މާލެ ތިލަފުށި ބްރިޖު މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދަނީ

ތިލަފުށީގެ ސެޓެލައިޓް ފޮޓޯއެއް -- ގޫގްލް މެޕްސް

މާލެ ތިލަފުށި ބްރިޖު މަޝްރޫއުއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ބައްދަލުވުމެއް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީއިން މިއަދު ބުނެފައިވަނީ އެ މަޝްރޫއާ ގުޅިގެން އާންމުންގެ ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމުގައި އާންމުން ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ބައްދަލުވުމަށް ރެޖިސްޓާ ކުރުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލާފައެވެ.

ހައުސިން މިނިސްޓްރީއިން ބުނެފައިވަނީ އެ ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 26 ގައި 16:00 އިން ފެށިގެން ކަމަށެވެ.

މިނިސްޓްރީއިން ބުނެފައިވަނީ 'ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް' ގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދާ ކަމަށެވެ. އެ ޕްރޮޖެކްޓުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖްތަކަކުން ގުޅާލުމަށްވަނީ ހުށަހަޅާފައެވެ.

އެ މަސައްކަތުގެ ދަށުން ތިމާވެއްޓަށް އަސަރު ކުރާ މިންވަރު ދެނެގަންނަ އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

ޖުމްލަ 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ އެ މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ. މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް އެ މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ނިންމާފަ އެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިގްތިސާދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

comment ކޮމެންޓް