އޭސީސީގެ ރައްދު: ދައުވާ ކުރަން އެދުނީ ހެކި ހުރެގެން

މިނިވަން މުއައްސަސާ ކޮމިޓީގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ --- ސަންފޮޓޯ / ފަޔާޒު މޫސާ

ވެންޓިލޭޓަރު ހޯދުމުގައި ހެލްތު މިނިސްޓްރީގެ ތެރެއިން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގުކޮށް 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނީ ސާބިތުވާ މިންވަރަށް ހެކި ހުރެގެން ކަމަށް އޭސީސީއިން ބުނެފިއެވެ.

ވެންޓިލޭޓަރުގެ ގަތުމުގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރާ މައްސަލައިގެ ތަހުގީގު ނިންމައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން 11 މީހަކަށް ދައުވާ ކުރަން މީގެ ކުރިން އޭސީސީއިން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ. ނަމަވެސް، ޕީޖީ އޮފީހުން މިއަދު ބުނެފައި ވަނީ އެ މީހުންނަށް ދައުވާ ނުކުރަން ޕީޖީއިން ނިންމާފައިވާ ކަމަށެވެ.

އެކަމަށް ރައްދު ދެމުން އޭސީސީގެ ނިންމުން ދިފާއުކުރުމަށްޓަކައި މިރޭ ނެރުނު ބަޔާނެއްގައ ބުނެފައިވަނީ މިނިސްޓްރީއަށް ވެންޓިލޭޓަރުތައް ހޯދަމުންދިޔަ ދުވަސްވަރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ގައި ދައުލަތުގެ އޮފީހަކުން ތަކެތި ގަތުމުގައި އެ ގަވާއިދަށް އަމަލުކުރުން ލާޒިމު ނުވާ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ގަވާއިދުގެ މާއްދާ (ހ) ގައި ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމަށާއި ދައުލަތުގެ މުހިއްމު މަސްލަހަތެއް ހިފެހެއްޓުމަށާއި ދައުލަތަށް ނުވަތަ ރައްޔިތުންނަށް ދުރުރާސްތާގައި ލިބިދާނެ ގެއްލުމެއް ކުޑަކުރުމަށްޓަކައި، އެ ފަހަރަކު ބޭނުންވާ މިންވަރަށް ފިނޭންސް މިނިސްޓަރު އަންގާގޮތެއްގެ މަތިން، ދައުލަތުގެ ފައިސާ ހަރަދުކުރެވިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އޭސީސީ އިން ބުނެފައިވަނީ ކޮވިޑާ ގުޅިގެން ހޯދަން ޖެހޭ ތަކެތީގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާތީ އެތަކެތި ހޯދޭނީ ޓެންޑާ ބޯޑަށް ހުށަހަޅައިގެން ކަމަށެވެ. އަދި 2.5 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑުވާ މަސައްކަތްތަކާއި ހޯދަންޖެހޭ ޑޮކިއުމެންޓްތައް ޓެންޑާ ބޯޑަށް ހުށަހަޅަން ނުޖެހޭގޮތަށް ހެލްތުގެ ބިޑު ކޮމިޓީން ނިންމައިގެން ކުރިއަށް ގެންދިއުމުގެ ހާއްސަ ހުއްދައަކަށް 13 ފެބްރުވަރީ 2020 ގައި ހެލްތުން ފިނޭންސް ގާތުގައި އެދިފައިވާ ކަމަށް އޭސީސީއިން ބުނެއެވެ. އެގޮތަށް އެދުމުން ހެލްތުގެ ބިޑް ކޮމިޓީ މެދުވެރިކޮށް ތަކެތި ހޯދުމުގައި ކަންކަން ކުރިއަށް ގެންދިޔުމުގައި އެންމެ ރަނގަޅު ކަމުގައި ބުނާ ހުއްދައިގެ މުއްދަތަކީ އެއް މަސް ދުވަސް ކަމަށް ކަނޑައަޅާ ފެބްރުއަރީ 17ގައި ހުއްދަ ދީފައިވާ ކަމަށް އޭސީސީއިން ބުނެއެވެ. އަދި އެ މުއްދަތު އިތުުރުކޮށްދިނުމަށް އެދުމުން މާޗު މަހުގެ 17 އިން ފެށިގެން އިތުރު އެއް މަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް އޭސީސީިއިން ބުނެއެވެ.

އޭސީސީއިން ބުނެފައިވަނީ 75 ވެންޓިލޭޓަރު ހޯދުމާގުޅޭ މަސައްކަތް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ހަވާލުކުރުމުގެ ހުއްދައަކަށް ހެލްތުން ފިނޭންސްގައި އެދުމުން ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ވެންޓިލޭޓާތައް ހޯއްދުމުގައ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ބިޑު ކޮމިޓީއަށް ހުށަހަޅައިގެން އެއާމެދު ގޮތެއް ނިންމަވައިގެން ކުރިއަށްގެންދިއުމަށްވެސް ފިނޭންސުން ހުއްދަ ދީފައިވާ ކަމަށެވެ.

އެ 75 ވެންޓިލޭޓަރު ސަޕްލައިކުރުމުގެ މަސައްކަތް ހަވާލުކުރުމަށް މިނިސްޓްރީގެ ބިޑް ކޮމިޓީއިން ނިންމުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ގާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބަލާފައިނުވާކަން އޭސީސީއިން ވަނީ ފާހަގަކޮށްފައެވެ.

އެ ވެންޓިލޭޓަރުތައް ސަޕްލައި ކުރުމާ ގުޅޭ އެއްބަސްވުމުގެ ޑްރާފްޓް ހެލްތުން އެޓާނީ ޖެނެރަލް (އޭޖީ) އަށް ފޮނުވުމުން އެ ފޮނުވި ދުވަސް ކަމަށްވާ އޭޕްރިލް 20 ގައި ވަނީ އެ އޮފީހުން ލަފާ ދީފައެވެ. އޭޖީ އިން ދީފައިވާ ލަފާގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއާއި ޕާފޯމެންސް ގެރެންޓީ ނުނަގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ވަނަ މާއްދާގެ ދަށުން ފިނޭންސް އިން އަންގާ ގޮތެއްގެ މަތީން ކަމަށް އޭސީސީއިން ބުނެއެވެ. އެހެންނަމަވެސް އޭޕްރިލް 16ގައި ހެލްތު ސޮއިކުރިއިރު އޭގެ ފަހުންވެސް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފިނޭންސްގެ ހުއްދައެއް ހޯދާފައި ނުވާ ކަމަށް އޭސީސީއިން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް