ވެންޓިލޭޓަރު ގަންނަން ފައިސާ ދީފައިވަނީ އެގްރިމެންޓުގައި ސޮއި ނުކުރަނީސް: އޭސީސީ

އޮކްޓޫބަރ 21، 2020: މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަތުމަށް ފައިސާދީފައިވަނީ އެއްބަސްވުމުގައި ސޮއި ނުކޮށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ މެމްބަރު އިބްރާހިމް ޝަކީލް ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި ދައުވާ ކުރެވޭނެ ހެކި ނެތް ކަމަށް ބުނުމުން ގަބޫލު ނުކުރެވޭ ކަމަށެވެ. ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ކުރެވޭ ތުހުމަތާއި ގުޅިގެން ދެ މީހެއްގެ ރަނގަޅު ހެކިބަސް ލިބިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޝަކީލް ވިދާޅުވީ ވެންޓިލޭޓަރު ގަތުމަށް ދައްކަން ޖެހޭ ފައިސާ ދެއްކުން ލަސްކޮށްލަށް އެ މިނިސްޓްރީގެ މުވައްޒަފަކު ރިކުއެސްޓް ކުރުމުން މިނިސްޓަރު އަމީން އެ ފައިސާ ދެއްކުން އަވަސް ކުރަސް ފޯނުން ގުޅާ އެންގި ކަމަށް ދެ މީހަކު ހެކިބަސް ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދެ ހެއްކެއް ގޮތުގައި ހުށަހަޅާފައި އިންނާނެ ދެ މީހެއްގެ ހެކި ބަހުން އެބަ އެނގޭ ޕޭމެންޓް ޑިލޭ ކުރަން މިނިސްޓްރީގެ މުވައްޒަފަކު ރިކުއެސްޓް ކުރީމާވެސް މިނިސްޓަރު ފޯނުން ގުޅާ އެންގި ކަމަށް ފައިސާ ދިނުމުގެ ކަންތައް ކުރިއަށް ގެންދަން. މީރަކު އަދި އެއްބަސްވުމުގައިވެސް ސޮއިކުރެވިފައެއް ނުވޭ." ޝަކީލް ވިދާޅުވި އެވެ.

އޮކްޓޫބަރ 21، 2020: މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ އެހުރިހާ ކަމެއް ހުއްޓައި އެހެނިހެން ކަންތައްތަކަށް އެކަނި ބަލާފައި ދައުވާ ނުކުރެވޭނޭ ވިދާޅުވީމާ ގަބޫލުކުރަން އުނދަގޫ ކަމަށެވެ.

އޭސީސީގެ ނައިބު ރައީސް ފާތިމަތު އަނޫލާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއް ކަމަކީ އެއްބަސްވުން ނުހަދާ ފައިސާ ދޫކުރި މައްސަލަ ކަމަށެވެ. އަދި މާލިއްޔަތު ގަވައިދުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އެތައް ކަމެއް ފުރިހަމަ ނުކުރާކަންވެސް ފާހަގަވާ ކަމަށް އަނޫލާ ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކަށް އެ ކުންފުންޏާ ހަވާލު ކުރަން ބިޑް ކޮމިޓީއިން ނިންމި ނިންމުން. އެއްބަސްވުން ނުހަދާ ފައިސާ ދޫކުރުން. މިކަހަލަ ކިތަންމެ އަމަލުތަކެއް މި ކޭސް ތެރޭގައި އެބަހުރި." އަނޫލާ ވިދާޅުވި އެވެ.

މިއަދު ކޮމިޓީ ބައްދަލުވުމުގައިވެސް ޕީޖީ ހުސައިން ޝަމީމް ވަނީ އޭނާ އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެެއްކި ވާހަކަ ތަކުރާރު ކުރައްވާފަ އެވެ. ވިދާޅުވީ މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.

އަމީނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭސީސީއިން މައިގަނޑު ތިން ތުހުމަތެއް ކުރާއިރު އޭގެ ތެރޭގައި ވެންޓިލޭޓަރުތަކުގެ އަޕްޑޭޓް ބެލުމަށް މިނިސްޓަރު ވަރަށް ގިނައިން ގުޅުމާއި، ބިޑް ކޮމިޓީގެ މެމްބަރުން ގަޑިއަށް ކޮމިޓީ ބައްދަލުވުމަށް ނުގޮށްގެން ގުޅިކަމަކީ ޖިނާއީ ދައުވާ ކުރެވޭނެ ކަމެއް ނޫން ކަމަށް ޝަމީމް މިއަދުވެސް ވިދާޅުވި އެވެ.

އޭސީސީގެ ނައިބު ރައީސް އަނޫލާ ވަނީ ޝަމީމްގެ އެވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ހަމައެކަނި ކުރި ފޯނުކޯލަކަށް ތުހުމަތުތައް ބިނާކޮށްފައި ނޯންނާނެ ކަމަށެވެ.

"ހަމަ އެކަނި ގުޅުއްވީމަ ދައުވާ ކުރަން ނޫނިއްޔާ ސިންގަލް އަމަލަކަށް ނޫނޭ މުޅި މައްސަލަ ބިނާވެފައި އޮންނަނީކީ." އަނޫލާ ވިދާޅުވި އެވެ.

އޭގެ އިތުރުން މައްސަލައިގެ ހެކިތައް ޕީޖީ ޝަމީމް ހާމަ ކުރެއްވުމުން އަނޫލާ ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވީ ދައުވާ ނުކޮށް އަނބުރާ ފޮނުވާލި ނަމަވެސް އެއީ އެކަން ކުރެވިގެން ވާނެ ގޮތް ނޫން ކަމަށެވެ.

އޮކްޓޫބަރ 21، 2020: މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑު ގަބޫލެއް ނުކުރަން އެންމެ ރަނގަޅު ފޯރަމް ކަމަކަށް މިސާލަކަށް ޕަބްލިކް ތެރޭގައި އަޅުގަނޑުމެން ހުރީ މިވެނި ހެއްކެކޭ އެވެނި ހެއްކެކޭ މި މަރުހަލާގައި އެވާހަކަ ދެއްކުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން." އަނޫލާ ވިދާޅުވި އެވެ.

އޭގެ އިތުރުން މާލިއްޔަތު ގަވައިދުގެ ވަކި މާއްދާއެއްގެ ސަބަބުން މާލިއްޔަތު ގަވައިދުގެ އެހެން މާއްދާތަކަށް އަމަލުކުރުން ފިނޭންސް މިނިސްޓަރު ސަސްޕެންޑް ކުރި ކަމަށް ދެކެވޭ ވާހަކައަސްވެސް އަނޫލާ ވަނީ ޖަވާބު ދެއްވާފަ އެވެ، އޭނާ ވިދާލުވީ މާލިއްުޔަތު ގަވައިދުގެ 10.03 ވަނަ މާއްދާގައި ފިނޭންސް މިނިސްޓަރަށް ބާރު ލިބިފައިވަނީ މާލިއްޔަތު ގަވައިދުގެ އެހެން މާއްދާތަކަށް އަމަލު ކުރުން ސަސްޕެންޑް ކުރެވޭ ގޮތަށް ނަމަވެސް އެ ހުއްދަ ފިނޭންސް މިނިސްޓަރު ނުދޭކަން އެ މިނިސްޓްރީގެ މުވައްޒަފުންގެ ހެކި ބަހުން އެނގޭ ކަމަށެވެ.

ކޮވިޑް19ގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް އޯޑަރު ކުރި ވެންޓިލޭޓަރުތަކުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ހިންގި ތަހުގީގު ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) ފޮނުވުމުން، އެ އޮފީހުން ވަނީ އެ މައްސަލައިގައި ހެކި ނެތުމުން ދައުވާ ނުކުރަން ނިންމާފައެވެ. އެކަމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ އޭސީސީއާ ޕީޖީއަށް އަމާޒުވެފަ އެވެ.

comment ކޮމެންޓް