ޓްރަމްޕް ޗައިނާއަށް 188,561 ޑޮލަރުގެ ޓެކްސް ދެއްކެވި: ނިއު ޔޯކް ޓައިމްސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް -- ފޮޓޯ: ގެޓީ

ވޮޝިންޓަން (އޮކްޓޯބަރު 21): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގައި ބޭންކް އެކައުންޓެއް ގެންގުޅުއްވާ ކަމަށާއި އެ އެކައުންޓުން ދެ އަހަރު ތެރޭ ޗައިނާއަށް ގާތްގަނޑަކަށް 200،000 ޑޮލަރުގެ ޓެކްސް ދައްކާފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފި އެވެ.

ރައީސް ޓްރަމްޕްގެ ޓެކްސް ރެކޯޑުތަކާ ހަވާލާދީ ޓައިމްސް އިން ބުނި ގޮތުގައި ޗައިނާގައި ހުޅުވާފައިވާ ޓްރަމްޕްގެ ބޭންކް އެކައުންޓު ކޮންޓްރޯލް ކުރަނީ ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލްސް މެނޭޖްމެންޓް އިންނެވެ. އަދި އެ ކުންފުނިން ވަނީ 2013 އާއި 2015އާ ދޭތެރޭ ޗައިނާއަށް 188،561 ޑޮލަރުގެ ޓެކްސް ދައްކައިފަ އެވެ.

ޓްރަމްޕް އޯގަނައިޒޭޝަންގެ ވަކީލެއް ކަމަށްވާ އަލަން ގާޓެން ވިދާޅުވި ގޮތުގައި ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލްސް މެނޭޖްމެންޓުން ޗައިނާގައި ބޭންކު އެކައުންޓެއް ހުޅުވީ، އެ ކުންފުނީގެ އޮފީހެއް ޝަންހާއީގައި ހުޅުވި ފަހުންނެވެ. އަދި އެ އޮފީސް ހުޅުވީ އެ ކުންފުނިން އޭޝިއާގައި ހޮޓެލުގެ ވިޔަފާރި ކުރުމާ ބެހޭ ގޮތުން ދިރާސާ ކުރުމަށްޓަކަ އެވެ. ނަމަވެސް 2015ގެ ފަހުން އެ އޮފީސް ބޭނުން ނުކުރާ ކަމަށާއި ބޭންކް އެކައުންޓު ހުޅުވާފައި ހުރި ނަމަވެސް، އިތުރު ކަމަކަށް އެ އެކައުންޓު ބޭނުން ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ޗައިނާއިން ވިޔަފާރީގެ މަޝްރޫއުތައް ހޯދުމަށް ފާއިތުވި އަހަރުތަކުގައި ޓްރަމްޕް ފަސް ކުންފުންޏެއްގައި 192،000 ޑޮލަރު އިންވެސްޓު ކުރި ކަމަށް ޓެކްސް ރެކޯޑުތަކުގައިވާ ކަމަށް ޓައިމްސްއިން ބުންޏެވެ.

ނިއު ޔޯކް ޓައިމްސްއިން އެފަދައިން ރިޕޯޓު ކުރީ، 2000 އާއި 2015 ވަނަ އަހަރާ ދޭތެރޭ ޓްރަމްޕް ކުރެއްވި ވިޔަފާރިން ލިބުނު އާމްދަނީއަށް ވުރެ ގެއްލުން ލިބުނު މިންވަރު ދަށްވުމުން، އެ 15 އަހަރުގެ ތެރެއިން 10 އަހަރު އޭނާ އެއްވެސް ވަރަކަށް ފެޑެރަލް ޓެކްސް ނުދައްކަވާ ކަމަށް އެ ނޫހުން ހާމަ ކުރި ފަހުންނެވެ. އަދި ޓްރަމްޕް ރައީސްކަން ކާމިޔާބު ކުރެއްވި އަހަރާއި ވެރިކަމުގެ ފުރަތަމަ އަހަރުގައި ފެޑެރަލް އިންކަމް ޓެކްސްގެ ގޮތުގައި ދެއްކެވީ 750 ޑޮލަރު ކަމަށް ބުނި ފަހުންނެވެ.

ޓްރަމްޕް ޗައިނާގައި ބޭންކް އެކައުންޓެއް ގެންގުޅުއްވާކަން ހާމަވެފައިވާ އިރު އޭނާ އަކީ އެމެރިކާގެ ކުންފުނިތަކުން އެގައުމުގައި ވިޔަފާރި ކުރުމަށް ފާޑު ވިދާޅުވެ، ދެގައުމުގެ މެދުގައި ވިޔަފާރީގެ ހަނގުރާމައެއް ފެއްޓުމަށް މަގުފަހި ކުރެއްވި ބޭފުޅެކެވެ.

މީގެ އިތުރުން އަންނަ މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕާ ވާދަ ކުރައްވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އާއި ޑިމޮކްރެޓިކް ޕާޓީ އަކީ ޗައިނާގެ އަމުރަށް ތަބާވާ ބައެއްގެ ގޮތުގައި ސިފަ ކުރައްވާ، ޓްރަމްޕް ވަނީ ބައިޑެން އާއި ޑިމޮކްރެޓުންނަށް ފާޑު ވިދާޅުވެފަ އެވެ.

comment ކޮމެންޓް