ކެތޭ ޕެސިފިކްގެ ހަރަދުތައް ކުޑަކޮށް ކެތޭ ޑްރެގަން ހުއްޓާލަނީ

ކެތޭ ޕެސިފިކްގެ ފްލައިޓެއް -

ހޮންގްކޮންގްގެ ކެތޭ ޕެސިފިކް އެއާވޭސް ލިމިޓެޑްގެ ހަރަދުތައް ކުޑަކޮށް، އެ އެއާލައިނުގެ ދަށުން އޮޕަރޭޓުކުރާ ކެތޭ ޑްރެގަން ހުއްޓާލަން ނިންމައިފި އެވެ.

ކެތޭ ޑްރެގަން އަކީ ސައުތު އީސްޓް އޭޝިއާގެ ގައުމުތަކަށާއި ޗައިނާގެ ސަރަހައްދުތަކަށް އޮޕަރޭޓުކުރާ ފުލް ސާވިސް ރީޖަނަލް ކެރިއާ އެކެވެ.

ކޮވިޑް19ގެ ސަބަބުން އޭވިއޭޝަން ދާއިރާ އަށް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައެވެ. ގިނަ އެއާލައިންތަކުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅައި، މުވައްޒަފުން ވަޒީފާ އިން ވަކިކުރަމުންދާއިރު ކެތޭ ޕެސިފިކް އިންވެސް ވަނީ އެ އެއާލައިނުގެ 5،900 ވަޒީފާ އުވާލަން ނިންމައިފަ އެވެ. މިއާއެކު 8،500 މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށާއި ބާކީ2،600 ވަޒީފާ އަކީ ހާލަތުގެ ގޮތުން އަދި މުވައްޒަފުން ނުނަގާ ހުރި ވަޒީފާތައް ކަމަށް ބުނެފައިވެ އެވެ.

ކެތޭ ޕެސިފިކް އަށް ގެންނަ ބަދަލުތަކާ އެކު އެ އެއާލައިނަށް 283.9 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ އެވެ. މި ނިންމުމަކީ ހިންގްކޮންގްގެ ސްޓޮކް އެކްސްޗޭންޗުގައި ކެތޭ ޕެސިފިކްގެ ހިއްސަގެ އަގަށް އަސަރު ކުރާނެ ކަމެކެވެ.

ކެތޭ ޕެސިފިކް އިން ބުނީ އެ އެއާލައިނުގެ ސްޓްރަކްޗާ އަށް ގެންނަން ނިންމި ބަދަލާއެކު ކްރޫ އިންގެ ކޮންޓްރެކްޓަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

"ކުރިމަގުގައި ވާނެގޮތެއް އަދި އަންދާޒާކޮށްލަން ވެސް ދަތި. މި ނިންމުން ނިންމީ ހާލަތަށް ރިއާޔަތްކޮށްފައި. ކޮވިޑާ ގުޅިގެން އައި ގެއްލުމާއެކު ރިކަވަރީ ވެސް ވަރަށް ސްލޯ،" ކެތޭ އިން ބުނެފައިވެ އެވެ.

ކެތޭ އިން ބުނީ 2021 ވަނަ އަހަރުގެ މެދަށް ދާއިރު އެ އެއާލައިނަށް ލިބެނީ 2019 ވަނަ އަހަރު އެ އެއާލައިނުން އުފުލި ފަސިންޖަރުންގެ ދެބައިކުޅަ އެއްބައި ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ކެތޭ ޑްރެގަން ހުއްޓާލި ނަމަވެސް، އެ އެއާލައިނުން އޮޕަރޭޓުކުރި މަންޒިލުތަކަށް ކެތޭ ޕެސިފިކް އިން ދަތުރުތައް ކުރާނެއެވެ.

ކެތޭ ޕެސިފިކްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމިއިރު، ހިންގް ކޮންގް ގައި ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ 6،4 ޕަސެންޓަށް އިތުރު ވެފަ އެވެ. މިއީ ފާއިތުވި 16 އަހަރު ތެރޭ އެ ގައުމުގައި އެންމެ ގިނަ ބަޔެއްގެ ވަޒީފާ އަށް އަސަރުކޮށް ވަޒީފާ ގެއްލުނު ފަހަރެވެ.

ކެތޭ ޕެސިފިކަށް ހޮންގް ކޮންގް ސަރުކާރުން ވަނީ ފަސް ބިލިއަން ޑޮލަރުގެ ބެއިލް އައުޓެއްވެސް ދީފައެވެ. ނަމަވެސް އެ އެއާލައިނުން ބުނީ މަހެއްގެ މައްޗަށް 260 މިލިއަން ޑިލަރުގެ ގެއްލުން މިހާލަތުގައި ލިބެމުންދާ ކަމަށެވެ.

comment ކޮމެންޓް