ކުޅުދުއްފުށީގެ ކޭސްތަކާ ގުޅިގެން ޓާސްކްފޯސްއެއް

ހދ. ކުޅުދުއްފުށި ބަނދަރު ސަރަހައްދު --- ފޮޓޯ: ކުޅުދުއްފުށި.ކޮމް

ކުޅުދުއްފުށީ ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ހާއްސަ ޓީމަކުން އެކަންކަން ބެލުމަށް ހާއްސަ ޓާސްކް ފޯސްއެއް އެކުލަވާލައިފިއެވެ.

ކުޅުދުއްފުށި ސިޓީގައި ކޮވިޑް19ގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާކަމަށް އެޗްއީއޯސީއިން ވަނީ ދާދި ފަހުން ހާމަކޮށްފައެވެ.

އެކަމާ ގުޅިގެން އެޗްއީއޯސީގެ ޓީމަކުން އެކަންކަން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން އެކަމުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ފައްޓަވާފައެވެ. އެގޮތުން މިއަދު އެ ޓާސްކް ފޯސް އެކުލަވާލައި އެ ޓާސްކް ފޯސްއާ ވަނީ ނައިބު ރައީސް ބައްދަލުކުރައްވާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފައިވަނީ އެ ސިޓީއަށް ޓެކްނިކަލް ފަރާތްތައް ހިމެނޭ ޓީމެއް ފޮނުވުމުގެ މަސައްކަތް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އެ ޓީމުގެ މަސައްކަތްތައް ކުރިއަށްދާއިރު ކުޅުދުއްފުށީ ސިޓީގައި މުހިއްމު ކަންތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކަށް މަސައްކަތް ރޭވުމަށް ނައިބު ރައީސް ވަނީ މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.

"ކުޅުދުއްފުށި ސިޓީއަކީ 70،000 މީހުންގެ އާބާދީއަކަށް ކޭޓާ ކުރާ އެ ސަރަހައްދުގެ އިގްތިސޯދީ ހަބް ކަމަށް ވާއިރު ކަންކަން އެކަށައެޅުވުމުގައި އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުންވެސް މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވޭނެގޮތަކަށް ކަންކަން އިންތިޒާމު ކުރައްވާ، އެކަންކަން ކުރައްވާ އިރު ހަނދާނުގައި ބަހައްޓަވާތި ދިވެހި ދައުލަތަށް އެންމެ މުހިއްމީ ކޮންމެ ރައްޔިތެއްގެ ސިއްހަތުކަން،" އެމަނިކުފާނު ވިދާޅުވިއެވެ.

މިމަހުގެ ފަސްވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކި ފުލުހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އެ ކޭސް އާއި ގުޅިގެން އެ ސިޓީ މޮނީޓަރިން އަށް ލުމަށްފަހު މިމަހުގެ ހަ ވަނަ ދުވަހު ވަނޯ މޮނީޓަރިންގެ ހާލަތު އުވާލައިފައެވެ. އެ ކޭސް އާއި ގުޅުގެން ކުޅުދުއްފުށީގެ އިތުރުން ހއ. ހޯރަފުށި، ހއ. ދިއްދޫ، ށ. ފުނަދޫ، ހއ. ބާރަށް އަދި ހދ. ކުރިނބީވެސް އޭރު މޮނީޓަރިންގެ ހާލަތަށް ގެންދިޔައެވެ.

comment ކޮމެންޓް