުގައި މުޒާހަރާ ނުކުރެވޭ ގޮތަށެވެ.

comment ކޮމެންޓް